ކ. މާލެ
|
6 ސެޕްޓެންބަރ 2024 | ހުކުރު 01:29
ކުންފުނިތަކުގެ ދަރަނި ވަނީ މައްޗަށް ގޮސްފައި
ކުންފުނިތަކުގެ ދަރަނި ވަނީ މައްޗަށް ގޮސްފައި
ގޫގުލް
އެސްއޯއީ ތަކުގެ ފައިދާ ދަށަށް ދިއުން
ދައުލަތުގެ ކުންފުނިތަކަށް ލިބުނު އާމްދަނީ އިތުރުވި އިރު ހިންގުމުގެ ޚަރަދު ބޮޑުވެ، ފައިދާ ދަށަށް
މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ކުންފުނި ތަކަށް ލިބުނު ފައިދާ 20 އިންސައްތަ ދަށަށް ގޮސްފައިވާއިރު ކުންފުނިތައް ހިންގުމުގެ ޚަރަދުތައް ވަނީ އިތުރުވެފައެވެ.

ދައުލަތުގެ ކުންފުނިތަކަށް 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ 20 އިން ސައްތަ ދަށަށް ހިނގައްޖެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ނުވަތަ ދައުލަތުގެ ކުންފުނިތަކުގެ މާލީ ރިވިއު އަށް ބަލާއިރު، 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެސްއޯއީ ތަކަށް 13.09 ބިލިއަން ރުފިޔާ ލިބުނު އިރު 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 13.74 ބިލިއަނަށް އާމްދަނީ ވަނީ އިތުރުވެފައެވެ. އެހެން ނަމަވެސް، މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ލިބުނު ފައިދާ 20 އިން ސައްތަ ވަނީ ދަށަށް ގޮސްފައެވެ.

އެސްއޯއީތަކަށް ލިބުނު ފައިދާ އަށް ބަލާއިރު، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ 1.69 ބިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާއިރު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 2.10 ބިލިއަން ރުފިޔާގެ ފައިދާ އާ އަޅާބަލާއިރު ކުންފުނިތަކުގެ ފައިދާ ވަނީ ދަށަށް ގޮސްފައެވެ.

އެސްއޯއީތަކުގެ އާމްދަނީ އިތުރުވެފައިވާއިރު ފައިދާ ދަށަށް ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަ ކުރާއިރު މިއީ ޚަރަދުތައް އިތުރުވެ ނުވަތަ ހިންގުމުގެ ހަރުދަނާކަން ދަށްވެފައިވާކަން ދައްކުވައިދޭ ކަމެއްކަން މާލީ ތަޖުރިބާކާރުން ބުނެއެވެ.

އެސެޓްތަކުގެ ގޮތުން ބަލާއިރު، 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްއީއޯތަކުގެ ޖުމްލަ އެސެޓް ހުރީ 167.54 ބިލިއަން ރުފިޔާގައެވެ. އެހެން ނަމަވެސް 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސެޓްގެ އަގު 186.39 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވެއެވެ.

ނަމަވެސް، މި ކުރިއެރުމާއެކު އެސްއޯއީތަކުގެ ދަރަނި ވެސް ވަނީ އިތުރުވެފައިވެއެވެ. ލޯނު ނަގާފައިވާ ނިސްބަތް 11 އިންސައްތަ އިތުރުވެ، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 33.82 ބިލިއަން ރުފިޔާއަށް ދަރަނި ވަނީ އަރާފައެވެ.

ބައެއް ކުންފުނިތަކަށް ބަލާއިރު، އެމްއޭސީއެލްގެ ލޯނާއި ދަރަނި އަހަރުގެ ފުރަތަމަ ކުއަރޓާގައި 23 އިންސައްތަ އިތުރުވެފައިވާއިރު، ފެނަކައިގެ ލޯނު 106 އިންސައްތަ ވަނީ އިތުރުވެފައެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި އެސްއޯއީތަކުގެ ދަރަނި އިތުރުވެގެން ދިއުމުން އަންގައިދެނީ ގިނަ އެސްއޯއީތައް ހިންގުމަށް ފައިސާ ހޯދަމުން ދަނީ އަނބުރާ ދައްކާ ގޮތައް ފައިސާ ހޯދައިގެން ކަމުގައެވެ.

އަހަރުގެ ފުރަތަމަ ކުއަރޓާގައި ބަޖެޓުން އެހީ ލިބޭ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޖުމްލަ އާމްދަނީ 215 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޖުމްލަކޮށް 75 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަން އެ ކުންފުނިތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެޗްޑީސީގެ އާމްދަނީ ފުރަތަމަ ކުއަރޓާގައި 7 އިންސައްތަ (1.05 ބިލިއަން ރުފިޔާ) އިތުރުވެފައިވާއިރު، ސާފު ފައިދާ 85 އިންސައްތަ ދަށަށް ގޮސް 90.85 މިލިއަން ރުފިޔާއަށް ވަނީ ވެއްޓިފައެވެ.

ބީއެމްއެލްގެ މާލީ ހާލަތު ރަނގަޅު ކަމަށް ދައްކާއިރު، އާމްދަނީ 10 އިންސައްތަ އިތުރުވެ 1.22 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ބީއެމްއެލް އިން ހޯދާފައިވެއެވެ. އަނެއްކޮޅުން ބީއެމްއެލްގެ ސާފު ފައިދާ 2 އިންސައްތަ ދަށަށްގޮސް 492.66 މިލިއަން ރުފިޔާއަށް ވަނީ ވެއްޓިފައެވެ.

އެމްޓީސީސީގެ ޖުމްލަ ފައިދާ 97 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ސާފު ފައިދާ 88 އިންސައްތަ ދަށަށް ގޮސް 5.24 މިލިއަން ރުފިޔާއަށް ފުރަތަމަ ކުއަރޓާގެ އާމްދަނީ ވަނީ ވެއްޓިފައެވެ. އެސްޓީއޯގެ އާމްދަނީ 1 އިންސައްތަ އިތުރުވެފައިވީ ނަމަވެސް، ސާފު ފައިދާ 28 އިންސައްތަ ދަށަށް ގޮސްފައިވެއެވެ.

ސަރުކާރުން ކުންފުނިތައް ހިންގަން ދިން ފައިސާ 3 އިންސައްތަ ވަނީ އިތުރުވެފައެވެ. 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 58.91 މިލިއަން ރުފިޔާ ދޫކުރިއިރު، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުނިތަކަށް ދިން ފައިސާ 60.47 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

އޭގެ އިތުރުން ސަބްސިޑީ ފައިސާގެ ގޮތުގައި ދިން އެހީވެސް 2 އިންސައްތަ އިތުރުވެ، 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދޫކުރި 1,194.36 މިލިއަން ރުފިޔާއިން 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދޫކުރި ފައިސާ 1,219.92 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

ކެޕިޓަލް އިންޖެކްޝަން ގެ ގޮތުގައި ކުންފުނިތަކަށް ދޫކުރި ފައިސާ 151.19 މިލިއަން ރުފިޔާއިން 164.94 މިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ.

ފުރަތަމަ ކުއަރޓާގައި އެންމެ ބޮޑު އަދަދެއްގެ ކެޕިޓަލް ސަރުކާރުން ލިބުނު އެޗްޑީސީއަށް 400 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އޭގެ އިތުރުން އެސްޓީއޯއަށް 359.33 މިލިއަން ރުފިޔާ އަދި ފެނަކައަށް 249.87 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެސްޑީއެފްސީ އަށް 30 މިލިއަން ރުފިޔާ، އައިލެންޑް އޭވިއޭޝަން އަށް 16.47 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

ބަޖެޓުން އެހީ ލިބޭ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، އާރްއޭސީއެލްއަށް 24.90 މިލިއަން ރުފިޔާ، އެފްޑީސީއަށް 10.58 މިލިއަން ރުފިޔާ، މޯލްޑިވްސް ޕޯސްޓަށް 2.50 މިލިއަން ރުފިޔާ އަދި އެމްއެސްސީއެލްއަށް 1.12 މިލިއަން ރުފިޔާގެ އެހީ ފުރަތަމަ ކުއަރޓާގައި ސަރުކާރުން ދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް