ކ. މާލެ
|
18 ސެޕްޓެންބަރ 2024 | ބުދަ 09:28
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އަދި ފާމިން ލޮޕޭޒް
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އަދި ފާމިން ލޮޕޭޒް
ގޯލް.ކޮމް
ބާސެލޯނާ
ލޮޕޭޒް އަށް އިތުރު އަނިޔާއެއް
ބާސެލޯނާ އިން ހާމަކޮށްފައިވާ ގޮތުގައި ލޮޕޭޒްގެ ފަލަމަސްގަނޑަށް ވަނީ އިތުރު އަނިޔާއެއް ލިބިފަ އެވެ.

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ފާމިން ލޮޕޭޒް އަށް އިތުރު އަނިޔާއެއް ލިބި، އިތުރު ހަފުތާތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

އަނިޔާގައި ހުރުމަށްފަހު ލޮޕޭޒް ވަނީ އަންގާރަ ދުވަހު ބާސެލޯނާގެ ފަރިތަކުރުންތަކަށް ނިކުމެފަ އެވެ. އެއީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އިން މޮނާކޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެ ކުލަބުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކެވެ. އެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަނިކޮށް، ލޮޕޭޒް އަށް ވަނީ އިތުރު އަނިޔާއެއް ލިބިފަ އެވެ.

ބާސެލޯނާ އިން ހާމަކޮށްފައިވާ ގޮތުގައި ލޮޕޭޒްގެ ފަލަމަސްގަނޑަށް ވަނީ އިތުރު އަނިޔާއެއް ލިބިފަ އެވެ. އެހެންކަމުން، އެ އަނިޔާގެ ސަބަބުން ގާތް ގަނޑަކަށް އިތުރު ތިން ހަފުތާގެ މުއްދަތަކަށް ލޮޕޭޒް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ވެސް އެ ކުލަބުން ވަނީ ހާމަކޮށްފަ އެވެ. އަދި ލޮޕޭޒްގެ ރިކަވަރީގެ ކަންކަން އަނެއްކާ ވެސް ބާސެލޯނާގެ މެޑިކަލް ޓީމުން ކުރިއަށް ގެންދާނެ އެވެ.

ލޮޕޭޒް އަށް އަނިޔާވެފައިވާއިރު، ދާދި ފަހުން ވަނީ އެ ޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ ޑެނީ އޮލްމޯ އަށް ވެސް އަނިޔާވެފަ އެވެ. އަނިޔާގެ ސަބަބުން އޮލްމޯ ވެސް ކުޅުމާ ދުރަށް ދާން ޖެހުނުއިރު، ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ހުރީ ލޮޕޭޒް އެނބުރި އަންނާާތީ އުންމީދެއްގަ އެވެ. އެހެން ނަމަވެސް، އޭނާ އަށް ވެސް އަންގާރަ ދުވަހު އަނިޔާވުމުން ފްލިކް އަށް އަދި ބާސެލޯނާ އަށް އުނދަގޫތަކެއް ކުރިމަތިވާނެ އެވެ.

އައު ސީޒަންގައި ލޮޕޭޒް ވަނީ ބާސެލޯނާ އަށް ތިން މެޗު ކުޅެދީފަ އެވެ. އެއީ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ކުޅުނު ތިން މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް