Advertisement
ކ. މާލެ
|
19 ސެޕްޓެންބަރ 2024 | ބުރާސްފަތި 16:17
ހައިވޭގައި ގާއިމްކޮށްފައިވާ ސޯލާ ޕެނަލުތައް
ހައިވޭގައި ގާއިމްކޮށްފައިވާ ސޯލާ ޕެނަލުތައް
އެންވަރަންމަންޓް މިނިސްޓްރީ
ހައިވޭގައި ޖަހާފައިވާ ސޯލާތައް ނެގުން
ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސޯލާ ބަދަލުކުރަން ބޮޑު ހަރަދެއް، އެކަންކުރެވޭނެ ތާރީހެއްވެސް ނޭނގޭ
ސޯލާ ބަދަލުކުރަން 170 މިލިއަން ރުފިޔާ ހަރަދުވާނެ
މިއީ ސަރުކާރުގެ އެސެޓެއް ނޫންކަމުން އެކަން ފަސޭހައިން ނުކުރެވޭނެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތައް ބަދަލުކުރަން ބޮޑު ހަރަދެއް ހިނގާނެ ކަމަށާއި، އެކަންކުރެވޭނެ ތާރީހެއްވެސް ނޭނގޭ ކަމަށް އެނަވަޔަރމަންޓް މިނިސްޓަރ ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ތާރިގް ވިދާޅުވީ މާލެ-ހުޅުލެ ކޯސްވޭގައި ޖަހާފައި ހުރި ސޯލާޕެނަލް ތަކަކީ އެއީ ވޯލްޑް ބޭންކުގެ ގެރެންޓީ މެކޭނިޒަމްގެ ތެރެއިން ޕްރައިވެޓް ސެކްޓަރއިން ޖަހާފައިވާ ސިސްޓަމެއް ކަމަށެވެ. މި ސިސްޓަމުން 5.5 މެގަވޮޓްގެ ކަަރަންޓު ދުވާލެއްގެ މައްޗަށް ދަނީ އުފައްދަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

މިނިސްޓަރ ވިދާޅުވީ ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓް އެހެންތަންތަނަށް ބަދަލުކޮށް އެފަދަކަމެއް ކުރާނަމަ ދުވަސް ނަގާނެ ކަމަށެވެ. އަދި ސޯލާތައް ބަދަލުކުރާނަމަ، ސްޓެލްކޯގެ ކެޕޭސިޓީވެސް އިތުރުކުރަންޖެހޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސޯލާތަކަކީ ސަރުކާރުގެ އެއްޗެއް ނޫން ކަމަށާއި، އެއީ ވޯލްޑްބޭންކުގެ އެހީއާއެކު އަމިއްލަ ފަރާތަކުން ކޮށްފައިވާ މަސައްކަތަކަށް ވާތީ ސޯލާ ބަދަލުކުރުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.

ނަމަވެސް މި މަސައްކަތް ކުރި ކޮންޓްރެކްޓަރާއި، ވޯލްޑް ބޭންކާއިވެސް ވާހަކަ ދައްކަމުންދާ ކަމަށާއި، އެކަންކުރަން ކިހާ ހަރަދެއް ހިނގާތޯ ބަލަމުން އަންނަ އިރު އެއްދުވަހުގެ ތެރޭގައި ސަރުކާރުން އެ ނިންމުމެއް ނުނިންމޭނެ ކަމަށެވެ.

ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނަގައި، އެހެން ތަނަކަށް ބަދަލުކުރައްވަން ޑރ. މުއިއްޒު ނިންމެވީ ބްރިޖް ހައިވޭގައި ޖަހާފައިވާ ސޯލަރ ޕެނަލްތަކުގެ ސަބަބުން ބްރިޖު ސަރަހައްދުން ފެންނަ ރީތި މަންޒަރު ގެއްލުމުގެ ޝަކުވާ އާއްމުން ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެ ޕެނަލްތަކުގެ ސަބަބުން ހައިވޭ ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާއިމެދުވެސް ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާުރުން ޕެނަލްތައް އެ ތަނުން ނެގުމަށް ފަހު މީހުން ދިރިއުޅޭ އެހެން ރަށަކަށް ބަދަލު ކުރާނެކަމަށެވެ.

ސިނަމާލެ ބްރިޖުގެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނަގައި އެހެން ތަނަކަށް ބަދަލުކުރާނަމަ 170 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭކަމަށް ނިމިގެންދިޔަ ސަރުކާރުގެ އެންވަޔަރަމަންޓު މިނިސްޓްރީން ބުނެއެވެ. މި މަޝްރޫޢުއަކީ ވޯލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 11 މިލިއަން ޑޮލަރު ނުވަތަ 169 މިލިއަން ރުފިޔާއެވެ. އަދި މި މަސައްކަތް ކޮށްފައިވަނީ ތައިލެންޑުގެ "އެންސިސް ކޯ" ކުންފުނިންނެވެ.

މި ސޯލާ މަޝްރޫޢުގެ ދަށުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ. އެއީ ދިވެހި ފައިސާއިން ކަރަންޓް ޔުނިޓަކަށް 1 ރުފިޔާ 68 ލާރި އެވެ. އެސްޕަޔާ ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިންގް ޔުނިޓްތަކުގައި ޤާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް