ކ. މާލެ
|
7 ސެޕްޓެންބަރ 2024 | ހޮނިހިރު 08:31
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަދި ޑި މާރިއާ
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަދި ޑި މާރިއާ
ރޮއިޓާސް
އާޖެންޓީނާ ޤައުމީ ޓީމު
މެސީގެ ސިޓީއެއް ޑި މާރިއާ އަށް!
އެ ސިޓީގައި މެސީ ބުނެފައި ވަނީ، ޑި މާރިއާގެ އާއިލާ އަދި ލޯބިވާ މީހުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވުނު ކަމަށް އުންމީދު ކުރާ ކަމަށެވެ.

އާޖެންޓީނާ ޤައުމީ ޓީމުން ރަސްމީކޮށް ރިޓަޔާ ކުރި އެންހެން ޑި މާރިއާ އަށް، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ޚާއްސަ މެސެޖެއް ހިމެނޭ ސިޓީއެއް ދީފި އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އާޖެންޓީނާ އިން ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ވަނީ ޑި މާރިއާގެ ވަދާއީ ޝަރަފުގައި ޚާއްސަ ޙަރަކާތެއް ބާއްވައިފަ އެވެ. އެ ޙަރަކާތުގައި އާޖެންޓީނާގެ ކެޕްޓަން މެސީ ބައިވެރިވެފައި ނުވަނީ، މިވަގުތު އަނިޔާގައި ހުރުމުގެ ސަބަބުންނެވެ. އަނިޔާގެ ސަބަބުން އެ މެޗުގައި ވެސް މެސީ ނުކުޅެ އެވެ.

މެސީ އާއި ޑި މާރިއާ އަކީ ޤައުމީ ޓީމުގައި ގާތް ގުޅުމެއް އޮތް ދެ ކުޅުންތެރިންނެވެ. އާޖެންޓީނާ ޤައުމީ ޓީމުން ރަސްމީކޮށް ޑި މާރިއާ ރިޓަޔާ ކުރުމުން، މެސީ ވަނީ އޭނާ އަށް ޚާއްސަ ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި މެސީ ބުނެފައި ވަނީ، ޑި މާރިއާގެ އާއިލާ އަދި ލޯބިވާ މީހުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވުނު ކަމަށް އުންމީދު ކުރާ ކަމަށެވެ. މެސީ ބުނީ ޑި މާރިއާ ޤައުމީ ޓީމުން ރިޓަޔާވާން ނިންމާފައިވާއިރު، ދެމީހުން ވެސް އެތައް ވާހަކައެއް ހިއްސާކޮށްފައި ވާނެ ކަމަށެވެ.

މީގެ އިތުރުން މެސީ ބުނީ ކެރިއަރުގައި ޤައުމީ ޓީމާ އެކު އެތައް ކަމެއް ހޭދަކޮށްފައިވާއިރު، މިފަދަ ގޮތަކަށް އެކަން ދިމާވެދާނެ ކަމަށް އެކަކު ވެސް އުންމީދު ނުކުރާ ކަމަށެވެ. ޤައުމީ ޓީމުން ޑި މާރިއާ ރިޓަޔާވީއިރު، އޭނާގެ ހަނދާން އެންމެން ވެސް ހުންނާނެ ކަމަށާއި، އޭނާ އަކީ އާޖެންޓީނާގެ އެއް ފަޚުރު ކަމަށް ވެސް މެސީ ބުންޏެވެ. އަދި ދާދި އަވަހަށް ޑި މާރިއާއާ ބައްދަލުވާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް މެސީ ވަނީ ބުނެފަ އެވެ.

އުމުރުން 36 އަހަރުގެ ޑި މާރިއާ ނިންމާފައި އޮތީ މިއަހަރު އެމެރިކާގައި ކުރިއަށް ދިޔަ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) އަށް ފަހު އާޖެންޓީނާ ޤައުމީ ޓީމުން ރިޓަޔާ ކުރުމަށެވެ. ޑި މާރިއާ އަށް އާޖެންޓީނާ ޤައުމީ ޓީމުން ޖާގަ ލިބުނީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ޤައުމީ ޓީމަށް 145 މެޗު ކުޅެދީ 31 ލަނޑު ޖަހައިފަ އެވެ.

އާޖެންޓީނާގެ ސީނިއާ ޓީމާއެކު ޑި މާރިއާ ވަނީ ހަތަރު ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ 2021 ވަނަ އަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގެ އިތުރުން، ފައިނަލިސިމާ، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އަދި މިއަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތެވެ. އާޖެންޓީނާ އިން މުބާރާތްތައް ކާމިޔާބު ކުރުމުގައި ޑި މާރިއާ ވަނީ އިސް ދައުރެއް އަދާ ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް