Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2024 | ހުކުރު 13:48
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ރާއްޖެއެމްވީ
ރާއްޖޭގެ ތަރައްގީ
މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރެއް އޮތީ އެމްޑީޕީގައި، އެކަން ރައްޔިތުންނަށް އަންގައިދިނީ ވެސް އެމްޑީޕީން: ޝާހިދު
ތަރައްގީގެ ސަބަބުން ލިބޭ ފައިދާ ހުރިހާ ދިވެހިންނަށް ކުރާނެ ތަސައްވަރެއް އޮތީ ހަމައެކަނި އެމްޑީޕީގެ އަތުގައި
ތަރައްގީއަކީ ވެސް ލާމަރުކަޒުވެ، ހުރިހާ ރަށަކަށް ލިބެން ޖެހޭ އެއްޗެއް
މި ސަރުކާރުން ބައެއް މަޝްރޫއުތައް ފަށާފައިވަނީ ހަމައެކަނި ފޮޓޯއަކުން

މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރާއި، ތަރައްގީއަކީ ވެސް ލާމަރުކަޒުވެ، ހުރިހާ ރަށަކަށް ލިބެން ޖެހޭ އެއްޗެއްކަން ރައްޔިތުންނަށް އަންގައިދިނީ އެމްޑީޕީން ކަމަށް އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 69 އިންސައްތަ ނިމިފައިވާކަމަށް މިހާރުގެ ސަރުކާރާއި ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ޚަބަރަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފެށީ އުތުރުގެ އަތޮޅުތަކާއި އަދި މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވަރަކާއެކު ކަމަށެވެ. އަދި އެއަރޕޯޓް ތަރައްގީކޮށް ނިމުމުން ބޮޑު ތިލަދުންމައްޗަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ސަރަހައްދީ މަރުކަޒަކަށް ވެގެންދާނެ ކަމަށާއި، މިއީ ބޮޑުތިލަދުންމަތީގެ އިތުރުން އުތުރުގެ އެހެން އަތޮޅުތަކުގެވެސް ތަރައްގީގެ އައު ބާބެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވުރަކާއި، ތަރައްގީގެ ސަބަބުން ލިބޭ ފައިދާ ހުރިހާ ދިވެހިންނަށް ކުރާނެ ތަސައްވަރެއް އޮތީ ހަމައެކަނި އެމްޑީޕީގެ އަތުގައިކަމަށެވެ.

Advertisement

އިންޑިއާ ސަރުކާރުގެ އެހީއާއެކު، ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭ.އެމް.ސީ އާއި ހަވާލުކުރީ އެމްޑީޕީ ސަރުކާރުން 2022 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން ގިނަ ދުވަސްތަކެއް ނުވެ މިދިޔަ އަހަރު އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. ޝާހިދު ވިދާޅުވީ އެމަސައްކަތުގައި ބައިވެރިވެ، ކުރެވުނު މަސައްކަތާއި މެދު ހިތްހަމަޖެހޭ ކަމަށެވެ.

އިތުރަށް ތަފްސީލު ކޮށްދެއްވާ ރާއްޖެއެމްވީއަށް ޝާހިދު ވިދާޅުވީ ތަރައްގީއަކީ ވެސް ލާމަރުކަޒުވެ، ހުރިހާ ރަށަކަށް ލިބެން ޖެހޭ ކަމެއްކަން ގަބޫލުކޮށް، އަމަލުން އެކަން ދައްކައިދިނީ އެމްޑީޕީން ކަމަށެވެ.

ހަނިމާދޫ އެއަރޕޯޓާއި، އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކާއި، މުޅި ރާއްޖޭގައި އުތުރުން ދެކުނަށް ރައީސް ސާލިހު ސަރުކާރުގެ 5 އަހަރު އެ ހިންގުނު މަޝްރޫއުތަކަކީ އޭގެ ހެކި ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަދު އެ މަސައްކަތްތައް މަޑުޖެހި، ހަމައެކަނި ފޮޓޯއަކަށް ބައެއް ކަންކަން ފަށާފައިވާ ކަމަށް ދައްކަމުންދާ ކަމަށެވެ. އެހެންކަމުން ރަށްރަށް ތަރައްގީކުރުމުގެ ވިސްނުން އޮތީ ހަމައެކަނި އެމްޑީޕީގައިކަން މިކަމުން ސާބިތުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް