ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 08:35
މާޒިޔާ އަށް ސޮއި ކުރި ބިދޭސީ ކުޅުންތެރިޔެއް
މާޒިޔާ އަށް ސޮއި ކުރި ބިދޭސީ ކުޅުންތެރިޔެއް
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
މާޒިޔާ އަށް ބިދޭސީ ތިން ކުޅުންތެރިން ގެނެސްފި
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ގިނަ ކުޅުންތެރިން ތިބި މާޒިޔާ އަށް ގެނެސްފައި ވަނީ، ކްރޮއޭޝިއާގެ ޑިފެންޑަރަކާއި، އޮސްޓްރޭލިއާގެ ޑިފެންޑަރެއް އަދި މިޑްފީލްޑަރެކެވެ.

ރާއްޖޭގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ބިދޭސީ ތިން ކުޅުންތެރިޔަކު ގެނެސްފި އެވެ.

މިވަގުތު މާޒިޔާ ތައްޔާރު ވަމުން އަންނަނީ އަންނަ އޮކްޓޫބަރު ކުވެއިތު ގައި އޮންނަ އޭއެފްސީ ޗެލެންޖު ލީގަށެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން ވަނީ ބިދޭސީ ކޯޗަކު ހަމަޖައްސައި، އެ ކުލަބުގެ ފަރިތަކުރުންތައް ވެސް ފަށައިފަ އެވެ. ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ގިނަ ކުޅުންތެރިން ތިބި މާޒިޔާ އަށް ގެނެސްފައި ވަނީ، ކްރޮއޭޝިއާގެ ޑިފެންޑަރަކާއި، އޮސްޓްރޭލިއާގެ ޑިފެންޑަރެއް އަދި މިޑްފީލްޑަރެކެވެ.

މާޒިޔާ އިން ސޮއި ކުރި ކްރޮއޭޝިއާގެ ޑިފެންޑަރަކީ އުމުރުން 28 އަހަރުގެ މާރިއޯ ޒެބިޗް އެވެ. އޭނާ ވަނީ ކްރޮއޭޝިއާގެ އިތުރުން ޖަރުމަނު، ޕޮލެންޑު އަދި ރޮމޭނިއާގެ ކުލަބުތަކަށް ވެސް ކުޅެފަ އެވެ. މި ފަހުން އޭނާ ކުޅެފައި ވަނީ ވިއެތުނާމްގެ މަތީ ފަންތީގެ ލީގުގަ އެވެ. މާޒިޔާ އިން ދެން ގެނައި ޑިފެންޑަރަކީ އޮސްޓްރޭލިއާގެ އާރޯން އީވަންސް އެވެ. އުމުރުން 29 އަހަރުގެ އާރޮން ވަނީ ހޮންގް ކޮންގް، ތައިލެންޑު، އިންޑޮނޭޝިއާ، އިންޑިއާ އަދި ބަންގްލަދޭޝް ގައި ވެސް ކުޅެފަ އެވެ.

ދެ ޑިފެންޑަރުންގެ އިތުރުން ދެން މާޒިޔާ އިން ސޮއި ކުރި ކުޅުންތެރިޔަކީ އޮސްޓްރޭލިއާގެ މިޑްފީލްޑަރު ނިކޮލަސް އޮލްސެން އެވެ. އުމުރުން 28 އަހަރުގެ އޮލްސެން ވަނީ އޮސްޓްރޭލިއާގެ އެކި ކުލަބުތަކުގެ އިތުރުން، ކުވެއިތު އަދި ވިއެތުނާމް ގައި ވެސް ކުޅެފަ އެވެ. މާޒިޔާ އިން މި ތިން ކުޅުންތެރިން ގެނައުމުގެ ބޭނުމަކީ އެ ޓީމުގެ ސްކޮޑު އިތުރަށް ވަރުގަދަ ކުރުމެވެ.

އޭއެފްސީ ޗެލެންޖު ލީގުގަައި މާޒިޔާ އޮތީ ގުރޫޕް ބީގަ އެވެ. އެ ގުރޫގައި މާޒިޔާގެ އިތުރުން ދެން ހިމެނެނީ ކުވޭތުގެ އަލް އަރަބީ، ތުރުކުމެނިސްތާންގެ އެފްސީ އާކަޑާ އަދި ކަޒަކިސްތާނުގެ އެފްސީ އަބްޑީޝް އަޓާ އެވެ. މި ގްރޫޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކުވޭތުގަ އެވެ.

އޭއެފްސީ ޗެލެންޖު ލީގަށް މާޒިޔާ ތައްޔާރުވަމުން އަންނައިރު، މުބާރާތުގެ ފުރަތަމަ މެޗުގައި އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު މާޒިޔާ ނިކުންނާނީ އާކަޑާއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު މާޒިޔާ ނިކުންނާނީ އަލް އަރަބީއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު މާޒިޔާ ނިކުންނާނީ އަބްޑީޝްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް