ކ. މާލެ
|
20 ސެޕްޓެންބަރ 2024 | ހުކުރު 10:28
އެސްއެމްއީ ހަބް
އެސްއެމްއީ ހަބް
އެސްއެމްއީ ހަބް
މި ސަރުކާރުން އެސްއެމްއީ ހަބަށް އަތް ބާނައި އެ އާއިލާތަކަށް ލިބެމުންދިޔަ މަންފާ ވަނީ ހުއްޓުވާފައި: އިހުސާން
އެސްއެމްއީ ހަބުގައި ވިޔަފާރި ކުރަމުންދިޔަ އާއިލާތައް ވަނީ ނިކަމެތިކޮށްފައި
ސިޔާސީ މަގާމުތައް އިތުރުކޮށް، ދާއިމީ ވަޒީފާތަކުން އާދައިގެ ރައްޔިތު މީހާ ދަނީ ވަކިކުރަމުން
ގައުމު ހިނގަނީ އެއްވެސް ރައްޔިތަކު ހިޔާލަށް ވެސް ނާންނަހާ ނުރަނގަޅު މިސްރާބަށް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ކުދި ވިޔަފާރިތައް ނަގާ ކޮޅަށް ޖެހުމަށް ގާއިމްކުރި އެސްއެމްއީ ހަބަށް މިސަރުކާރުން އަތް ބާނައި އެއާއިލާތަކަށް ލިބެމުންދިޔަ މަންފާ ހުއްޓުވާފައިވާ ކަމަށް އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އިހުސާން ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އެސްއެމްއީ ހަބުގެ ތެރެއަށް އަތް ބާނާ ލިބެމުންދިޔަ އާމްދަނީ ފޭރިގެނެފައިވާ ކަމަށާއި، އެތަނުގައި ވިޔަފާރި ކުރަމުންދިޔަ އާއިލާތައް ނިކަމެތިކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި އާއިލާތައް ހޯދަމުން ދިޔަ މަންފާ ނިގުޅައިގަނެފައިވާ ކަމަށެވެ.

އެމްޑީޕީ ސަރުކާރުގައި ކުދި ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ހުރި 40 އަކަށް އާއިލާއަށް ކުދި ވިޔަފާރި ކުރުމަށްޓަކައި މާލޭގެ އެންމެ ޕްރައިމް ލޮކޭޝަނުން އިމާރާތެއް އަޅައި، އެތަނުގައި 40 އަކަށް ވިޔަފާރި ކުރުމުގެ ފުރުސަތު 40އަކަށް އާއިލާއަށް ދިނިން. އެމްއެމްއީ ހަބްގެ ނަމުގައި އެތަން ގާއިމްކޮށް އެތަނުގައި ވިޔަފާރިތައް ކުރަމުން ދިޔަކަމުގައި ވީ ނަމަވެސް އެއާއިލާތަކަށް އެ 40 އަކަށް އާއިލާއަށް ސީދާ ގޮތުން މަންފާކުރި އިރު އަދި އެ ވިޔަފާރިތަކަށް އެކިއެކި އުފެއްދުންތައް އުފައްދާ ހެދިކާ ހަދާދީގެންނާ އެކިއެކި ގޮތްގޮތުން އެހެނިހެން އާއިލާތަކުން ވެސް އައީ މަންފާ ހޯދަމުން.
އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން

މި ސަރުކާރުން އަމަލުކުރަމުންދަނީ ރައްޔިތުންނަށް ދެރަ ލިބޭގޮތަށްކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ ފެނަކަ އަދި އާރްޑީސީގެ ދާއިމީ ވަޒީފާތަކުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުންދާ ކަމަށާއި، ސިޔާސީ މަގާމުތައް އިތުރު ކުރަމުންދާ ކަމަށެވެ.

އިހުސާން ވިދާޅުވީ ރާއްޖޭގެ ހާލަތު ގޯސް ކަމަށާއި، ގައުމު ހިނގަނީ އެއްވެސް ރައްޔިތަކު ހިޔާލަށް ވެސް ނާންނަހާ ނުރަނގަޅު މިސްރާބަށް ކަމަށެވެ. ކޮންމެ ކަމެއް ކުރިއަށް ގެންދަނީ ރައްޔިތުންނާ އިދިކޮޅަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ މިސަރުކާރުން ކޮންޓްރޯލް ކުރާ ރައްޔިތުންގެ މަޖިލީހުން ބޮޑެތި ގާނޫނުތައް އެކުލަވާލާ ފާސްކޮށް، ތަންފީޒު ކުރަމުންދަނީ އެންމެ 10 މިނެޓުން ކަމަށެވެ. އިހުސާން ވިދާޅުވީ މިފަދަ ގާނޫނުތައް ފާސްކުރުމުގައި ވަރަށް ރަނގަޅަށް ބަލައި، ދިރާސާ ކުރަންޖެހޭ ކަމަށާއި، އެ މަސައްކަތެއް ކުރަންވާނީ ވަރަށް ފުރިހަމައަށް ކަމަށެވެ. އެ ގާނޫނުތަކަށް ރައްޔިތުން އަމަލުކުރަން ލާޒިމްވާ ގާނޫނުތަކެއް ކަމަށްވާއިރު، އަވަސް އަރުވާލާ ފާސްކުރާ ގާނޫނުތަކާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ މުސްތަގުބަލުގައި އެކަމުގެ ތަކުލީފު އެތައް ދަރަޖައަށް ރައްޔިތުން އުފުލަންޖެހޭނެ ކަންކަން ކަމަށް އިހުސާން ވިދާޅުވިއެވެ.

އެކިއެކި މަގާމުތަކުން އާއްމު ރައްޔިތުން ދަނީ ވަކި ކުރަމުން. ދައިމީ މަގާމުތަކުގައި ތިބި ފެނަކަ މުވައްޒަފުންނާއި އާރްޑީސީގެ މުވައްޒަފުން މިއަދު ކަނޑަން ފަށައިފި. އެހެންވީމަ މިހާލަތު އިތުރަށް ގޯސްވެ ދިވެހިރައްޔިތުން ބަނޑަށް ޖެހި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ވެސް ދިވެހި ރައްޔިތުން އުޅުނު ހާލަށް ވުރެ ނިކަމެތި ހާލަކަށް މިދެވެހި ރައްޔިތުން ދިއުމުގެ ކުރިން އަޅުގަނޑުމެން ނުކުމެ މިސަރުކާރުން ހުއްޓުވަން އެބަޖެހޭ. ގަދަބާރުން މިސަރުކާރު ހުއްޓުވާ މިސަރުކާރު ހަމަ މަގަށް އަޅުވަން އެބަ ޖެހޭ. ހަމަ މަގަށް ނޭޅިއްޖެ ކަމަށްވާނަމަ އަޅުގަނޑުމެން ދެން ކުރަންޖެހޭ ކަންތައްތައް ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. އެ މަސައްކަތް ކުރެވޭނެ ޕާޓީއަކީ އެމްޑީޕީ. ދިވެހިރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭނެ ޕާޓީއަކީ އެމްޑީޕީ
އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން

ރާއްޖޭގެ "ކުރިއަށް އޮތް 20 އަހަރަށް ލަފާކުރާ ގައުމީ ތަރައްގީގެ ޕްލޭން" އެކުލަވާލައި، އެމަސައްކަތް މި ސަރުކާރުން ކުރަމުންދާތީ އިހުސާން ވިދާޅުވީ ރައީސް މުއިއްޒު އިސްވެ ހުންނަވާ ކުރާ ކޮންމެ މަސައްކަތެއް ދެވަނަ ފަހަރަށް ކުރަންޖެހޭނެ ކަމަށެވެ. މިސަރުކާރުން ޕޮލިސީއެއް ހަދައިފިނަމަ އެ އޮންނަނީ އެކޮޅުކޮޅުން ކަމަށާއި، ގަވާއިދެއް ހަދައިފިނަމަ މާދަމާ ބަދަލުކުރަން ޖެހޭ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ މީހަކާ މަސައްކަތެއް ހަވާލުކޮށްފިނަމަ އެމީހާ ނޫން އެހެންމީހަކާ އެމަސައްކަތް ދެވަނަ ފަހަރަށް ނުވަތަ އެއަށްވުރެ ވެސް އިތުރަށް އެމަސައްކަތެއް ހަވާލުކުރަންޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް