ކ. މާލެ
|
1 އޮކްޓޯބަރ 2024 | އަންގާރަ 09:00
ބާލިން މެރަތަންގައި ދުވުމަށްފަހު ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަޙުމަދު
ބާލިން މެރަތަންގައި ދުވުމަށްފަހު ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަޙުމަދު
ރާއްޖެ އެމްވީ
ބާލިން މެރަތަން
ބާލިން މެރަތަންގައި ކުރީގެ ފަސްޓް ލޭޑީ ފަޒްނާ ދުވެވަޑައިގެންފި
މެރަތަންގެ އެއް މަސް ދުވަހުގެ ކުރިން ފަޒްނާގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން، ގިނަ ދުވަސްތަކެއް ވަންދެން ފަޒްނާ އަށް ވަނީ ނުދުވެ ހުންނަވަން ޖެހިފަ އެވެ.

ޖަރުމަނުގެ ވެރި ރަށް ބާލިންގައި ކުރިއަށް ދިޔަ، ބާލިން މެރަތަންގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ބައިވެރިވެ ވަޑައިގެން، މެރަތަން ފުރިހަމަ ކުރައްވައިފި އެވެ.

މި މެރަތަން އަކީ ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މެރަތަން އެކެވެ. މިއަހަރުގެ ބާލިން މެރަތަން ޚާއްސަވެފައިވާ ސަބަބަކީ، މިއަހަރަކީ ބާލިން މެރަތަންގެ 50 ވަނަ އެޑިޝަން ބޭއްވި އަހަރު ކަަމަށްވާތީ އެވެ. އެތައް ބަޔަކު ބައިވެރިވި މި މެރަތަން އިން، ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަށް ޖާގަ ލިބިވަޑައިގެންނެވީ އެތުލެޓިކްސް އެސޯސިއޭޝަން އިން ހުޅުވާލި ފުރުސަތެއްގައި އެކަމަށް ކުރިމަތިލައްވައިގެންނެވެ.

މެރަތަން ނިންމުމަށް ފަޒްނާގެ ޓްރެއިނަރު ޙުސެއިން ޒިނާން އަންދާޒާ ކޮށްފައިވާ ވަގުތަކީ، 5:55 މިނެޓާއި، 5:59 މިނެޓުގެ ވަގުތެކެވެ. ފަޒްނާ ވަނީ އެ ޓާގެޓު ވަގުތުގެ ތެރޭގައި މެރަތަން ފުރިހަމަ ކުރައްވައިފަ އެވެ. މެރަތަންގެ އެއް މަސް ދުވަހުގެ ކުރިން ފަޒްނާގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން، ގިނަ ދުވަސްތަކެއް ވަންދެން ފަޒްނާ އަށް ވަނީ ނުދުވެ ހުންނަން ޖެހިވަޑައިގެންފަ އެވެ. އެ މުއްދަތުގެ ތެރޭގައި ތައްޔާރުވުމަށް މަސައްކަތް ކުރަމުން އައީ ބައިސްކަލު ދުއްވަވައިގެން ކަމަށް ފަޒްނާ ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ފަޒްނާ ވިދާޅުވީ މިއީ އެކަމަނާގެ ދެ ވަނަ މެރަތަން އަށް ވުމުން، ޕާސަނަލް ބެސްޓު ހެދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ޓާގެޓަކަށްވީ އަނިޔާއެއް ނުވެ މެރަތަން ފުރިހަމަ ކުރުން ކަމަށެވެ. އަދި އެކަމަށް އިރުޝާދު ދީފައި ވަނީ ވެސް ފަޒްނާގެ ޓްރެއިނަރު ޒިނާާން އެވެ. ފަޒްނާ ވިދާޅުވީ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން މެރަތަން ދޫކޮށްލަން ވެސް ވިސްނި ކަމަށެވެ. ނަމަވެސް ޑޮކްޓަރުން ދެއްވި އިރުޝާދާ އެކު މެރަތަންގައި ދުވަން ނިންމީ ކަމަށް ވެސް ފަޒްނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ފަޒްނާ ވަނީ މެރަތަންގައި ދުވުމުގައި އެކަމަނާ އަށް އެހީތެރިވި އެކި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އެގޮތުން ފަޒްނާގެ މެޑިކަލް ކަންކަމުގައި މަސައްކަތް ކޮށްދިން ޑޮކްޓަރުންނާއި، އެކި ފަރާތްތަކުގެ ނަންތައް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި އަނިޔާގެ ސަބަބުން ލިބުނު ވޭނަށް ކެތް ނުކުރެވޭ ދުވަސްތަކުގައި ވެސް، މެރަތަންގެ ދަތުރު ކެންސަލް ކުރަން އަވަސް އަރުވާލައިގެން ގޮތެއް ނުނިންމުމަށް އެކަމަނާގެ ފިރިކަލުން އަދި ރައީސް ޞާލިޙު ދެއްވި ހިތްވަރު ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މީގެ ކުރިން ފަޒްނާ ވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު ލ.އަތޮޅުގައި ބޭއްވި މެރަތަންގައި ވެސް ބައިވެރިވެ ވަޑައިގެން، އެ މެރަތަން ފުރިހަމަ ކުރައްވައިފަ އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު ތައިލެންޑުގައި ކުރިއަށް ގެންދިޔަ ސްޕާޓަން ސުޕަ ރޭސްގައި ވެސް ފަޒްނާ ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. ފަޒްނާ އަކީ މީގެ ކުރިން ވެސް ކަސްރަތުގެ އިތުރުން ދުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތެކެވެ.

- ކޮމެންޓް