ކ. މާލެ
|
24 ސެޕްޓެންބަރ 2024 | އަންގާރަ 09:43
ސިޓީ އަށް ކުޅެމުން އަންނަ ކެވިން ޑި ބްރޭނާ
ސިޓީ އަށް ކުޅެމުން އަންނަ ކެވިން ޑި ބްރޭނާ
ރޮއިޓާސް
މެންޗެސްޓަރ ސިޓީ
ޑި ބްރޭނާގެ އަނިޔާ ސީރިއަސްއެއް ނޫން: ގާޑިއޯލާ
ސިޓީގެ މެދު ތެރޭގައި މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ޑި ބްރޭނާ ވަނީ މި ސީޒަންގައި ސިޓީ އަށް ކުޅެދިން ހަ މެޗުގައި އެއް ލަނޑު ޖަހައިފަ އެވެ.

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ކެވިން ޑި ބްރޭނާގެ އަނިޔާ ސީރިއަސް ނޫން ކަމަށް، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ސިޓީން އިންޓަ މިލާންއާ ދެކޮޅަށް ކުޅުނު މެޗުގައި ޑި ބްރޭނާ އަށް ވަނީ އަނިޔާވެފަ އެވެ. ސިޓީ އެއްވަރުވި އެ މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު، ޑި ބްރޭނާ ވަނީ ބަދަލުކޮށްފަ އެވެ. އެއީ އޭނާ އަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. އޭގެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ސިޓީން އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ ނުކުޅެ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނެފައި ވަނީ ޑި ބްރޭނާ އަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށެވެ. އެހެން ނަމަވެސް، އާސެނަލް މެޗުގައި އޭނާ ލައްވާ ނުކުޅުވަން ނިންމީ، ސިޓީގެ މެޑިކަލް ޓީމުގެ އިރުޝާދުގެ މަތިން ޑި ބްރޭނާ އަށް ކުޑަ ރެސްޓެއް ދިނުމަށް ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. ސިޓީން އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައި ޑި ބްރޭނާގެ ބަދަލުގައި ގާޑިއޯލާ ފުރުސަތު ދިނީ އިލްކާއީ ގުންޑޮގާން އަށެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ، ސިޓީން ދެން ކުޅޭ މެޗެއްގައި ޑި ބްރޭނާ ފެނުމާ މެދު މިވަގުތަށް އެއްޗެއް ބުނަން ދަތި ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. ވަކިން ޚާއްސަކޮށް ދެން ސިޓީން ކުޅޭ މެޗުގެ ކުރިން ކުރިއަށް ގެންދާ ފަރިތަކުރުންތަކަށްފަހު، އެކަމާ މެދު ފައިނަލް ނިންމުމެއް ނިންމާނެ ކަމަށް ވެސް ގާޑިއޯލާ ބުނެފައިވެ އެވެ. އަދި އެ ނިންމުން ނިންމާނީ ވެސް، މެޑިކަލް ޓީމާ މަޝްވަރާ ކުރުމަށްފަހުކަން ވެސް ގާޑިއޯލާ ފާހަގަ ކުރި އެވެ.

ސިޓީގެ މެދު ތެރޭގައި މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ޑި ބްރޭނާ ވަނީ މި ސީޒަންގައި ސިޓީ އަށް ކުޅެދިން ހަ މެޗުގައި އެއް ލަނޑު ޖަހައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް