ކ. މާލެ
|
7 ސެޕްޓެންބަރ 2024 | ހޮނިހިރު 13:15
ރައީސުލްޖުމްހޫރިއްޔާ، ގެދޮރުވެރިކަމާ ބެހޭ ޔޫނިއަން ތަކާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ، ގެދޮރުވެރިކަމާ ބެހޭ ޔޫނިއަން ތަކާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ފްލެޓު ޙަވާލުކުރުން
ފްލެޓު ޙަވާލުކުރުމުގެ ވައުދާ ޚިލާފުވެ އަނެއްކާވެސް އައު ޓައިމްލައިންއެއް، މިފަހަރު ވައުދު ފުއްދަވާނެ؟
އޭރު ވީ ވައުދާ ޚިލާފަށް އަނެއްކާވެސް މުޅިން އައު ސިޔާސަތުތަކެއްގެ މައްޗަށް ފްލެޓާ ގޯތި ދިނުމުގެ ކަންކަން މިވަނީ ބިނާކޮށްފައެވެ.

ގެޒެޓު ކޮށްފައިވާ ގޮތަށް އެއްވެސް ބަދަލެއް ނެތި ފްލެޓާއި ގޯތި ޙަވާލުކޮށްދެއްވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. އެހެންނަމަވެސް މަޖިލިސް އިންތިޚާބަށްފަހު މިހާރު މުޅިން އެ ވައުދު މިވަނީ ބަދަލުވެފައެވެ.

މުޅި ލިސްޓު އަލުން ސަރުކާރުން އެކުލަވާލައި، އޭރު ވީ ވައުދާ ޚިލާފަށް އަނެއްކާވެސް މުޅިން އައު ސިޔާސަތުތަކެއްގެ މައްޗަށް ފްލެޓާ ގޯތި ދިނުމުގެ ކަންކަން މިވަނީ ބިނާކޮށްފައެވެ. އަދި އެކަމުގައި އަލި މަގެއް ފެނުމާއި، ރައްޔިތުންނަށް އެ ޙައްޤު އަވަހަށް ލިބުމަކީ މިއަދު އެތަކެއް ރައްޔިތުންގެ ހިތުގައި ޝައްކު އުފެދިފައިވާ ކަމެކެވެ.

އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އޭރު ރައީސް ވިދާޅުވެފައި އޮތީ ގޯހުން ވިޔަސް ސަރުކާރަކުން ރައްޔިތަކަށް ދީފައިވާ އެއްޗެއް މި ސަރުކާރުން އަތެއް ނުލާނެ ކަމަށެވެ. އެއަށް ޤަދަރު ކުރައްވާނެ ކަމަށެވެ.

އެހެންކަމުން ރައީސްގެ ވައުދުފުޅާ އެއްގޮތަށް ފްލެޓާއި ގޯތި ދިނުމަށް ގޮވާލައި ސިލްސިލާ މުޒާހަރާތައްވެސް ރައްޔިތުން ގުޅިގެން ކުރިއަށް ގެންގޮސްފައިވެއެވެ. އެކަމަށް ޚާއްސަކޮށް ބާއްވަމުން ދިޔަ މުޒާހަރާ ބިނާކޮށްފައި އޮތީ މައިގަނޑު 3 ކަމެއްގެ މައްޗަށެވެ.

އެއީ ސަރުކާރަށް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއިއްވައި ދިނުމާއި، ސަރުކާރުން ޔަޤީންކަން ދިނުމުން މި ޙަރަކާތް މަޑު ޖައްސާލުމާއި، އެ ޔަޤީންކަމާ އެއްގޮތަށް ސަރުކާރުން އަމަލު ނުކޮށްފިނަމަ މުޒާހަރާ އަނެއްކާވެސް ކުރިއަށް ގެންދިއުމެވެ.

ރައީސުލްޖުމްހޫރިއްޔާ، ގެދޮރުވެރިކަމާ ބެހޭ ޔޫނިއަން ތަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން - ރައީސް އޮފީސް

ރައީސްގެ ވައުދުފުޅާ އެއްގޮތަށް އަމަލު ނުކުރައްވާތީ ތަކުރާރުކޮށް ކުރަމުންދިޔަ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ރައީސް މިހާރު ވަނީ އެ ފަރާތްތަކާ ބައްދަލު ކުރައްވައި ޔަޤީންކަމެއް ދެއްވާފައެވެ. އެހެންކަމުން ރައީސް ދެއްވާފައިވާ ޓައިމްލައިންތަކަށް ބެލުމަށް މިވަގުތަށް މުޒާހަރާގެ ޙަރަކާތްތައް މަޑުޖައްސާލުމަށް މިކަމުގައި ޙަރަކާތްތެރިވާ ޖަމިއްޔާތަކުން ދަނީ ވިސްނަމުންނެވެ.

ފްލެޓާއި ގޯތީގެ ޙައްޤުގައި އަޑު އުފުލުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން

މުޒާހަރާ އިންތިޒާމު ކުރުމުގެ ކަންކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ރާއްޖެއެމްވީއަށް ކިޔާދިން ގޮތުގައި ރައީސާއެކު ބޭއްވުނު މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ފްލެޓު ލިސްޓު ނެެރުއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އަންނަ އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ފްލެޓުތަކުގެ ހައްޤުވެރިންނަށް ފްލެޓަށް ވަދެވޭނެކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ގެދޮރުވެރިކަމާ ބެހޭ ޔޫނިއަން ތަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން - ރައީސް އޮފީސް

އެހެންކަމުން މިހާރު ފްލެޓާއި ގޯތީގެ ޙައްޤުގައި އަޑުއުފުލަމުންދާ ފަރާތްތަކުން ތިބީ އެކަން ޤަބޫލުކޮށް އެކަމުގެ އިންތިޒާރުގައެވެ. ރައީސް އަނެއްކާވެސް ވައުދާ ޚިލާފުވެވަޑައިނުގަންނަވާނެކަމުގެ އުއްމީދުގައެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި ރައީސް ދެއްވާފައިވާ ޓައިމްލައިންއާ އެއްގޮތަށް ފްލެޓު ޙަވާލު ނުކޮށްފިނަމަ، އަނެއްކާވެސް ހަމަ އެ ޖޯޝާއި ފޯރީގައި މުޒާހަރާ ކުރާނެއެވެ.

އެހެންނަމަވެސް މިއީ ހަގީގަތުގައި ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް ހޯދުމަށާއި، ސަރުކާރުން ރައްޔިތުންނަށް ވާ ވައުދުތައް ފުއްދުމަށް ގޮވާލައި ކޮންމެ ފަހަރަކު ރައްޔިތުން މުޒާހަރާއަށް ނިކުތުން ނޫން ގޮތެއް ނެތުމަކީ ސަރުކާރުގެ ނާޤާބިލުކަން ދޭހަވާ ކަމެކެވެ. ސަރުކާރުން ރައްޔިތުންނާ ދޭތެރޭގައި އިހުމާލުވާ މިންވަރު ދޭހަވާ ކަމެކެވެ.

ކޮންމެއަކަސް މިއަދު ރައްޔިތުންނަށް އޮތީ ސަރުކާރުން ދިން އައު ޑެޑްލައިންއާ އެއްގޮތަށް އަމަލު ކުރާނެކަމުގެ ފަނޑު އުއްމީދެއްގައި ތިބުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް