ކ. މާލެ
|
7 ސެޕްޓެންބަރ 2024 | ހޮނިހިރު 08:32
ޑި މާރިއާގެ ވަދާއީ ޝަރަފުގައި ބޭއްވި ޙަރަކާތުގެ ތެރެއިން
ޑި މާރިއާގެ ވަދާއީ ޝަރަފުގައި ބޭއްވި ޙަރަކާތުގެ ތެރެއިން
ރޮއިޓާސް
އާޖެންޓީނާ ޤައުމީ ޓީމު
ވަފާތެރި ސަޕޯޓަރަކަށް ވާނަން: ޑި މާރިއާ
އެހެން ސަޕޯޓަރުންނާ އެއް ހަމައެއްގައި ހުރެ އަބަދު ވެސް ޤައުމީ ޓީމަށް ހިތްވަރު ދިނުމާއި، ފޯރި ދިނުމުގައި ހުންނާނެކަން ފާހަގަކޮށް ޑި މާރިއާ ބުނީ، އޭނާ ވާނީ އާޖެންޓީނާގެ ވަފާތެރި ސަޕޯޓަރަކަށް ކަމަށެވެ.

އާޖެންޓީނާ ޤައުމީ ޓީމުގެ ވަފާތެރި ސަޕޯޓަރަކަށް ވާނެ ކަމަށް، އެ ޓީމަށް ކުޅުނު ހުނަރުވެރި އެޓޭކިން މިޑްފީލްޑަރު އެންހެލް ޑި މާރިއާ ބުނެފި އެވެ.

އުމުރުން 36 އަހަރުގެ ޑި މާރިއާ މިހެން ބުނީ އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުން ރަސްމީކޮށް ރިޓަޔާވުމަށްފަހު ވާހަކަ ދައްކަމުންނެވެ. ޑި މާރިއާ ނިންމާފައި އޮތީ މިއަހަރު އެމެރިކާގައި ކުރިއަށް ދިޔަ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) އަށް ފަހު އާޖެންޓީނާ ޤައުމީ ޓީމުން ރިޓަޔާ ކުރުމަށެވެ. އެންމެ ފަހުން އާޖެންޓީނާ އިން ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ވަނީ ޑި މާރިއާގެ ވަދާއި ޝަރަފުގައި ޙަރަކާތެއް ބާއްވައިފަ އެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ޑި މާރިއާ ބުނީ މިހާރު އޭނާ އަކީ އާޖެންޓީނާގެ ސަޕޯޓަރެއް ކަމަށެވެ. އެހެން ސަޕޯޓަރުންނާ އެއް ހަމައެއްގައި ހުރެ އަބަދު ވެސް ޤައުމީ ޓީމަށް ހިތްވަރު ދިނުމާއި، ފޯރި ދިނުމުގައި ހުންނާނެކަން ފާހަގަކޮށް ޑި މާރިއާ ބުނީ، އޭނާ ވާނީ އާޖެންޓީނާގެ ވަފާތެރި ސަޕޯޓަރަކަށް ކަމަށެވެ.

މީގެ އިތުރުން ޑި މާރިއާ ބުނީ އާޖެންޓީނާ އިން ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގައި ކުޅޭ ހުރިހާ މެޗެއް، އަދި ފީފާ ވޯލްޑް ކަޕްގައި ކުޅޭ ހުރިހާ މެޗެއް ބަލަން އޭނާ ދާނެ ކަމަށެވެ. އާޖެންޓީނާ ޓީމުގައި އަދިވެސް ކުރިއަށް ދިޔުމުގައި އެތައް ހިތްވަރެއް ހުރިކަން ފާހަގަކޮށް ޑި މާރިއާ ބުނީ، އެ ޓީމަކީ އެންމެ މޮޅު ޓީމު ކަމަށެވެ. އަދި އެ ޓީމަށް އަބަދު ވެސް ކާމިޔާބަށް އެދޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ޑި މާރިއާ އަށް އާޖެންޓީނާ ޤައުމީ ޓީމުން ޖާގަ ލިބުނީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ޤައުމީ ޓީމަށް 145 މެޗު ކުޅެދީ 31 ލަނޑު ޖަހައިފަ އެވެ. އާޖެންޓީނާގެ ސީނިއާ ޓީމާއެކު ޑި މާރިއާ ވަނީ ހަތަރު ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ 2021 ވަނަ އަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގެ އިތުރުން، ފައިނަލިސިމާ، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އަދި މިއަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތެވެ. އާޖެންޓީނާ އިން މުބާރާތްތައް ކާމިޔާބު ކުރުމުގައި ޑި މާރިއާ ވަނީ އިސް ދައުރެއް އަދާ ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް