ކ. މާލެ
|
24 ސެޕްޓެންބަރ 2024 | އަންގާރަ 09:46
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް
ރޮއިޓާސް
ބާސެލޯނާ
ބާސެލޯނާއާ މެދު ވަރަށް ބޮޑަށް ފަޚުރުވެރިވަން: ފްލިކް
ޚާއްސަކޮށް ބާސެލޯނާގެ ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމާއި، ނެރެމުން އަންނަ ނަތީޖާގެ ސަބަބުން އެ ޓީމުގެ ސަޕޯޓަރުން ވެސް ވަރަށް ބޮޑު އުފާވެރި ކަމެއްގެ ތެރޭގައި ތިބި ކަމަށް ފްލިކް ބުންޏެވެ.

ސްޕެއިންގެ ބާސެލޯނާއާ މެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށް، އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

ފްލިކް މިހެން ބުނީ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުން މޮޅުވެ ބާސެލޯނާ އިން ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ސްޕެނިޝް ލީގުގައި މިހާތަނަށް ބާސެލޯނާ އިން ހަ މެޗު ކުޅެފައިވާއިރު، އެ ޓީމު ވަނީ އެ ހަ މެޗުން ވެސް މޮޅުވެފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ފްލިކް ބުނީ، ބާސެލޯނާގެ ޓީމު އަދި ކޮންމެ ކުޅުންތެރިޔަކާ މެދު ވެސް އޭނާ ވަރަށް ފަޚުރުވެރިވާ ކަމަށެވެ. ޚާއްސަކޮށް ބާސެލޯނާގެ ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމާއި، ނެރެމުން އަންނަ ނަތީޖާގެ ސަބަބުން އެ ޓީމުގެ ސަޕޯޓަރުން ވެސް ވަރަށް ބޮޑު އުފާވެރި ކަމެއްގެ ތެރޭގައި ތިބި ކަމަށް ފްލިކް ބުންޏެވެ.

ޚާއްސަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވާއިރު ވެސް އެޓޭކުގައި އަދި ޑިފެންސްގައި ބާސެލޯނާގެ ކުޅުންތެރިން ކުރާ މަސައްކަތް ފާހަގަ ކުރާ ކަމަށް އޭނާ ބުންޏެވެ. އަބަދު ވެސް ކުޅުންތެރިންގެ ފަރާތުން ފެންނަމުން ދަނީ މެޗަށް ފޯކަސް ކޮށްގެން ތިބޭ މަންޒަރު ކަމަށާއި، އެކަމުގެ ސަބަބުން ބާސެލޯނާ އަށް ފުރިހަމަ ފުޓުބޯޅައެއް ކުޅެވޭ ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ ބާސެލޯނާ އިން ކުރަމުން އަންނަނީ ފުރިހަމަ މަސައްކަތެއް ކަމަށާއި، މެޗަކަށްފަހު މެޗަކަށް ބަލާއިރު، އޭނާ ހިތްހަމަ ޖެހޭ ގިނަ ކަންތައްތަކެއް ފެންނަމުން އަންނަ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް އެ މަސައްކަތް ކުރުމުގައި ބާސެލޯނާ ދެމި އޮންނާނެ ކަމަށާއި، ބޭނުން ވަނީ ނަތީޖާ ނެރެން ކަމަށް ވެސް ފްލިކް ބުންޏެވެ.

މި ސީޒަނާ ދިމާކޮށް ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ފްލިކްގެ އިރުޝާދުގެ ދަށުން އެ ޓީމު އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މިހާތަނަށް ކުޅުނު ހަ މެޗުން ވެސް މޮޅުވެ، ބާސެލޯނާ އެއް ވަނައިގައި އޮތީ 18 ޕޮއިންޓާ އެކު އެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް