ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 00:06
އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމާ
އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމާ
ރޮއިޓާސް
ލޭޑީ ވިކްޓޯރިއާ ސްޓާމަރ
އިނގިރޭސި ބޮޑުވަޒީރުގެ އަނބިކަނބަލުންނަށް ހެޔޮއެދޭ ފަރާތަކުން އަގުބޮޑު ހެދުންކޮޅުތަކެއް ގަނެދިން މައްސަލަ ތަހުގީގު ކުރަނީ
ބޮޑުވަޒީރުގެ ރަސްމީ އޮފީހުން ބުނެފައިވަނީ އެ މައުލޫމާތު ހާމަ ނުކުރެވި އޮތީ އޮޅުމަކުން ކަމަށާއި، އެކަން ރަނގަޅުކޮށްފައިވާ ކަމަށެވެ. އިދިކޮޅު ކޮންޒަވެޓިވް އިން ވަނީ މިކަން ފުރިހަމަ އަށް ތަހުގީގް ކުރުމަށް ގޮވާލާފައެވެ.

އިނގިރޭސި ބޮޑުވަޒީރުގެ ކިއަރ ސްޓާމާގެ އަނބިކަނބަލުންނަށް ހެޔޮ އެދޭފަރާތަކުން އަގުބޮޑު ހެދުންކޮޅުތަކެއް ގަނެދިން މައްސަލަ އިނގިރޭސި ޕާލިމެންޓުން ތަހްގީގް ކުރަން ފަށައިފިއެވެ.

ތަހުގީގު ކުރަނީ، އަނބިކަނބަލުންނަށް އެތަކެތި ލިބިވަޑައިގެންނެވިކަން ބޮޑު ވަޒީރު ހާމަ ކުރައްވާފައި ނުވާތީ އޭނާ ގާނޫނު ހަދާމަޖިލިހުގެ ގަވައިދާ ޚިލާފުވެވަޑައިގެންފައި ވޭތޯ ބެލުމުގެ ގޮތުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދަ ސަންޑޭ ޓައިމްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އަމިއްލަފުޅު ބޭނުމަށް ބޮޑުވަޒީރުގެ އަނބިކަނބަލުން ލޭޑީ ވިކްޓޯރިއާ ސްޓާމަރ ބައްލަވައިގަތް އަގުބޮޑު ހެދުންކޮޅުތަކަކަށާއި އެތަކެތި ހެޔޮވަރު ކުރުމުގެ އަގު ދައްކާފައިވަނީ ބޮޑުވަޒީރުގެ އެންމެ ބޮޑު ޑޯނަރ ލޯޑް އަލީ އެވެ. ސްޓާމާގެ ގާތް މި އެކުވެރިޔާ ވަނީ ސްޓާމާ ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގަތުމުގެ ކުރިންނާއި އޭގެ ފަހުންވެސް އަނބިކަނބަލުންގެ ހެދުންކޮޅުތަކަކަށް ފައިސާ ދައްކާފައި ކަމަށް މި ޚަބަރުގައިވެއެވެ.

ދަ ޓައިމްސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މިއަހަރު ސަރ ކިއަރ އަށް ކުރީގެ އޮންލައިން ފެޝަން ރީޓެއިލަރ އެސޮސްގެ ޗެއަރމަން ލޯޑް އަލީގެ ފަރާތުން 19،000 ޕައުންޑުގެ އަގުހުރި ރަސްމީ ހެދުންކޮޅުތަކާއި، އެތައް އައިނެއް ލިބިފައިވަޑައިގެންފައެވެ. އަދި މިކަން ބޮޑުވަޒީރު ވަނީ ހާމަ ކުރައްވާފައެވެ.

މީގެ އިތުރުން، 200 މިލިއަން ޕައުންޑް އަމިއްލަ މިލްކިއްޔާތުގައި ހުރި ކަމަށް ލަފާކުރެވޭ ލޯޑް އަލީ އިންތިޚާބުގެ ދުވަސްވަރު މިހާރުގެ ބޮޑުވަޒީރަށް އެކަމަޑޭޝަންގެ ޚަރަދުތަކުގެ ގޮތުގައި 20،000 ޕައުންޑު ޚަރަދުކުރި ކަމަށާއި، އަދި ހަމަ އެވަރުގެ އަދަދެއް ޕްރައިވެޓް އޮފީހުގެ ޚަރަދުތަކަށް ކޮށްފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ. އަދި ޚަރަދުތަކުގެ މައުލޫމާތުވެސް ބޮޑުވަޒީރު ވަނީ ހާމަ ކުރައްވާފައެވެ.

ބޮޑުވަޒީރުގެ ރަސްމީ އޮފީހުގެ ތަރުޖަމާނު ސްކައި ނިއުސްއަށް ވިދާޅުވީ މި މައުލޫމާތު ހިއްސާ ނުކުރެވި އޮތީ އޮޅުމަކުން ކަމަށާއި ކަމާބެހޭ އިދާރާތަކުގެ ލަފާ ހޯދުމަށްފަހު އެކަން އިސްލާހް ކޮށްފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ އިދިކޮޅު ކޮންޒަވެޓިވް ޕާޓީން ވަނީ މިކަން ފުރިހަމަ އަށް ތަހުގީގް ކުރުމަށް ގޮވާލާފައެވެ.

- ކޮމެންޓް