ކ. މާލެ
|
9 ސެޕްޓެންބަރ 2024 | ހޯމަ 08:35
ނެދަލެންޑްސް އިން ކުޅުނު މެޗުގައި ޑި ލިޓް
ނެދަލެންޑްސް އިން ކުޅުނު މެޗުގައި ޑި ލިޓް
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
ޔުނައިޓެޑަށް ބަދަލުވެވުމުން އުފާވޭ: ޑި ލިޓް
އެ ބަދަލަކީ އޭނާ އަށް ރަނގަޅު ބަދަލެއް ކަމަށާއި، އެ ބަދަލާ އެކު އޭނާ އަށް ވެސް ތަފާތު އިޙުސާސެއް ކުރެވޭ ކަމަށް ވެސް ޑި ލިޓް ވަނީ ބުނެފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެވުމުން އުފާވާ ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލިޓް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުއެފާ ނޭޝަންސް ލީގުގައި ނެދަލެންޑްސް އިން ބޮސްނިއާގެ މައްޗަށް ކުރި ހޯދި މެޗަށްފަހު، ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުންނެވެ.

ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށްލުމަށްފަހު، އުމުރުން 25 އަހަރުގެ ޑި ލިޓް ޔުނައިޓެޑާ އެކު ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ޑި ލިޓް ހޯދުމަށް ޔުނައިޓެޑުން ވަނީ ގާތް ގަނޑަަކަށް 50 މިލިއަން ޔޫރޯ ޚަރަދު ކޮށްފަ އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑި ލިޓް ބުނީ ބަޔާން ދޫކޮށްލުމަށްފަހު ޔުނައިޓެޑާ ގުޅެން ނިންމި ނިންމުމާ މެދު އުފާވާ ކަމަށެވެ. އަދި އެ ބަދަލަކީ އޭނާ އަށް ރަނގަޅު ބަދަލެއް ކަމަށާއި، އެ ބަދަލާ އެކު އޭނާ އަށް ވެސް ތަފާތު އިޙުސާސެއް ކުރެވޭ ކަމަށް ވެސް ޑި ލިޓް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ، ޔުނައިޓެޑަށް ބަދަލުވުމާއެކު ވަރަށް ބޮޑަށް އޭނާ މަންޒަރުގައި ފެންނަން ހުންނަ ކަމަށެވެ. ސަބަބަކީ އިނގިރޭސި ޕްރިމިއާ ލީގު ބަލާ މީހުންގެ އަދަދު ގިނަވެފައި، ޖަރުމަނު ލީގު ބަލާ މީހުންގެ އަދަދު މަދުވުން ކަމަށް ވެސް އޭނާ ބުންޏެވެ. ޑި ލިޓް ބުނީ ޔުނައިޓެޑާ އެކު ކުރިއަށް ދާން އޭނާ ބޭނުންވާ ކަމަށާއި، އަމާޒަކީ އެ ކުލަބާ އެކު ކާމިޔާބީތަކެއް ހޯދުން ކަމަށެވެ.

ޔުނައިޓެޑުން ޑި ލިޓް ހޯދާފައި ވަނީ އެ ކުލަބުގެ ކޯޗު އެރިކް ޓެން ހާގްގެ ލަފާގެ މަތީންނެވެ. އެއީ ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން ޓެން ހާގް އަޔެކްސްގައި މަސައްކަތްކުރިއިރު، އޭނާގެ އިރުޝާދުގެ ދަށުން ޑި ލިޓް ކުޅެފައި ހުރުމުންނެވެ. ޔުނައިޓެޑަށް ބަދަލުވެ ޑި ލިޓް ވަނީ މިހާތަނަށް އެ ކުލަބަށް ތިން މެޗު ކުޅެދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް