Advertisement
ކ. މާލެ
|
25 ސެޕްޓެންބަރ 2024 | ބުދަ 19:02
ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވުން
ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވުން
ރައީސް އޮފީސް
ރައީސް މުއިއްޒުގެ އދ.ގެ ދަތުރުފުޅު
ރައީސް މުއިއްޒު އުޅުއްވަނީ އައު ކުކުޅަކަށް ގާބިހެއް އެޅުމުން އުޅޭ ގޮތަށް: މެންބަރު އަހުމަދު ދީދީ
މިއީ ޕީއާރް ޖެއްސުމުގައި ވެސް ނާގާބިލް ސަރުކާރެއް
ވަގުތުން ވަގުތަށް ވެސް އިޒްރޭލް ޕާސްޕޯޓު ބޭން ކުރެވޭނެ ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގެންދޭ
ރައީސް އެހެން ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވާއިރު، ފަލަސްތީނަށް ނިސްބަތްވާ ސްކާފް ނަޅުއްވާ ސަބަބާމެދު ސުވާލު އުފެއްދި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އުޅުއްވަނީ އައު ކުކުޅަކަށް ގާބިހެއް އެޅުމުން އުޅޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު އަހުމަދު ދީދީ ވަނީ ވަރަށް ބޮޑަށް ރައީސް މުއިއްޒަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރައްވާ ދަތުރުފުޅަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައިވެއެވެ. މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައީސް މުއިއްޒު އުޅުއްވަނީ އައު ކުކުޅަކަށް ގާބިހެއް އެޅުމުން އުޅޭ ގޮތަށް ކަމަށާއި، ވަރަށް ބާރަށް ކުކުރާނެ ކަމަށެވެ. ރައީސް މުއިއްޒުގެ މިދަތުރުފުޅުން ވެސް ފެންނަނީ އެމަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

މި ދަތުރުފުޅުގެ ޓްރާންސިޓްގައި ރައީސް މުއިއްޒު، އިޒްރޭލުގެ އަނިޔާވެރި ސިފައިންނަށް އެހީތެރިވެދޭ ޕްރޮޑަކްޓްތަކުގެ ގޮތުގައި ފާހަގަކުރެވޭ ކޮސްޓާ ކޮފީގެ ހިއްޕަވާ މަންޒަރު ފެންނަ ވީޑީއޯއެއް ސޯޝަލް މީޑީއާގައި އާއްމުކޮށްފައިވާތީ އެކަމާއި ގުޅޭގޮތުން މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައްޔިތުންނަށް ދައްކަން މަސައްކަތް ކޮށްފައިވަނީ އެމަނިކުފާނު ހުންނެވީ ވީއައިޕީ ލައުންޖުގައި ނޫން ކަމަށެވެ. ނަމަވެސް ހަގީގީ މަގުސަދު ހާސިލު ނުވީ ޕީއާރް ޖެއްސުމުގައި ނާގާބިލު ކަމުން ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.

އައު ކުކުޅަކަށް ގާބިހެއް އެޅުނީއޭ. އެހެންވީމަ ވަރަށް ބާރަށް ކުކުރާނެ. އެކަހަލަ ގޮތަކަށް މިފެންނަނީ. ހަގީގަތުގައި އދ.ގެ މަޖިލީހަށް ތަގުރީރުކުރަން ގައުމުތަކުގެ ރައީސުން ދިއުމަކީ ހަމަ އާއްމުކަމެއް. ދިވެހިރާއްޖޭގައި މިހާތަނަށް އެކަންތައް އޮތީ ވަރަށް އާއްމު ކަމެއްގެ ގޮތުގައި. މިބޭފުޅުން ދައްކަން މިއުޅޭ މަންޒަރަކީ މިއީ މުޅިން އައުކަމެއްގެ ގޮތުގައި. މިކަމަކީ މީގެ ކުރިން ދިވެހިރާއްޖޭގައި ހިނގާފައިނުވާ ކަމެއްގެ ގޮތުގައި. ދިވެހިރާއްޖޭގެ ރައީސަކު ނުކޮށް ކޮށްފައި ނެތްވަރުގެ ކަމެއްގެ ގޮތުގައި ދައްކަން އުޅެނީ. އެމަންޒަރު ސިފަކޮށްދޭން އުޅެނީ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ

ރާއްޖޭގެ ރައްޔިތުން ތިބީ ޕަލަސްތީނުގެ ރައްޔިތުންނާއެކުކަން ފާހަގަކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައީސް މުއިއްޒާއި، މިސަރުކާރުގެ ބޭފުޅުންގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ. އެއީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް ކުރިއަށް ނުގެންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ. މެންބަރު އަހުމަދު ދީދީ ވިދާޅުވީ އެ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުގެ ބިލު ޕާކުކޮށްފައިވާ ކަމަށާއި، އެއްކޮށް އިޒްރޭލްގެ ޕާސްޕޯޓު ބޭން ކުރުމަށް އުދަނގޫވާނަމަ އިޒްރޭލް ސަރުކާރުގެ ބޭފުޅުންނާއި، ސިފައިންގެ ޕާސްޕޯޓު ބޭން ކުރެވޭ ގޮތަށް ހިޔާލު ދީފައިވާ ކަމަށެވެ. އަދި އެ މިންވަރަށް ވެސް ބޭން ކުރުމަށް މިސަރުކާރުން މަސައްކަތް ނުކުރާ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.

މެންބަރު އަހުމަދު ދީދީ ވިދާޅުވީ ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ވަގުތަށް ވެސް އިޒްރޭލް ޕާސްޕޯޓު ބޭން ކުރެވޭ ބިލް ފާސްކުރެވޭނެ ކަމަށެވެ. މިއަދު ސަރުކާރުން ފާސްކުރަން ބޭނުންވާ ބިލްތަކާއި ގާނޫނުތައް ވަރަށް އަވަހަށް ފާސްކޮށް، މަސައްކަތް ނިންމާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބޭފުޅުން ދައްކަން މިއުޅެނީ އިޒްރާއީލާ ވަަރަށް ދެކޮޅުކަން. ބައެއް ފަރާތްތަކުން އެބަ ބުނޭ އިޒްރޭލްގެ އެއްވެސް ބަޔަކު ދިވެހިރާއްޖެ އެތެރެވެގެން ވެސް ނުވާނެއޭ. އެހެންނަމަވެސް އެބޭފުޅުން އެގޮތަށް ވިދާޅުވެފައި މި ބިލު މިގޮތަށް ބާއްވައިގެން ތިބުމަކީ މިގޮތަށް ފާއިތުވާ އެންމެ ދުވަހަކީ ވެސް ދިވެހި ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ދެރަކަމެއް ހަގީގަތުގައި. ހަަމައެކަނި ފަލަސްތީނެއް ނޫން މިއަދު ފެންނަމުން މިގެންދަނީ މުސްލިމް އަހުވަންތަ ގައުމެއް ކަމުގައިވާ ލުބްނާނަށް ވެސް ބޮން އަޅާ އެތައް ސަތޭކަ ބަޔަކު މަރަމުން ގެންދާތަން. މިއީ އައުކަމެއް ނޫން. އިޒްރޭލްގެ ޕާސްޕޯޓު ވަރަށް ގިނަ ގައުމުތަކުގައި ބޭންކޮށްފައި އިސްލާމީ ގައުމުތަކުގައި. އެއްކޮށް ބޭނުންނުކުރާ ކަމަށްވަންޏާ އޮޕިޝަލުންނަށް އެތެރެވޭ ނުވެވޭ ގޮތް ވެސް އަބަ ޖެހޭ ހަދަން. ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ވެސް މިކަން ކުރެވޭނެ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ

ރައީސް މުއިއްޒު އދ.ގެ އާންމު މަޖިލީހުގެ ދަތުރުފުޅަށް އިޝާރާތް ކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ މި ދަތުރުފުޅުގައި ރައީސް މުއިއްޒު ފަލަސްޠީނުގެ ރައީސް، ޑރ. މަޙްމޫދު އައްބާސްއާ ބައްދަލުކުރެއްވި ކަމަށާއި، އެކަމާ އުފާ ކުރާ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ހުންނެވީ ޕަލަސްތީނަށް ތާއީދުކުރައްވާކަން ހާމަކުރެއްވުމަށް ފަލަސްތީނަށް ނިސްބަތްވާ ސްކާފެއް އަޅުއްވާގެން ކަމަށެވެ. ނަމަވެސް އެހެން ގައުމުގެތަކުގެ ބޭފުޅުންނާ ބައްދަލުކުރެއްވިއިރު، އެ ސްކާފް ނާޅުއްވާ ކަމަށާއި، އެކަމާ ސުވާލު އުފެދޭ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް