Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2024 | ބުރާސްފަތި 01:55
މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ ބައެއް މެމްބަރުން ލޯކަލް ކައުންސިލްތަކާ ބެހޭ މިނިސްޓަރާ އެކު
މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ ބައެއް މެމްބަރުން ލޯކަލް ކައުންސިލްތަކާ ބެހޭ މިނިސްޓަރާ އެކު
އެމްއެލްސީއޭ
ލާމަރުކަޒީ ނިޒާމް
ބިނާވެށި ގާނޫނު މިހާރު އޮތް ގޮތާމެދު އެމްއެލްސީއޭ އިން ދެކޮޅު ހަދައިފި
ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމަށް ނުހަނު ނޭދެވޭ އަސަރުތައް މިގާނޫނުގެ ސަބަބުން ކުރާނެ
ބިލް ފާސްކުރުމުގައި ހުށަހެޅި އެއްވެސް ޚިޔާލަކަށް އެއްވެސް މިންވަރަކަށް މަޖިލިހުން ރިއާޔަތްކޮށްފައި ނުވޭ
ކައުންސިލްތަކުގެ އިހްތިސާސީ ރޮނގު މުޖްތަމައުގެ ބަހެއްނެތި ފުހެލުމުގެ ބާރު މި ގާނޫނު އޮތް ގޮތުން ވަޒީރަށް ލިބޭ

ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގްކޮށްފައިވާތީ އެކަމާ ދެކޮޅު ހަދާކަމަށް މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ) އިން ބުނެފިއެވެ.

މިކަމާ ދެކޮޅު ހަދާ އެމްއެލްސީއޭ އިން ފާސްކޮށްފައިވާ ގަރާރުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގެ ރޫހާއި، ދިވެހިރާއްޒްގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި މަގްސަދުތަކާއި ބިނާވެށި ގާނޫނު ތައާރުޒުވާ ކަމަށެވެ.

އެމްއެލްސީއޭ ގެ ގަރާރުގައި ބުނެފައިވަނީ، ރައްޔިތުންނާ އެންމެ ގާތުން ރައްޔިތުން ތަމްސީލުކޮށްދީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ ލޯކަލް ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމަށް ނުހަނު ނޭދެވޭ އަސަރުތައް މިގާނޫނުގެ ސަބަބުން ކުރާނެ ކަމަށް ދެކޭ ކަމަށާއި އަދި މިބަދަލުތަކުގެ ސަބަބުން މުޖުތަމައުގެ ވަސީލަތްތައް މުޖުތަމައަށް އެންމެ ފައިދާ ވާނޭ ގޮތަށް ރާވާ ތަރުތީބު ކުރުމުގެ ފުރުސަތު ގެއްލިގެން ދިއުމުގެ ނުރައްކާ އޮތްކަމަށެވެ.

މިބިލަށް ޚިޔާލު ހޯދުމުގެ ކުރު މަރުހަލާގައި އެ ޖަމްއިއްޔާއިންނާއި، މެމްބަރު ކައުންސިލްތަކާ، ރާއްޖޭގެ ފަންނީ މާހިރުންނާއި، އެހެނިހެން ޖަމިއްޔާ، ޖަމާއަތްތަކުން ހުށަހަޅާފައިވާ ހިޔާލްތަކަށް ބިލް ފާސްކުރުމުގައި އެއްވެސް މިންވަރަކަށް މަޖިލިހުން ރިއާޔަތްކޮށްފައި ނުވާކަމަށް އެމްއެލްސީއޭ ބުނެފައިވެއެވެ.

އެމްއެލްސީއޭގެ ގަރާރުގައި މި ބިލުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ދިޔައިރު ލޯކަލް ގަވަރމަންޓް ވުޒާރާއާއި މަޝްވަރާ ކޮށްފައި ނުވާކަމަށް އެވުޒާރާއިން ހާމަކޮށްފައިވާ ކަމަށާއި، ލޯކަލް ގަވަރމަންޓް ވަޒީރު މަޖިލީހުގެ ކޮމިޓީގައި ދެއްވާފައިވާ އިރުޝާދުތަކާ މި ގާނޫނު ތައާރުޒުވާކަން ފާހަގަ ކުރާ ކަމަށް ބުނެފައިވެއެވެ.

މިގާނޫނު ފާސްކުރުމުގައި ކައުންސިލްތަކާ، ފަންނީ މާހިރުން އެކަހެރިކުރުމުން ސަރުކާރުން ރައްޔިތުންނާ ކައުންސިލްތަކުގެ ބައިވެރިވުން ހޯދާނެ ކަމަށްވީ ވައުދަށް ހިޔަނި އެޅިއްޖެ ކަމަށް ވެސް ބުނެފައިވެއެވެ.

Advertisement

ދިގު ޒަމާންތަކަކަށްފަހު ކަނޑައެޅިގެންދިޔަ ކައުންސިލްތަކުގެ އިހްތިސާސީ ރޮނގު މުޖްތަމައުގެ ބަހެއްނެތި ފުހެލުމުގެ ބާރު މި ގާނޫނު އޮތް ގޮތުން ވަޒީރަށް ލިބޭ ކަން ފާހަގަ ކުރަމުން އެ ޖަމްއިއްޔާއިން ބުނެފައިވަނީ، މުޖްތަމައުގެ ބަހެއްނެތި ވިއްކަމުންދާ ދިވެހި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރައްޔިތުންގެ ފައިދާ އަށް ރާވާ ތަރުތީބު ކުރުމަށް ހުރި ދޮރުތައް މިގާނޫނުން ބަންދުކޮށް ވަޒީރެއްގެ މުށުތެރެއަށް ގައުމުގެ ހުރިހާ ވަސީލަތްތައް ބޭނުން ކުރުމުގެ ބާރު ލައިދޭ ކަމަށެވެ.

މިހާތަނަށް މިފަދަ ގާނޫނުތައް އުފަން ކޮށްގެން ރައްޔިތުންގެ އެއްވެސް ބަހެއްނެތި ވަޒީރަށް ފެންނަ ޕްލޭން ތަކަކުން ބޮޑެތި އިންވެސްޓްމަންޓްތަކާއި ތަރައްގީ ހޯދުމުގެ ނަމުގައި ހިންގާފައިވާ މަޝްރޫއުތަކުން ދިވެހި ރައްޔިތުންނަށް ފައިދާ ވެފައި ނުވާކަމަށާއި، ރައްޔިތުންގެ ބަހާއި ބައިވެރިވުމާ ނުލާ ހިންގާފައިވާ ހަރަކާތްތަކުން ހިންގާފައިވަނީ އެންމެ ބޮޑު ވައްކަމާ ހިޔާނާތާއި، ޓެކުންކަން ރާއްޖޭގެ ތާރީޚުން ދައްކައިދޭ ކަމަށް އެމްއެލްސީއޭ ގެ ބަޔާނުގައިވެއެވެ.

އެމްއެލްސީއޭ އިން ބުނެފައިވަނީ މިގާނޫނު އިސްލާހް ކުރުމަށް ގޮވާލާ، ގާނޫނު މިހާރު އޮތް ގޮތާ މެދު ދެކޮޅު ކަމަށާއި، ގާނޫނު އިސްލާހް ކުރުމަށް ކެނޑިނޭޅި ވަކާލާތު ކޮށް މަސައްކަތް ކުރުމަށް އެ ޖަމްއިއްޔާ އިން އިގްރާރުވާ ކަމަށެވެ.

އެމްއެލްސީއޭ ގާރާރު ފާސްކޮށްފައިވަނީ އެ ޖަމްއިއްޔާގެ ކުއްލި ބައްދަލުވުމެއްގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލް ރައީސް ޑރ. މުއިއްޒު ތަސްދީގު ކުރެއްވީ 08 ސެޕްޓެމްބަރ ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް