ޔުއެފާ ނޭޝަންސް ލީގު ބީގެ، ގުރޫޕް ދޭއްގައި ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުން ވެސް އިންގްލެންޑު މޮޅުވެއްޖެ އެވެ.
ފުރަތަމަ މެޗުގައި އިންގްލެންޑުން ވަނީ އަޔަލެންޑުގެ މައްޗަށް ވެސް ކުރި ހޯދައިފަ އެވެ. އަންގާރަ ދުވަހުގެ ރޭ ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އިންގްލެންޑުން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފަހު ހާފުގަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑު ނަގައިދިނީ ކެޕްޓަން ހެރީ ކޭން އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް އެވެ. އޭގެ ފަހުން މެޗުގެ 76 ވަނަ މިނެޓުގައި ކޭން ވަނީ އިންގްލެންޑުގެ ދެ ވަނަ ލަނޑު ޖަހައި، ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން ކޭން އަށް ފުރުސަތު ތަނަވަސްކޮށްދިނީ ނޯނީ މަޑުއޭކޭ އެވެ.
މިއީ އިންގްލެންޑުގެ ޤައުމީ ޓީމަށް ކޭން ކުޅެދިން 100 ވަނަ މެޗެވެ. މިހާތަނަށް ޤައުމީ ޓީމަށް އޭނާ 100 މެޗު ކުޅެދީފައިވާއިރު، ކޭން ވަނީ ޤައުމީ ޓީމަށް 68 ލަނޑު ޖަހައިދީފަ އެވެ. އޭނާ އަކީ އިންގްލެންޑުގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައީދީފައިވާ ކުޅުންތެރިޔާ އެވެ.
މޮޅާއެކު އިންގްލެންޑު ދެ ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތް ގްރީސް ވެސް ވަނީ ކުޅުނު ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓު ހޯދައިފަ އެވެ. އެ ޓީމު ކުރި ހޯދަނީ ލަނޑުގެ ތަފާތުންނެވެ. ގްރޫޕް ސްޓޭޖުގެ ތިން ވަނަ މެޗުގައި އިންގްލެންޑު ނިކުންނާނީ ގްރީސްއާ ދެކޮޅަށެވެ.