އުސޫލާ ހިލާފަށް އާއްމު ސަރަހައްދުތަކާއި މަގުތައް ކޮނުމުގައި، ގެއްލުމެއް ލިބޭ ހާލަތުގައި ބަދަލު ހޯދުމަށް ގާނޫނީ ގޮތުން މަސައްކަތް ކުރާނެ ކަމަށް ފެނަކަ ކޯޕްރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ފެނަކައިން ބުނީ އެކިއެކި މަސައްކަތްތައް ކުރުމަށް މަގުތައް ނުވަތަ އާއްމު ސަރަހައްދުތައް ކޮނުމުގެ ތެރޭގައި ބިމުގައި ވަޅުލާފައިވާ ނެޓްވޯކު ކޭބަލްތަކަށާއި، ހޮޅިތަކަށް ގެއްލުން ލިބި ޒަރޫރީ ޚިދުމަތްތަކަށް ބުރޫއަރަމުން ދިއުން އިތުރުވެފައިވާ ކަމަށެވެ.
ކުރިން އެނގުމަކާނުލައި ރައްޔިތުންނަށް ލިބިލިބި ހުރި ޚިދުމަތެއް ކުއްލިޔަކަށް ހުއްޓުމަކީ ރައްޔިތުން ތަހައްމަލް ކުރަންޖެހޭ ތަކުލީފުތައް އިތުރަށް ބޮޑުވެ ނުތަނަވަސްކަން އިތުރުވާކަން ފާހަގަކޮށް ފެނަކައިން ބުނީ ކުންފުނީގެ ބައިވެރިވުމެއް ނެތި މިގޮތަށް ހިނގާ ހާދިސާތަކުގައި މައްސަލައެއް ދިމާވިކަން އެނގެނީ ޚިދުމަތް ހުއްޓި ރައްޔިތުން ޝަކުވާ ލިބޭ ހިސާބުން ކަމަށެވެ. އަދި ކުންފުނީގެ ބައިވެރިވުމެއް ނެތި ދިމާވާ މިފަދަ ހާދިސާތަކުގައި މައްސަލަ ދިމާވި ސީދާ ތަނެއް ނުވަތަ ހިސާބެއް ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތް ދިގުލައިގެން ދިއުމުން ޚިދުމަތް މެދުކެނޑިފައި އެތައް ވަގުތެއް ހޭދަވާ ކަމަށާއި، މިއީ ރައްޔިތުންނަށް ވެސް އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ ހައިސިއްޔަތުން ކުންފުންޏަށް ލިބޭ ފޫނު ބެއްދޭވަރުގެ ގެއްލުމެއް ކަމަށެވެ.
ފެނަކައިން ބުނީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ކަމުގައިވާ ކަރަންޓާއި ފެން އަދި ނަރުދަމާގެ ނެޓްވޯކް ރަށުގެ ހުރިހާ ހިސާބަކަށް ވެސް ފޯރުކޮށްދެނީ ބިމުގައި ވަޅުލާފައިވާ ކޭބަލް، ހޮޅި ނުވަތަ މިފަދަ ނެޓްވޯކްތަކެއް ޒަރީއްޔާއިން ކަމަށެވެ. ރާއްޖޭގެ ގުދުރަތީ ހާލަތަށް ރިޔާއަތްކޮށް މިފަދަ ނެޓްވޯކްތައް ގާއިމްކޮށްފައިވަނީ ނިސްބަތުން ބިމުގެ ތިލަ ހިސާބުތަކުގައި ކަމަށްވާއިރު، މަގުކޮނުން، ނުވަތަ ތޮރުފުން ފަދަ މަސައްކަތެއްގެ ތެރެއިން ވެސް މިފަދަ ކޭބަަލަކަށް ގެއްލުން ލިބުމުގެ ފުރުސަތު އޮތުމުން މިފަދަ ކަންކަން ދިމާވުން މަދުކުރުމަށް ސަލާމަތީ އުސޫލުތަކެއް ގާއިމްކޮށްފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
އެގޮތުން ސަރުކާރު ކުންފުންޏެއް ކޮންޓްރެކްޓް ކުރެވިގެން މަސައްކަތް ކުރާ ފަރާތެއް ނުވަތަ އާއްމު ފަރުދަކުވިޔަސް އެއްވެސް ބޭނުމަކަށް މަގު ކޮނުން ތޮރުފުން ނުވަތަ މިފަދަ އެއްވެސް ކަމެއް ކުރަންވާނީ އެރަށެއްގައި ގާއިމްކޮށްފައިވާ ފެނަކަ އޮފީހުގެ ޓެކްނިކަލް މުވައްޒަފުންގެ ހާޒިރުގައި ކަމަށް ފެނަކައިން ބުނެއެވެ.
މަގުތަކާއި އާއްމު ސަރަހައްދުތަކަކީ ކައުންސިލުތަކުގެ ބެލުމުގެ ދަށުގައުވާ ތަންތަން ކަމަށް ވުމުން މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް މިފަދަ މަސައްކަތެއް ހިނގަންވާނީ ސީދާ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށާއި، މި މަސައްކަތުގައި ކައުންސިލްގެ އެއްބާރުލުން ބޭނުންވާ ކަމަށް ފެނަކައިން ބުނެއެވެ.
މީގެ އިތުރުން ފެނަކައިން ބުނީ އަސާސީ ޚިދުމަތްތަކަކީ އެ ޙިދުމަތްތައް މެދުކެނޑި ހިނގާ ކޮންމެ މިނެޓަކުވެސް ރައްޔިތުންގެ އާއްމު ދިރިއުޅުމަށް އޭގެ ސީދާ ގެއްލުން ލިބޭ ކަންކަންކަމުން އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަކީ ގާނޫނީ ޒިންމާއެއް ކަމަށެވެ. ވުމާއެކު ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ޔަގީންކަން ދެމެހެއްޓުމަށް ކުންފުނިން ގާއިމްކޮށްފައިވާ އުސޫލުތަކުން ބޭރުން ކުރާ މަސައްކަތެއްގެ ތެރޭގައި ލިބޭ ގެއްލުމެއްގެ ބަދަލު ހޯދުމަށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނީ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި އެންމެން ގުޅިގެން ގާނޫނީ އަދި ފަރުދީ ޒިންމާގެ ތެރެއިން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމަކީ ރައްޔިތުންނަށް އޭގެ ހެޔޮ ނަފާ ލިބޭނެ ކަމެއް ކަމަށެވެ. އަދި އަސާސީ ޚިދުމަތްތަކަށް ބުރޫ ނާރާނެފަދަ ގޮތަކަށް އަމަލު ކުރުމުގެ ޒިންމާ ހުރިހާ ފަރާތްތަކުން ވެސް އަދާކުރުމަށް ފެނަކައިން ވަނީ އިލްތިމާސްކޮށްފައެވެ.