ކ. މާލެ
|
21 ސެޕްޓެންބަރ 2024 | ހޮނިހިރު 20:19
ގޯލް ގައި ބެހެއްޓިފައިވާ ވޯޓުފޮއްޓަށް ވޯޓުލުމަށް މީހުން ކިއުގައި މަޑުކޮށްގެން
ގޯލް ގައި ބެހެއްޓިފައިވާ ވޯޓުފޮއްޓަށް ވޯޓުލުމަށް މީހުން ކިއުގައި މަޑުކޮށްގެން
އޭއެފްޕީ
ލަންކާގެ ރިޔާސީ އިންތިޚާބު
ސްރީ ލަންކާގައި ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިމިއްޖެ
ލަންކާގެ އިންތިޚާބާ ބެހޭ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިފަހަރުގެ އިންތިޚާބުގައި ގާތްގަނޑަކަށް 17 މިލިއަން މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ.

ސްރީ ލަންކާގައި ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިމިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީ ނިއުސް އޭޖެންސީން ރިޕޯޓުކުރި ގޮތުގައި، ވަގުތީ ހިސާބުތަކަށް ބަލާއިރު، ވޯޓުލާ މަރުކަޒުތައް ބަންދުވުމުގެ އެއް ގަޑިއިރު ކުރިން ވޯޓުލީ މީހުންގެ ނިސްބަތް 70 އިންސައްތައާ ކައިރިވެފައިވާ ކަމަށެވެ. ވޯޓު ފޮށިތައް ބަންދުވީ މެންދުރުފަހު 4 ޖެހިއިރުއެވެ.

ސްރީލަންކާގެ ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ މީހުން ވޯޓުލާފައިވަނީ 2019 ވަނަ އަހަރުއެވެ. އެފަހަރު ވޯޓު ލުމުގެ ހައްގު ލިބުނު މީހުންގެ 83.72 އިން ސައްތަ ވޯޓުލާފައިވެއެވެ.

ލަންކާގެ އިންތިޚާބާ ބެހޭ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިފަހަރުގެ އިންތިޚާބުގައި ގާތްގަނޑަކަށް 17 މިލިއަން މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ. ކޮންމެ ވޯޓު ކަރުދާހެއްގައި އިސްކަންދޭ ތަރުތީބުން ތިން ކެންޑިޑޭޓަކަށް ވޯޓުދޭން ޖެހެއެވެ. މި އިންތިޚާބުގައި ރެކޯޑު އަދަދެއްގެ ގޮތުން 38 ކެންޑިޑޭޓުން ވާދަކުރެއެވެ.

އިންތިޚާބާ ގުޅިގެން ގިނަ އަދަދެއްގެ ފުލުހުން ވަނީ މަގުތަކަށް ނެރެފައެވެ. ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅާފައިވާއިރު މި ހަފްތާ ބަންދުގައި ރާވިއްކުން މަނާ ކުރުމުގެ އިތުރުން ނަތީޖާ އިއުލާން ކުރާތާ އެއް ހަފްތާ ފަހުން ނޫނީ އުފާފާޅު ކުރުމުގެ ހަރަކާތެއް ނުބޭއްވޭނެ ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

ވޯޓު ގުނަން ފެށޭނެކަމަށް ލަފާކުރެވެނީ ވޯޓުލާ މަރުކަޒުތައް ބަންދުވުމަށްފަހު ގާތްގަނޑަކަށް ތިން ގަޑިއިރާއި ބައި ގެ ފަހުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ހޮނިހިރު ދުވަހުގެ އިންތިޚާބުގެ ނަތީޖާ އާދިއްތަ ދުވަހު ލިބޭނެ ކަމަށް ވަނީ ބެލެވިފައެވެ.

- ކޮމެންޓް