ކ. މާލެ
|
18 ސެޕްޓެންބަރ 2024 | ބުދަ 01:04
ދޮޅިޔަދޫ ރިސޯޓް
ދޮޅިޔަދޫ ރިސޯޓް
ޓްރިޕްއެޑްވައިޒަރ
ދޮޅިޔަދޫ ރިސޯޓް
ދޮޅިޔަދޫ ރިސޯޓް ވިއްކާލަނީ
ބީލަމަށް ހުށަހެޅޭނެ އެންމެ ދަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 15 މިލިއަން އެމެރިކާ ޑޮލަރު

ދޮޅިޔަދޫ ރިސޯޓް ވިއްކާލަން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އިއުލާން ކޮށްފިއެވެ.

އެސްބީއައި މާލެ ގޮފިން ވަނީ ށ. އަތޮޅުގައި އޮންނަ މި ރިސޯޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖޭގެ ފަރާތްތަކަށާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް އާންމުކޮށް ހުޅުވާލާފައެވެ.

ބީލަމަށް ހުށަހެޅޭނެ އެންމެ ދަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 15 މިލިއަން އެމެރިކާ ޑޮލަރެވެ.

ވިއްކާލަން ހުށަހަޅާފައިވާ ދޮޅިޔަދޫ އަކީ މުހައްމަދު ލަތީފްގެ ނަމުގައި ދޮޅިޔަދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް 5 މެއި 2005ން ފެށިގެން 35 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދީފައިވާ ރަށެކެވެ. މި މުއްދަތު ހަމަވާނީ 4 މެއި 2040 ގައެވެ.

އެސްބީއައި އިން ބުނެފައިވާ ގޮތުގައި ބިޑް ހުށަހެޅޭނީ 2024 ސެޕްޓެމްބަރު 3ން އޮކްޓޯބަރު 15ގެ ނިޔަލަށެވެ.

ނީލަން ކާމިޔާބުކުރާ ފަރާތުން ފުރަތަމަ އިންސްޓޯލްމަންޓުގެ ގޮތުގައި 1 މިލިއަން އެމެރިކާ ޑޮލަރު އެވޯޑު ލެޓަރ ލިބޭތާ 7 ދުވަހުގެ ތެރޭގައި ދައްކަން ޖެހެއެވެ. އަދި ދެވަނަ އިންސްޓޯލްމަންޓުގެ ގޮތުގައި 5 މިލިއަން އެމެރިކާ ޑޮލަރު 30 ދުވަހުގެ ތެރޭގައި ދެއްކުމުގެ އިތުރުން، ބާކީ އޮންނަ އަދަދު 60 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށް އެސްބީއައި އިން ބުނެފައިވެއެވެ.

އެސްބީއައި އިން ދޮޅިޔަދޫ ވިއްކާލަން އިއުލާން ކުރީ މިރަށް ތަރައްގީ ކުރަން އެ ބޭންކުން ނަގާފައިވާ ލޯނެއް އަނބުރާ ނުދެއްކުމުގެ ސަބަބުން ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ސިވިލް ކޯޓުން ރަށް ވިއްކާލައިގެން ފައިސާ ހޯދުމުގެ ހުއްދަ ކޯޓުން ދިނުމާ ގުޅިގެންނެވެ.

ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، 12 އޯގަސްޓް ގެ ނިޔަލަށް، ދޮޅިޔަދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެމިޓެޑުން 2014 ވަނަ އަހަރު ނަގާފައިވާ 13.4 މިލިއަން އެމެރިކާ ޑޮލަރާއި 149.3 މިލިއަން ރުފިޔާގެ ލޯނު ދައްކާފައެއް ނުވެއެވެ.

އެސްބީއައި ގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ވެސް ދޮޅިޔަދޫގައި ރިސޯޓް ތަރައްޤީކުރުމަށް ލޯނު ނެގުމަށްފަހު ލޯނު ދައްކާފައި ނުވާތީ ސިވިލް ކޯޓުގައި ހިނގަމުން ދިޔަ މައްސަލައިގެ ތެރެއަށް އެ ދެބޭންކުންވެސް ވަނީ ވަދެފައެވެ.

ރަށް ވިއްކައިގެން ލިބޭ ފައިސާ ތިން ބޭންކުގެ މެދުގައި ބަހާނެ ގޮތަކާ މެދު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބީއޯސީން ދޮޅިޔަދޫ އިންވެސްޓްމަންޓަށް ދޫކުރި ލޯނުތަކެއް ނުދެއްކުމުން އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 11 މިލިއަން ޑޮލަރު ހަތް މަސް ތެރޭގައި ނުދައްކައިފި ނަމަ ދޮޅިޔަދޫ ރިސޯޓް ވިއްކާލުމުގެ ހުއްދަ 2016 ވަނަ އަހަރު އޮކްޓޯބަރު މަހު ބީއޯސީއަށް ކޯޓުން ދިނެވެ.

މީގެ އިތުރުން ބީއެމްއެލް އާއި އެސްބީއައި އަދި ބީއޯސީން ނަގާފައިވާ ލޯނުތައް ނުދައްކައިގެން، އެރަށް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ދިނުމާއެކު 2019 ވަނަ އަހަރުގެ މާޗް މަހު ވެސް މި ރަށް ވިއްކާލަން އިއުލާން ކުރިއެވެ. އޭރު ރަށް ގަންނަން ހުށަހަޅަން ޖެހޭ އެންމެ ދަށް އަގެއްގެ ގޮތުގައި ކަނޑައަޅާފައިވާ އޮތީ 42،800،000 (ސާޅީސް ދެ މިލިއަން އަށް ލައްކަ) ޑޮލަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް