ކ. މާލެ
|
21 ސެޕްޓެންބަރ 2024 | ހޮނިހިރު 16:06
ޑރ މުއިއްޒު އިންޑިއާ އައުޓް ކެމްޕޭންގައި މާލޭގެ މަގުތަކުގައި ހިންގަވަނީ
ޑރ މުއިއްޒު އިންޑިއާ އައުޓް ކެމްޕޭންގައި މާލޭގެ މަގުތަކުގައި ހިންގަވަނީ
ގޫގުލް
ރާއްޖޭގެ އިގްތިސާދު
ގުޅުން ގޯސްކޮށްލި އިންޑިޔާއިން ރާއްޖެ ދަރަނިވެރިވުމުން ސަލާމަތްކޮށްދީފި: ރިޕޯޓް
ރާއްޖެއަށް އިންޑިއާ އިން މާލީ އެހީތެރިކަން ފޯރުކޮށްދިން އިރު ރާއްޖޭގެ ދަރަނީގެ ބޮޑު ބައެއް އޮތީ ޗައިނާއަށެވެ. ޗައިނާއިން ނަގާފައިވާ ދަރަނީގެ މިންވަރު 1.37 ބިލިއަން ޑޮލަރަށް އަރާއިރު އިންޑިޔާއިން ލޯނުގެ ގޮތުގައި ރާއްޖެއަށް ދީފައިވަނީ 124 މިލިއަން ޑޮލަރެވެ.

އިންޑިއާ އާ މެދު ދިވެހިންގެ ހިތުގައި ނަފްރަތު އުފެއްދި ކެމްޕޭނެއްގެ ތެރެއިން އިންތިޚާބުވި ޑރ. މުއިއްޒުގެ ސަރުކާރު ދަރަނިވެރިވުމުން އިންޑިއާ އިން ސަލާމަތް ކޮށްދީފި ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓެއް ބުނެފިއެވެ.

އިންޑިއާގެ ބިޒްނަސް ޓުޑޭ އިން ބުނެފައިވަނީ އިންޓަރެސްޓް ފްރީ 50 މިލިއަން ޑޮލަރުގެ ލޯނެއް ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ރާއްޖެއަށް ހަމަޖައްސައިދީފައިވާ ކަމަށެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ރާއްޖެއަށް އިންޑިއާ އިން މާލީ އެހީތެރިކަން ފޯރުކޮށްދިން އިރު ރާއްޖޭގެ ދަރަނީގެ ބޮޑު ބައެއް އޮތީ ޗައިނާއަށެވެ. ޗައިނާއިން ނަގާފައިވާ ދަރަނީގެ މިންވަރު 1.37 ބިލިއަން ޑޮލަރަށް އަރާއިރު އިންޑިޔާއިން ލޯނުގެ ގޮތުގައި ރާއްޖެއަށް ދީފައިވަނީ 124 މިލިއަން ޑޮލަރެވެ.

ކުރިއަށް އޮތް ސްކޫކް ބޮންޑް (އިސްލާމިކް ބޮންޑު) ޕޭމަންޓް ދެއްކުމުގައި ޑިފޯލްޓްވުމުގެ ނުރައްކާ އޮތް ދަނޑިވަޅެއްގައި، އެސްބީއައި މެދުވެރިކޮށް ދޫކުރި މި ލޯނަކީ، ރާއްޖެއަށް ކުރުމުމުއްދަތުގެ މާލީ އިލްތިޒާމުތައް އަދާކުރުމަށް އެހީތެރިވުމުގެ ގޮތުން މިއަހަރު ދެވަނަ ފަހަރަށް ދިން މާލީ އެހީތެރިކަން ކަމުގައި ބިޒްނަސް ޓުޑޭ އިން ފާހަގަ ކޮށްފައިވެއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކަށް އެހީތެރިވުމުގެ ގޮތުން 50 މިލިއަން ޑޮލަރުގެ ކުއްލި ލޯނެއް ދީފައިވާކަން ބުރާސްފަތި ދުވަހު ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައި ކޮމިޝަނުން ކަށަވަރުކޮށްދީފައިވާ ކަމަށް މި ނޫހުގައި ބުނެފައިވެއެވެ. "މި އެހީ ދީފައިވަނީ ދިވެހި ސަރުކާރުގެ ޚާއްޞަ އެދުމުގެ މަތިން، ކުއްލި މާލީ އެހީތެރިކަމެއްގެ ގޮތުގައެވެ،" އިންޑިޔާއިން ބުނެފައިވެއެވެ.

މިރިޕޯޓް ބުނާގޮތުގައި ރާއްޖެއަށް އިންޑިއާ އިން މި އެހީތެރިކަން ފޯރުކޮށްދިނީ ވަރަށް ޚައްސާސް ދަނޑިވަޅެއްގައި ކަމަށާއި ރާއްޖެއިން ވިއްކާފައިވާ ސުކޫކު ޑިފޯލްޓްވުމުގެ ފުރުޞަތު އޮތުމާއެކު ބޮންޑް ގަނެފައިވާ އިންވެސްޓަރުންގެ ކަންބޮޑުވުން އިތުރުވަމުންދާ ވަގުތެއްގައި ކަން ފާހަގަ ކޮށްފައިވެއެވެ.

މިހާތަނަށް އެއްވެސް ގައުމަކުން ސްކޫކް ޑިފޯލްޓް ވެފައި ނެތުމާއެކު އެފަދަ ކަމެއް ހިނގައިފިނަމަ، އެއީ ދުނިޔޭގެ ފުރަތަމަ ސުކޫކު ޑިފޯލްޓްވުން ކަމަށްވެ، ރާއްޖޭގެ އިތުބާރު ގެއްލިގެން ދިޔުމުގެ ނުރައްކާ އޮތްކަން އެހެން ރިޕޯޓްތަކުގައިވެސް އޮތީ ފާހަގަ ކޮށްފައެވެ. މިވަގުތު ރާއްޖެއަށް 500 މިލިއަން ޑޮލަރުގެ ސުކޫކު ދަރަނި އެބައޮތެވެ. އޭގެ ތެރެއިން 24.6 މިލިއަން ޑޮލަރުގެ ކޫޕަން ޕޭމަންޓެއް އޮކްޓޯބަރު 8 ގައި ރާއްޖެއިން ދައްކަންޖެހެއެވެ. އަދި އޭގެ ފަހުން އިތުރު ޕޭމަންޓެއް ހަމަ އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖެއިން ދައްކަންޖެހޭކަން މި ނޫހުގައި ފާހަގަ ކޮށްފައިވެއެވެ.

ބިޒްނަސް ޓައިމްސް އިން ފާހަގަ ކުރާ ގޮތުގައި ރައީސް މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ އިންޑިއާ އަށް ދުރަށް ގޮސް ޗައިނާއާ ގާތް ގުޅުމެއް ބޭއްވުމަށް ވަކާލާތު ކުރައްވަމުންނެވެ.

މި ލޯނުގެ އިތުރުން، ރާއްޖެއިން އިންޑިޔާއާއެކު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، މިކަން ހަމަޖެހުމުން މާލީ އިތުރު ލުޔެއް ލިބިގެންދާނެ ކަމަށާއި ރައީސް މުޢިއްޒު އިންޑިޔާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި މި މަޝްވަރާތައް ކުރިއަށްދާނެކަމަށް ބެލެވޭ ކަމަށް މި ރިޕޯޓްގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް