ކ. މާލެ
|
28 ސެޕްޓެންބަރ 2024 | ހޮނިހިރު 00:21
ދެއްވަދޫ މަސްވެރިން މުޒާހަރާއަށް ތައްޔާރުވެފައި
ދެއްވަދޫ މަސްވެރިން މުޒާހަރާއަށް ތައްޔާރުވެފައި
ސޯޝަލް މީޑިއާ
ދެއްވަދޫ މަސްވެރިން މުޒާހަރާއަށް ތައްޔާރުވުން
ދެއްވަދޫ މަސްވެރިން މުޒާހަރާއަށް ތައްޔާރުވުމުން ފިޝަރީޒް މިނިސްޓްރީގެ ޓީމުން އެރަށަށް ކުރަން އޮތް ދަތުރު ކެންސަލްކޮށްފި
ސަރުކާރުން މިހާތަނަށް މަސްވެރިންނަށް ކޮށްދޭން ބުނެފައިވާ އެއްވެސް ކަމެއް ކޮށްފައިނުވޭ
މަސްވެރިކަމުގެ ސިނާއަތަށް ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި
ފިޝަރީޒް މިނިސްޓްރީގެ ޓީމުން ދަތުރު ކެންސަލްކޮށްފައިވަނީ އެންމެ ފަހު ވަގުތު

ގއ. ދެއްވަދޫ މަސްވެރިން މުޒާހަރާ ކުރަން ތައްޔާރުވެފައިވާތީ، އެރަށަށް ފިޝަރީޒް މިނިސްޓްރީގެ ޓީމުން ކުރަން އޮތް ދަތުރު ކެންސަލްކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން އެރަށުގެ މަސްވެރިއެއް ބުނީ މުޒާހަރާ ކުރުމަށް ތައްޔާރުވީ މިސަރުކާރުން ވަރަށް ބޮޑަށް މަސްވެރިންނަށް އިހުމާލުވަމުންދާތީ ކަމަށެވެ. ފިޝްރީޒް މިނިސްޓްރީގެ ޓީމެއް އެރަށަށް އައުމަށް ހަމަޖެހިފައިވާއިރު، މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވަން ބޭނުންވާ ކަމަށް އެ މަސްވެރިޔާ ބުންޏެވެ.

މަސްވެރިން ބުނެފައިވަނީ ސަރުކާރުން މިހާތަނަށް މަސްވެރިންނަށް ކޮށްދޭން ބުނެފައިވާ އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށާއި، މަހުގެ އަގުވެސް ދަށްކޮށްފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް ސަރުކާރުން ދޫކުރަންޖެހޭ ފައިސާ ދޫނުކޮށް ލަސްކުރަމުންދާ ކަމަށާއި، ވަރަށް ބޮޑަށް މަސްވެރިކަމުގެ ސިނާއަތަށް އިހުމާލުވަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިޝަރީޒް މިނިސްޓްރީގެ ޓީމް އެރަށަށް ދިއުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހު 3:00 ގައެވެ. ނަމަވެސް އެންމެފަހު ވަގުތު ދަތުރު ކެންސަލްކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލުން ބުނީ މަސްވެރިން މުޒާހަރާއަށް ވަރަށް ބޮޑަށް ތައްޔާރުވި ކަމަށެވެ. ނަމަވެސް ދަތުރު ކެންސަލް ކޮށްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

މަސް ދޯނި ފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއާ އަދި ލޯނާ ބެހޭ މައުލޫމާތު ދިނުމަށް ފިޝަރީޒް މިނިސްޓަރީގެ ޓީމެއް ދަނީ ދެކުނު ބައެއް ރަށްތަކަށް ދަތުރުކުރަމުންނެވެ. މިޓީމްގައި ސިޔާސީ ގިނަ ބޭފުޅުން ހިމެނިވަޑައިގަންނައެވެ.

ހުކުރު ދުވަހު ދެއްވަދޫއަށް ކުރަން އޮތް ދަތުރު ކެންސަލްކޮށްފައިވާއިރު، ބުރާސްފަތި ދުވަހު އެޓީމު ދާންދޫއަށް ދިއުމުން އެރަށުގެ ރައްޔިތުން ނިކުމެ އެމީހުން ރަށަށް އެރިއަ ނުދީ ވަނީ ބޭރުކޮށްލާފައެވެ.

އެރަށުން މައުލޫމާތު ދިން މަސްވެރިއެއް ބުނެފައިވަނީ ފިމިޝަރީޒް މިނިސްޓްރީގެ ޓީމް އެރަށް އަރުވަން ރައްޔިތުންނާއި މަސްވެރިން ބޭނުން ނުވީ ދާންދޫގެ މަސްވެރިންނަށް ކިރުވި މަހަށް ލާރި ނުދޭތާ މިހާރުވެސް މަހަކަށް ވުރެ ގިނަވެފައިވާތީއެވެ. އަދި ގިނަ އޮޑިފަހަރަށް ތިންލައްކަ ރުފިޔާއަށް ވުރެ ބޮޑު އެއްޗެއް ސަރުކާރުން ނުދީ އޮތުމުން ފިޝަރީޒް މިނިސްޓްރީގެ ބަޔަކާ އިތުރަށް ދައްކާނެ ވާހަކައެއް ނެތުމުންނެވެ.

- ކޮމެންޓް