ކ. މާލެ
|
24 ސެޕްޓެންބަރ 2024 | އަންގާރަ 17:00
ގަލޮޅު ދަނޑުގައި ޤާއިމު ކުރި އެފްއޭއެމްގެ އޮފީސް
ގަލޮޅު ދަނޑުގައި ޤާއިމު ކުރި އެފްއޭއެމްގެ އޮފީސް
ރާއްޖެ އެމްވީ
އެފްއޭއެމް
ނޯމަލައިޒިން ކޮމެޓީގެ މަސައްކަތްތައް ގަލޮޅު ރަސްމީ ދަނޑުގައި ޤާއިމު ކުރި އޮފީހަށް
އެ އޮފީހުގައި އެ ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ މުއްދަތަށެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމެޓީން މަސައްކަތް ކުރާނެ ވަގުތީ އޮފީހެއް، ގަލޮޅު ރަސްމީ ދަނޑުގައި ޤާއިމުކޮށް، އެ ކޮމެޓީގެ މަސައްކަތްތައް އެ އޮފީހުގައި ކުރަން ފަށައިފި އެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ ރާއްޖޭގެ ފުޓުބޯޅަ ނޯމަލައިޒް ކުރަން ނިންމައި، ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް ނަގައިފަ އެވެ. އެ ކޮމެޓީން އަންނަނީ ފުޓުބޯޅައިގެ އެކި އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކުލަބުތަކާއި ބައްދަލު ކުރުމުގެ އިތުރުން، ކަމާ ގުޅުން ހުރި އިދާރާތަކާ ވެސް އަންނަނީ ބައްދަލު ކުރަމުންނެވެ. ނަމަވެސް، ނޯމަލައިޒިން ކޮމެޓީން ރަސްމީކޮށް މަސައްކަތް ކުރާނެ އޮފީހެއް ނުވަތަ މާހައުލެއް ނެތުމުގެ ކަންބޮޑުވުން އެ ކޮމެޓީ އަށް އޮތެވެ.

އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ އެދުމުގެ މަތިން ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވުޒާރާ އިން ވަނީ ގަލޮޅު ރަސްމީ ދަނޑުގައި އެ ކޮމެޓީ އަށް ވަގުތީ އޮފީހެއް ޤާއިމު ކޮށްދީފަ އެވެ. އެ އޮފީހުގައި އެ ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ މުއްދަތަށެވެ. އެއަށްފަހު، އެ ކޮމެޓީގެ މަސައްކަތްތައް މާފަންނުގައި ހުންނަ އެފްއޭއެމްގެ ހައުސް އަށް ބަދަލު ކުރެވޭނެ ކަަމަށް އުންމީދު ކުރައްވާ ކަމަށް، ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަޙުމަދު ޒުހޫރު މި ނޫހަށް ވިދާޅުވީ، އަންގާރަ ދުވަހުން ފެށިގެން ރަސްމީކޮށް އެ ކޮމެޓީގެ މަސައްކަތްތައް ކުރަމުން ގެންދާނީ އެ އޮފީހުގައި ކަމަށެވެ. ނޯމަލައިޒިން ކޮމެޓީ އަށް އެންމެ ފުރަތަމަ ދިމާވި ގޮންޖެހުމަކީ މަސައްކަތް ކުރާނެ އޮފީހެެއް ނެތުންކަން ފާހަގަ ކުރައްވައި ޒުހޫރު ވިދާޅުވީ، އެކަމަށް ޙައްލެއް ގެނެވުމުން ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ކޮމެޓީގެ މަސައްކަތް އެންމެ ފުރިހަމަ އަށް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ.

އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ މަސައްކަތްތައް ގަލޮޅު ރަސްމީ ދަނޑަށް ބަދަލު ކޮށްފައިވާއިރު، މާފަންނުގައި ހުންނަ އެފްއޭއެމް ހައުސް ހުރީ މީގެ ކުރިން ވަރަށް ބޮޑަށް ވީރާނާވެފަ އެވެ. އެ އިމާރާތް ސާފުނުކޮށް ގިނަ ދުވަސްވެފައިވާއިރު، އެ އިމާރާތުގެ އެތެރޭގައި ވެސް ވަރަށް ގިނަ ކުނި ހުއްޓެވެ. ނަމަވެސް، ކުރީގެ ބައެއް ކުޅުންތެރިންގެ އަމިއްލަ އިސްނެގުމުގެ މަތިން މި ފަހުން ވަނީ އެ އިމާރާތް ސާފު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް