ކ. މާލެ
|
7 ސެޕްޓެންބަރ 2024 | ހޮނިހިރު 13:00
މާޒިޔާގެ މެނޭޖަރު އިބްރާހީމް ވަހީދު
މާޒިޔާގެ މެނޭޖަރު އިބްރާހީމް ވަހީދު
ރާއްޖެ އެމްވީ
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
މާޒިޔާގެ މެނޭޖަރު ފާހަގަ ކުރީ ފުޓުބޯޅަ ނުކުޅޭތާ ގިނަ ދުވަސްވުމުން، ދިމާވާ ގޮންޖެހުންތަކާއި ދަތިތައް!
އަލުން ފަރިތަކުރުންތައް ފަށައިގެންދާއިރު، އެ ކުޅުންތެރިން ތިބީ ކޮން ޙާލަތެއްގައިތޯ ދެނެގަންނަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ރާއްޖޭގައި ފުޓުބޯޅަ ނުކުޅޭތާ ގިނަ ދުވަަސްތަކެއް ވެފައިވާތީ، އޭއެފްސީ ޗެލެންޖު ލީގަށް ތައްޔާރުވަމުން އަންނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ގިނަ ގޮންޖެހުންތަކަކާއި ދަތިތަކެއް ދިމާވާ ކަމަށް އެ ކުލަބުގެ މެނޭޖަރު އިބްރާހީމް ވަޙީދު ބުނެފި އެވެ.

އޭނާ މިހެން ބުނީ އަންނަ އޮކްޓޫބަރު މަހު ފަށާ އޭއެފްސީ ޗެލެންޖު ލީގަށް މާޒިޔާގެ ފަރިތަކުރުންތައް ފެށުމާ ގުޅޭ ގޮތުން "ރާއްޖެ އެމްވީ"އާ ވާހަކަ ދައްކަމުންނެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އިން ވަނީ ބިދޭސީ ކޯޗެއް ހަމަޖައްސައި، ކުލަބުގެ ފަރިތަކުރުންތައް ރަސްމީކޮށް ފަށައިފަ އެވެ.

ވަޙީދު ބުނީ، މެޗެއް ނުކުޅޭތާ ވެސް ނުވަ މަސް ދުވަސް ވެފައިވާ ކަމަށެވެ. މެޗެއް ނުކުޅުމުގެ އިތުރުން، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުޅުންތެރިން ތިބި ޙާލަތު ދެނެގަންނަން ޖެހޭ ކަމަށެވެ. ސަބަބަކީ މިހާ ދުވަސް ވެގެންދިޔައިރު ކުޅުންތެރިން ފުޓުބޯޅައާ ދުރުގައި ތިބެން ޖެހުން ކަމަށް ވެސް އޭނާާ ފާހަގަ ކުރި އެވެ. އެހެންކަމުން އަލުން ފަރިތަކުރުންތައް ފަށައިގެންދާއިރު، އެ ކުޅުންތެރިން ތިބީ ކޮން ޙާލަތެއްގައިތޯ ދެނެގަންނަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މިހާރު އޮތް ޙާލަތަށް ބަލާއިރު، އެ ޙާލަތުން އަރައި ގަތުމަށް ކުލަބުގެ ކޯޗިން ސްޓާފުން ވަރަށް ބުރަ މަސައްކަތެއް ކުރަން ޖެހޭނެކަން ވެސް ވަޙީދު ފާހަގަ ކުރި އެވެ. ފުރަތަމަ ހަފުތާގެ ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ދެއިރު ފަރިތަކުރާ ގޮތަށް ކަމަށާއި، އެހެން ނަމަވެސް ހަމައެކަނި ފަރިތަކޮށްގެން މުބާރާތަކަށް ތައްޔާރު ނުވެވޭނެ ކަމަށެވެ. ވަޙީދު ބުނީ މެޗެއް ކުޅެން ޖެހޭ ކަމަށާއި، ނަމަވެސް މެޗެއް ކުޅެވޭނެ ޙާލަތެއް އަދި ގޮތެއް ނެތް ކަމަަށެވެ. މުބާރާތުގެ ކުރިން ދެ ތިން މެޗެއް ކުޅުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް ވަޙީދު ބުނީ، ކައިރީ ރަށަކުން ޓީމަކާ އެކު މެޗެއް ކުޅުމަށް ބަލަމުން އަންނަ ކަމަށެވެ.

ހަމެކަނި ޕްރެކްޓިސް ކޮށްގެން މެޗަކަށް ނުވަތަ މުބާރާތަކަށް ރެޑީއެއް ނުވެވޭނެ. މެޗެއް ކުޅެން އެބަ ޖެހޭ، މެޗެއް ކުޅެވޭނެ ޙާލަތެއް ނެތް ގޮތެއް ނެތް. ކުޅޭނެ ބަޔަކު ވެސް ނެތް. ދެން އޮތީ ކައިރި ރަށަކުން ކުދިން ކޮޅެއް ހޯދާލައިގެން ނޫނީ ރަށަކަށް ގޮސްގެން ނަމަވެސް އެބަ ޖެހޭ. ދެން އަޅުގަނޑުމެން ބަލާނަން އިރާދަކުރެއްވިއްޔާ. އެކަމަކު ވެސް ފުރުމުގެ ކުރިން ދޭއް ނުވަތަ ތިން މެޗު ކުޑަކުޑަ ކޭމްޕެއް ޖަހާލައިގެން ވެސް ކުޅެވޭތޯ.
އިބްރާހީމް ވަޙީދު / މާޒިޔާގެ މެނޭޖަރު

މީގެ އިތުރުން ވަޙީދު ބުނީ ހަޤީގަތަށް ބުނާ ނަމަ، ރާއްޖޭ ޤައުމީ ފުޓުބޯޅަ ޓީމުގެ 95 އިންސައްތަ ކުޅުންތެރިން ތިބީ މާޒިޔާގައި ކަމަށެވެ. ޤައުމީ ޓީމުގެ 19 ނުވަތަ 19 ވަރަކަށް ކުޅުންތެރިން މާޒިޔާގައި ތިބި ކަމަށާއި، ކުޅުންތެރިން ހިފަހައްޓައިގެން ކުރިއަށް ދިޔުމުގެ ޒިންމާ މާޒިޔާގެ ބޮލުގައި އެޅިފައި އޮތް ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރަމުން އަންނަނީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކަމަށާއި، ހުރިހާ ދިމާލަކަށް ވިސްނައިގެން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވަޙީދު ބުންޏެވެ.

މާޒިޔާ އަކީ ރާއްޖޭގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މާޒިޔާ އިން ވަނީ ޖެހި ޖެހިގެން ހަތަރު އަހަރު ދިވެހި ލީގު ކާމިޔާބު ކޮށްފަ އެވެ. ރާއްޖޭގެ ފުޓުބޯޅަ އުނދަގޫ ޙާލަތެއްގައި އޮތްއިރު، އޭއެފްސީ އިން ދެމުން އަންނަ ކުލަބު ލައިސަންސް ލިބުނު ހަމައެކަނި ދިވެހި ކުލަބަކީ ވެސް މާޒިޔާ އެވެ.

އޭއެފްސީ ޗެލެންޖު ލީގަށް މާޒިޔާ ތައްޔާރުވަމުން އަންނައިރު، މުބާރާތުގެ ފުރަތަމަ މެޗުގައި އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު މާޒިޔާ ނިކުންނާނީ އާކަޑާއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު މާޒިޔާ ނިކުންނާނީ އަލް އަރަބީއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު މާޒިޔާ ނިކުންނާނީ އަބްޑީޝްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް