Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2024 | ބުރާސްފަތި 23:47
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ހަރުގެ ޖަލްސާގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވާހަކަދައްކަވަނީ
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ހަރުގެ ޖަލްސާގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވާހަކަދައްކަވަނީ
އެމްޑީޕީ
މިސަރުކާރުގެ އަނިޔާވެރިކަން
މި ސަރުކާރުގެ ހުދުމުހުތާރުކަމާއި އަނިޔާވެރިކަމުގެ ހުރިހާ ސިފައެއް ދަނީ ފެންނަމުން: ޑރ.ޑީޑީ
މި ސަރުކާރަކީ ނާގާބިލް ޑިމޮކްރަސީއާ ބީރައްޓެހި ސަރުކާރެއް
ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލުމަށް މަސައްކަތް ކުރާނަމަ މަގު މައްޗަށް ނުކުންނާނަން
މި ސަރުކާރުން މަސައްކަތް ކުރަނީ ކުޑަ ކާފަ ބޮޑު ކާފަ ސަގާފަތެއް ގެނައުމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ހުދުމުހުތާރުކަމާއި އަނިޔާވެރިކަމުގެ ހުރިހާ ސިފައެއް ދަނީ ފެންނަމުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ހަރުގެ ޖަލްސާގައި ޑރ.ޑީޑީ މިސަރުކާރުން މަސައްކަތް ކުރަނީ ލާމަރުކަޒީ ނިޒާމަށް އެމްޑީޕީ ސަރުކާރުން ދިން ބާރުވެރިކަން ކަނޑުވާލުމަށް ކަމަށާއި، އެކަން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށެވެ.

ޑރ. ޑީޑީ ވިދާޅުވީ މި ސަރުކާރަކީ ނާގާބިލް ޑިމޮކްރަސީއާ ބީރައްޓެހި ސަރުކާރެއްކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށާއި، މިސަރުކާރަށް ވީ 10 މަހުގެ ތެރޭގައި ހުދުމުހުތާރުކަމާއި އަނިޔާވެރިކަމުގެ ހުރިހާ ސިފަތައް މިހާރު ފެންނަމުންދާ ކަމަށެވެ.

Advertisement

އެ އަނިޔާވެރިކަމާއި، ހީލަތްތެރިކަމުގެ މަންޒަރު ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފެންނަމުންދާކަން ފާހަގަކުރައްވައި ޑރ.ޑީޑީ ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ މެންބަރުންނަށް ލިބޭ ބަހުސްގެ ވަގުތު ކުޑަކޮށް، ފުރުސަތު ނުދީ ގައުމުގައި ހިނގާ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް މަސައްކަތް ކުރާ މެންބަރުންގެ މަސައްކަތަށް ހުރަސް އަޅަމުންދާ ކަމަށެވެ.

ލޯކަލް ކައުންސިލްގެ ބާރު ކަނޑުވާލަން މަސައްކަތް ކުރާކަމަށް ތުހުމަތު ކުރައްވައި ޑރ.ޑީޑީ ވިދާޅުވީ ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލުމަށް މަސައްކަތް ކުރާނަމަ މަގު މައްޗަށް ނުކުންނާނެ ކަމަށާއި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ޑރ.ޑީޑީ ވިދާޅުވީ އާއްމު ތަނެއްގައި ރައީސް މުއިއްޒުގެ ފޮޓޯއެއް ނަގާމީހާ ވެސް ކުށްވެރިވާ ކަމަށާއި، ރައްޔިތުންގެ ބާރު ކަޑުވާލުމަށް އެކިއެކި ސިފަސިފާގައި މިސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. މިސަރުކާރުން މަސައްކަތް ކުރަނީ ކުޑަ ކާފަ ބޮޑު ކާފަ ސަގާފަތެއް މިރާއްޖެއަށް ތައާރަފް ކުރުމަށް ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.

މިއަދުގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އަޅުގަނޑުމެންނެއް ފަހަތަކަށް ނުޖެހޭނެ. ކިތަންމެ ވަރަކަށް އަޅުގަނޑުމެން މިދައްކާ ވާހަކަ އަޅުގަނޑުމެންގެ ބޮލުގައި ބާގީގެ ލަގަބު އަޅުވާފައި ފުލުހުންގެ މުއައްސަސާ ސިޔާސީ ކުރައްވައިގެން އަޅުގަނޑުމެންނަށް ދައުވާ ކުރާނެ ކަމުގެ ބިރު ދެއްކިޔަސް ފަހަތަކަށް ނުޖެހޭނެ.
އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ހއ.ތުރާކުނުން ފެށިގެން ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއްނެތި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަކަން ފާހަގަކުރައްވައި ޑރ.ޑީޑީ ވިދާޅުވީ ގިނަ މަޝްރޫއުތައް ނިންމި ނަމަވެސް ބައެއް މަޝްރޫއުތަކުގެ މަސައްކަތް ނިމިފައިނުވާ ކަމަށެވެ. މިސަރުކާރުން އެމަޝްރޫއުތައް ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ރިޔާސީ އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި ދިން ނަމަވެސް އެމަޝްރޫއުތައް ކުރިއަށް ނުގެންގޮސް ހުއްޓުވާފައިވާ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.

ޑރ.ޑީޑީ ވިދާޅުވީ މިސަރުކާރާއެކު ރައްޔިތުންނަށް ލިބެނީ ދެރަ ކަމަށާއި، ރައްޔިތުންނަށް ފުރިހަމައަށް ލިބިގެންދިޔަ އާސަންދަ ޚިދުމަތް ވެސް ނުލިބޭ ކަމަށެވެ. ނަމަވެސް މިސަރުކާރުގެ ބޭފުޅުން ބޭސްފަރުވާއަށް ދަނީ ސިންގަޕޫރަށް ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ. އަދި ވިދާޅުވީ މަސްވެރިންނަށް ބޮޑު އަގުގައި ފައިސާ ދޭން އައި މިސަރުކާރަށް މަސްވެރިން މުޒާހަރާ ކުރުމުން ނޫނީ ފައިސާ ވެސް ނުދެވޭ ކަމަށެވެ.

އެހެންކަމުން މިސަރުކާރަކީ މިހާރު ބޮޑުތަނުން ފެއިލްވެފައިވާ ސަރުކާރެއް ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލާ ދޮގު ހެދުމަށް ކަމަށެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް