ކ. މާލެ
|
15 އޯގަސްޓް 2017 | އަންގާރަ 08:21
ޖަލްސާގައި އަސްލަމް ވާހަަކަ ދައްކަވަނީ
ޖަލްސާގައި އަސްލަމް ވާހަަކަ ދައްކަވަނީ
އެޑްމިން
ކުނޫޒް ޖަލްސާ
ސިޔާސީ މަގުގައި އިދިކޮޅު ފަރާތްތައް ކުރިއަށްދާއިރު ކުޑަކޮށް ހުއްޓިލާފައި ވިސްނާލަންޖެހޭ ކަންތައްތައް އެބަހުރި: އަސްލަމް
މިިއަދު ކަންތައްތައް ރަގަޅުވާނެ ކަމުގެ ޔަޤީންކަން އެބައޮތް
ޤާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި
އަނިޔާ ދިޔަސް ފަހަތަށް ނުޖެހި މަސައްކަތްކުރަނީ އިސްލާހުވާނެތީ

އިދިކޮޅު ކޯލިޝަނުން ސިޔާސީ މަގުގައި ކުރިއަށްދާއިރު ކުޑަކޮށް ހުއްޓިލައި، މަޑު ޖައްސާލައި، ވިސްނާލަންޖެހޭ ކަންތައްތައް އެބަހުރިކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މ. ކުނޫޒްގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ކުރެވިގެންދިޔަ ސިޔާސީ ތަޖުރިބާއާ އެކީގައި ބަދަލުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި ވިސްނާފައި އަމަލު ކުރަންޖެހޭ ކަންތައްތަކެއް ވެސް ހުރި ކަމަށެވެ.

އަސްލަމް ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލުވާނެ ކަމަށާއި ނޭނގެނީ ބަދަލުވާނެ އިރެއް ކަމަށެވެ. ސިޔާސީ ކަންތައްތައް ހާސިލްކުރާއިރު ދަތިތަކާއި ހުރަސްތައް ހުންނާނެ ކަމަށާއި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބް ނިމިގެންދިޔައީ ވަރަށް އޮމާންކޮށް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ދަތި ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ ކުރިން ކުރެވުނީ ކަންތައްތައް ރަގަޅު ވެދާނެކަމުގެ އުންމީދުތަކެއް ކަމަށާއި މިއަދު ކަންތައްތައް ރަގަޅުވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

ދިވެހިރާއްޖެ ސިޔާސީ މަގުގައި ބަދަލުވަމުން ދިޔައިރު ޤާނޫނު އަސާސީ އިސްލާހުކޮށް ރައީސްއަކަށް ހުންނަވާ ބޭފުޅަކު ވޯޓަކުން ބަދަލުވެގެން ދިޔައިރު ޤައުމުގެ މުވައްސަސާތައް  ހަމައަކަށް އަޅުވައި، މުޅި ޤައުމު ކުރީގައި އޮތް ނިޒާމުން އަނެއް ނިޒާމަށް ބަދަލުވާން ބޭނުންވާ މަރުހަލާ ލިބިފައިނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. 

"ތަހުޒީބު ނޫންތޯ އަޅުގަނޑުމެން. އެއްޗެހި ގޮވާފަ ވެސް އެއްގަލަކަށް އަރަން ވީމަ އެއްގަލަކަށް އަރާ މިތިބީ އަޅުގަނޑުމެން. އުފާވެރި މަންޒަރެއް ނޫންތޯ އަޅުގަނޑުމެންނަށް މި ފެންނަނީ. ސިޔާސީ ހުރިހާ ވާދަވެރިން އެއްގަލަކަށް އަރާ މިތިބީ. މިއަށްވުރެ ރަނގަޅު ސިޔާސީ މާހައުލެއް ރާއްޖޭގައި މިހާތަނަށް ޤާއިމްކުރެވިފައެއް ނެތް. އަޅުގަނޑުމެން އެކަކު އަނެކަކާ ދިމާލަށް ނުގޮވާ އެއްޗެއް ނޯންނާނެ މީގެ ކުރިން. މިއަދު މިތިބީ އެކީގައި. އަދި އެކަމަކު މުސްތަޤްބަލުގައި ހަމަތިބެދާނެ ވާދަވެރިން ގޮތުގައި،" އަސްލަމް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް އިންތިޤާލީ މަރުހަލާއެއް އަންނަން ޖެހޭކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ ފަސް އަހަރަށް ރައީސަކު އިންތިޙާބުވުމުން ސިޔާސީ ގޮތުން އެ ރައީސްއަކު ދެވަނަ ދައުރަކަށް އިންތިޙާބު ވުމަށް ބޭނުންފުޅުވާ ކަމަށެވެ.  އެކަން އެގޮތަށް އޮތުމުން އެ ރައީސަކު ކުރައްވާނީ ހަމައެކަނި އެ ބޭނުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންތައްތައް ކަމަށާއި އޭގެ ސަބަބުން ނިޒާމުތަކުގެ ތެރޭގައި ހުރި މައްސަލަތަކަށް ދެއްވާ ޝައުގުވެރިކަން ކުޑަވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމް  ވިދާޅުވީ ޤާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަމަށާއި ދަޢުލަތުގެ މުވައްސަސާތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންގެ މުއައްސަސާ އާއި ޖުޑިޝަރީ އުވާލަން އިދިކޮޅު ކޯލިޝަނުން މަސައްކަތް ނުކުރާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ވިއްސަކަށް މެމްބަރުންނަށް އެކިގޮތްގޮތަށް ބިރުދައްކައި ދަޢުވާކޮށް ހަދާއިރު ވެސް ފަހަތަށް ނުޖެހި އެ ތިބީ ރާއްޖޭގެ ޙާލަތު ބަދަލުވާނެތީ ކަމަށް އަސްލަމް ވިދާޅުވިއެވެ. 

އަސްލަމްވަނީ ދިވެހިރާއްޖޭގެ ކަންތައްތައް ހަމަ މަގަށް އަޅުވައި ރާއްޖެއަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް