އިޤްތިސާދީ ތަސައްވުރު ބިނާ ކުރަންވާނީ އާންމު ރައްޔިތު މީހާގެ އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުމަށްފަހުކަމަށް ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ މެމްބަރު އިމާދު ސާލިޙު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޓީވިޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިމާދު ވިދާޅުވީ، އައްޑޫސިޓީއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ މުހިއްމު ރޯލެއް އަދާކުރާ ސިޓީއެއް ކަމަށެވެ. އެގޮތުން އިލްމީ ގޮތުންނާއި، ފަންނުވެރިކަމުގެ ރޮނގުން ބެލި ނަމަވެސް އައްޑޫގެ ރައްޔިތުންނަކީ ފާހަގަ ކޮށްލެވޭ ބައެއްކަމަށް އިމާދު ވިދާޅުވިއެވެ.
ފަހުގެ ތާރީޚަށް ބަލާލިނަމަވެސް، އިލްމުު ހޯދުމުގައި އެންމެ ކުރީގައި، ނަތީޖާ ނެރުމުގައި އެންމެ ކުރީގައި އަދި ހަމައެހެންމެ ޑޮކްޓަރުންނާއި، އިންޖިނިޔަރުންނާއި ފަންނުވެރިކަމުގެ އެކިއެކި ޕްރޮފެޝަންތަކަށް ބެލި ނަމަވެސް، އައްޑޫގެ ދަރިންނަކީ މިއަދުވެސް ރާއްޖޭގެ ޚިދުމަތުގައި ތިބި ފަރާތްތައް އަޅުގަނޑުމެން ބަލާއިރުވެސް ފާހަގަ ކުރެވޭ ފަރާތްތައް އިނގޭތޯ.އިމާދު ސާލިޙު
އެހެންނަމަވެސް، ވޭތުވެދިޔަ އެކި ސަރުކާރުތަކުން އައްޑޫސިޓީއާމެދު އިހުމާލުވެފައިވާކަން ފާހަގަ ކުރައްވައި އިމާދު ވިދާޅުވީ، އައްޑޫގެ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ބޭނުން ކުރުމާއި، އައްޑޫގެ ރައްޔިތުން ރަށުގައި ތިބެގެން ޚިދުމަތް ކުރުމަށް އެކަމުގެ ސަބަބުން ހުރަސް އެޅިފައިވާ ކަމަށެވެ.
އަދި ރާއްޖެއަށް އައި ޑިމޮކްރަޓިކް ބަދަލުތަކާއެކު ތަރައްޤީގެ ލަނޑުދަނޑިތަކުގެ ކޮންމެވެސް މިންވަރެއް ޙާސިލުވެފައިވީނަމަވެސް، އެ މަގުން ކުރަންޖެހޭ މަސައްކަތް އަދިވެސް ގިނަކަމަށް އިމާދު ވިދާޅުވިއެވެ.
އިމާދު އިތުރަށް ވިދާޅުވީ، 2008ން ފެށިގެން ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް ވަޑައިގަންނަވަނީ ވަކި މެނިފެސްޓޯއަކާއެކު ކަމަށާއި، އޭގެ ތެރެއިންވެސް އައްޑޫއަށް ބޮޑު ޚާއްސަކަމެއް ލިބިގެންދާ ކަމަށެވެ. ނަމަވެސް ވެރިިކަމުގެ 5 އަހަރު ނިމިގެންދާއިރު، ވައުދު ލިސްޓުގެ ބޮޑު ބައެއް އޮންނަނީ އަތްވެސް ނުލެވިކަން އިމާދު ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން ވައުދު ލިސްޓާއި މެނިފެސްޓޯ ތައްޔާރު ކުރަނީ އިހުލާސްތެރިކަމާއެކުތޯ އިމާދު ވަނީ ސުވާލު އުފައްދަވާފައެވެ.
އޭގެ އިތުރުން، އިޤްތިސާދީ ތަސައްވުރު ބިނާ ކުރަންވާނީ އާންމު ރައްޔިތު މީހާގެ އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުމަށްފަހުކަމަށްވެސް އިމާދު ވިދާޅުވިއެވެ. އެއީ ދައުލަތުން ފަހިކޮށްދޭން ޖެހޭ ކަންކަން ކަމަށްވާއިރު، އެކަމުގެ ބޮޑު ބައި އޮތީ ޙައްލު ނުކުރެވިކަމަށް އިމާދު ވިދާޅުވިއެވެ.
އިމާދު ވިދާޅުވީ، އެމްޑީޕީގެ ނިމިދިޔަ 5 އަހަރުގައި އެ ލަނޑުދަނޑިތައް ޙާސިލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން އާންމު ރައްޔިތެއްގެ ޙައިސިއްޔަތުން އޭނާ ޤަބޫލު ކުރައްވާ ކަމަށެވެ.
އެހެންކަމުން މިއަދުގެ ސަރުކާރުން އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދޭން ބޭނުންވާނަމަ، ޝެޑިއުލް ފްލައިޓުތައް ބޭރުގެ ބައެއް ޤައުމުތަކުން ދެމެހެއްޓެނިވި ގޮތެއްގައި އައްޑޫއަށް ޖެއްސޭނެ މަގު ދައުލަތުން ފަހިކޮށްދިނުމަށް އިމާދު ގޮވާލެއްވިއެވެ. އިމާދު ވިދާޅުވި ގޮތުގައި އެއީ އައްޑޫއަށް ބޭނުންވާ "އިންޓަނޭޝަނަލް ކަނެކްޓިވިޓީ" އަށްވެސް މުހިއްމު ކަމަަކަށް ވެގެންދާނެއެވެ.
އަދި އެކަންކަން ފަހިވެގެން ގޮސްފިނަމަ އައްޑޫއަށް އެތައް ގޮތަކުން ކުރިއެރުން އަންނާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.