ކ. މާލެ
|
14 ސެޕްޓެންބަރ 2024 | ހޮނިހިރު 13:56
މިއާމީގެ ފަރިތަކުރުމުގައި މެސީ ބައިވެރި ވަނީ
މިއާމީގެ ފަރިތަކުރުމުގައި މެސީ ބައިވެރި ވަނީ
ގޯލް.ކޮމް
އިންޓަ މިއާމީ
އަނިޔާ އަށް ފަހު، މިއާމީގެ ފަރިތަކުރުންތަކަށް މެސީ ނިކުމެއްޖެ
ގާތް ގަނޑަކަށް ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި، މެސީ އަށް ވަނީ މިއާމީގެ އަށް މެޗު ގެއްލިފަ އެވެ.

ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު، އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެ ޓީމުގެ ފަރިތަކުރުންތަކަށް ނިކުމެއްޖެ އެވެ.

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު) ގައި އިންޓަ މިއާމީން އަމިއްލަ ދަނޑުގައި ފިލަޑެލްފިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން، މިއާމީގެ ކޯޗު ޓާޓާ މާާޓިނޯ ބުނީ އަނިޔާ އިން ރަނގަޅުވެ މެސީ ފަރިތަކުރުންތަކަށް ނިކުމެފައިވާ ކަމަށާއި، ލީގުގައި ފިލަޑެލްފިއާއާ ދެކޮޅަށް ކުޅޭ މެޗުގައި މެސީ އަށް ކުޅެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މިއަހަރު އެމެރިކާގައި ކުރިއަށް ދިޔަ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ފައިނަލްގައި ކުޅެނިކޮށް، މެސީގެ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. އޭގެ ފަހުން މެސީ ހުރީ ކުޅުމާ ދުރުގަ އެވެ. ގާތް ގަނޑަކަށް ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި، މެސީ އަށް ވަނީ މިއާމީގެ އަށް މެޗު ގެއްލިފަ އެވެ. އޭގެ އިތުރުން، ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މި ފަހުން އާޖެންޓީނާ އިން ކުޅުނު ދެ މެޗުގައި ވެސް މެސީ ނުކުޅެ އެވެ.

މާޓިނޯ ބުނީ، މިއާމީން މި ފަހުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވެފައިވާ ކަމަށާއި، މެސީގެ ޙާލަތު އޭނާ އަށް ފެންނަނީ ރަނގަޅަށް ކަމަށެވެ. އެހެން ނަމަވެސް، މެޗުގައި މެސީ ބޭނުން ކުރާނެ ގޮތަކާ މެދު ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތުގައި ވެސް މާޓިނޯ ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، މެޗުގައި މެސީ ފެންނާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް މާޓިނޯ ވަނީ ބުނެފަ އެވެ.

ލީގުގައި މިއާމީން ފިލަޑެލްފިއާއާ ދެކޮޅަށް ކުޅޭނީ ހޮނިހިރު ދުވަހުގެ ރޭ ފަތިހު 4:30 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް