ޕެސިފިކްގައި އޮންނަ އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ގުއާމް ކަނޑަށް މިސައިލް ހަމަލާ ދިނުމާ ބެހޭ ޕްލޭން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ރިވިއުކޮށްފައިވާ ކަމަށާއި އެހެން ނަަމަވެސް ސީދާ ވަކި ގޮތެއް ނިންމުމުގެ ކުރިން އެމެރިކާގެ އަމަލުތަކަަށް ބަލާނެ ކަމަށް އުތުރު ކޮރެއާ އިން ބުނެފިއެވެ.
އުތުރު ކޮރެއާގެ ދައުލަތުގެ ނިއުސް އެޖެންސީ، ކޭސީއެންއޭ އިން އިތުރަށް ބުނީ ކިމް ޖޮން-އުން ވަނީ ގުއާމް އަށް ހަމަލާ ދިނުމާ ބެހޭ ޕްލޭން ވަރަށް ގިނަ ދުވަސްވަންދެން ދިރާސާކޮށްފައި ކަމަށާއި އަދި އުތުރު ކޮރެއާގެ ސީނިއާ އަސްކަރީ އޮފިޝަލުންނާ ވެސް މަޝްވަރާކޮށްފައި ކަމަށެވެ.
ގުއާމް އަށް ހަމަލާ ދިނުމުގެ ކުރިން އެެެމެރިކާގެ އަމަލުތަކަށް ބަލާނެ ކަމަށް އުތުރު ކޮރެއާ އިން ބުނިއިރު، ދާދިފަހުން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް ވިދާޅުވީ އުތުުރު ކޮރެއާ އިން އެއްވެސް ހަމަލާއެއް ދީފި ނަމަ ހަނގުރާމައެއް ފެށޭނެ ކަމަށެވެ. ހަަމައެހެންމެ، ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އުތުރު ކޮރެއާ އިން ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމް ކުރިއަށް ގެންދާ ނަމަ އެގައުމުން "އަލިފާނާއި އަދި ރުޅިވެރިކަމާ" ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
ގުއާމް ކަނޑަށް އުތުރު ކޮޮރެއާ އިން ހަތަރު މިސައިލެއް ފޮނުވާލުމާ ބެހޭ ޕްލޭން ރިވިއުކޮށްފައިވާ ކަމަށް އުތުރު ކޮރެއާ އިން ބުނާއިރު އދ. އިން ދާދިފަހުން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފައެވެ.
ބައިނަލްއަގްވާމީ ދުނިޔެއިން ތަކުރާރުކޮށް އުުތުރު ކޮރެއާ އަށް އަންގަމުން ދަނީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި އަދި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށެވެ. އެހެންނަމަވެސް އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ ގޮވުންތަކަށް ދަނީ ބީރުކަންފަތެއް ދެމުންނެވެ.