ކ. މާލެ
|
23 ސެޕްޓެންބަރ 2024 | ހޯމަ 09:25
މެޗުގައި ލަނޑު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
ސިޓީ ސަލާމަތްވީ ފަހު ވަގުތު ޖެހި ލަނޑުން
ނަތީޖާ އާއެކު ސިޓީ އެއް ވަނައިގައި އޮތީ ޕޮއިންޓެއްގެ ލީޑަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ވާދަވެރި އާސެނަލް ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ސިޓީން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، އާސެނަލް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ލީޑު ނަގައިފަ އެވެ. ނަމަވެސް، މެޗުގެ ފަހު ވަގުތު ސިޓީން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ނަގައިދިނީ ނޯވޭގެ ފޯވާޑް އާލިން ހާލަންޑް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ސަވީނިއޯ އެވެ. ނަމަވެސް މެޗުގެ 22 ވަނަ މިނެޓުގައި އާސެނަލް އިން ލަނޑޫ ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. ގަބްރިއެލް މާޓިނެލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު އާސެނަލަށް ޖަހައިދިނީ ރިކާޑޯ ކަލަފިއޯރީ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ގަބްރިއެލް މަގާޅައެސް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ބުކަޔޯ ސަކާ އެވެ. އޭގެ ފަހުން އާސެނަލްގެ ލިއާންޑްރޯ ޓްރޮސާޑަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. މެޗުގެ ފަހު ހާފު ދިހަ ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ އާސެނަލް ކައިރިން ސިޓީ ސަލާމަތްކޮށްދިނީ ޖޯން ސްޓޯންސް އެވެ. އެއީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލަނޑު ޖަހައިގެންނެވެ.

ނަތީޖާ އާއެކު ސިޓީ އެއް ވަނައިގައި އޮތީ ޕޮއިންޓެއްގެ ލީޑަކުންނެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން އެ ޓީމަށް ލިބެނީ 13 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ލިވަޕޫލަށް ލިބެނީ 12 ޕޮއިންޓެވެ. 11 ޕޮއިންޓާ އެކު އާސެނަލް އޮތީ ހަތަރު ވަނައިގަ އެވެ. ތިން ވަނައިގައި އެސްޓަން ވިލާ އަށް ލިބެނީ 12 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް