ކ. މާލެ
|
27 ސެޕްޓެންބަރ 2024 | ހުކުރު 07:52
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އދ ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އދ ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ
އޭޕީ
ޣައްޒާ ހަނގުރާމަ
ފަލަސްތީނުގެ ރައީސް އދ ގެ ތަގުރީރުގައި އެމެރިކާ ކުށްވެރިކުރައްވާ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި
ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތައް އެމެރިކާއިން ތަކުރާރުކޮށް ވީޓޯކުރުމުގެ ސަބަބުން އިޒްރޭލަށް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަމަލާތައް ދިނުމަށް ފުރުސަތު ލިބިގެންދާ ކަމަށް އައްބާސް ވިދާޅުވި.

ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް އދ ގެ އާންމު މަޖިލީހުގައި ދެއްވި ތަގުރީރުގައި ޣައްޒާ ގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގައި އެމެރިކާއިން އިޒްރޭލަށް ދޭ އެހީތެރިކަން ކުށްވެރިކުރައްވާ އެމެރިކާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

މަހްމޫދު އައްބާސްގެ ވާހަކަފުޅުގައި އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ވަގުތުން ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ވަނީ ގޮވާލައްވާފައެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވަމުންދާ ކަންތައްތަކުގެ ޒިންމާ މުޅި ދުނިޔެއިން ނަގަންޖެހޭނެ،" 193 މެމްބަރުންގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހުގައި ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވިއެވެ.

މިއީ ފާއިތުވި އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ހުއްޓުމެއްނެތި ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާން ދޭން ފެށިފަހުން އދ ގައި ފަލަސްތީންގެ ރައީސް ދެއްވި ފުރަތަމަ ބަޔާނެވެ.

އައްބާސްގެ ވާހަކަފުޅުގައި ޣައްޒާ ހަނގުރާމައާ ގުޅޭ ގޮތުން އެމެރިކާގެ ނަން ވަކިން ވަނީ ފާހަގަ ކުރައްވާފައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން މަރުވަމުންދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރުވެސް އިޒްރޭލަށް ޑިޕްލޮމެޓިކް ރައްކާތެރިކަމާއި ހަތިޔާރު އެމެރިކާއިން ފޯރުކޮށްދެމުން ދާކަން އައްބާސްވަނީ ފާހަގަ ކުރައްވާފައެވެ.

ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނާ ގޮތުގައި އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 41،534 މީހުން ޣައްޒާ އިން މަރުވެފައިވެއެވެ.

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތައް އެމެރިކާއިން ތަކުރާރުކޮށް ވީޓޯކުރުމުގެ ސަބަބުން އިޒްރޭލަށް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަމަލާތައް ދިނުމަށް ފުރުސަތު ލިބިގެންދާ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

"ހިތާމަޔާއާ އެކު އަޅުގަނޑު ފާހަގަ ކުރަން ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅުނު ތިން ގަރާރަށް ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ – ޔުނައިޓެޑް ސްޓޭޓްސް އިން ވަނީ ހުރަސް އަޅާފައި،" އައްބާސް ވިދާޅުވިއެވެ. "އެމެރިކާ އިން އެކަނި ތެދުވެ މި ބުނަނީ ނޫނެކޭ ހަނގުރާމަ ދާންވާނީ ކުރިއަށޭ،" އޭނާ ވިދާޅުވިއެވެ.

އައްބާސް މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު އެމެރިކާ ފާހަގަ ކުރެވެނީ އިޒްރޭލަށް އެންމެ ބޮޑަށް މަދަދުވެރިވާ، އެތައް ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ކޮންމެ އަހަރަކު އިޒްރޭލަށް ފޯރުކޮށްދޭ ގައުމުގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް