ކ. މާލެ
|
4 ސެޕްޓެންބަރ 2024 | ބުދަ 17:12
ބާސެލޯނާ އަށް ކުޅެމުން އަންނަ ފާމިން ލޮޕޭޒް
ބާސެލޯނާ އަށް ކުޅެމުން އަންނަ ފާމިން ލޮޕޭޒް
ރޮއިޓާސް
ބާސެލޯނާ
ފާމިން ލޮޕޭޒް އަށް އަނިޔާވެ ކުޅުމާ ދުރަށް
ސްޕެއިންގެ ފަރިތަކުރުންތަކުގެ ތެރެއިން ލޮޕޭޒްގެ ވާއަތު ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ.

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ފާމިން ލޮޕޭޒް އަށް އަނިޔާވެ، ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ އަށް އަނިޔާވެފައި ވަނީ ސްޕެއިން ޤައުމީ ޓީމާ އެކު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. ސްޕެއިންގެ ފަރިތަކުރުންތަކުގެ ތެރެއިން ލޮޕޭޒްގެ ވާއަތު ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ. އެއާއެކު ބުދަ ދުވަހު ވަނީ އޭނާގެ މެޑިކަލް އިތުރު ޓެސްޓުތަކެއް ހަދައިފަ އެވެ.

ޓެސްޓުތަކަށްފަހު ބާސެލޯނާ އިން ހާމަކޮށްފައިވާ ގޮތުގައި ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ގާތް ގަނޑަކަށް ތިން ހަފުތާގެ މުއްދަތަކަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. ލޮޕޭޒް އަށް ލިބުނު އަނިޔާގެ ސަބަބުން ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިން އިން ސާބިއާ އަދި ސްވިޒަލެންޑާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެ އެވެ. އަދި އަނިޔާ އިން ރަނގަޅުވުމަށް ފަރުވާގެ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެ އެވެ.

ބާސެލޯނާގެ ސީނިއާ ޓީމުން ލޮޕޭޒް އަށް ޖާގަ ލިބުނީ 2023 ވަނަ އަހަރު އެވެ. އޭނާ ވަނީ ބާސެލޯނާ އަށް ކުޅެދިން 45 މެޗުގައި 11 ލަނޑު ޖަހައިފަ އެވެ. މިހާރު ކުރިއަށްދާ ސީޒަންގައި ލޮޕޭޒް ވަނީ ބާސެލޯނާ އަށް ތިން މެޗު ކުޅެދީފަ އެވެ. ސްޕެއިންގެ ޤައުމީ ޓީމުން ލޮޕޭޒް އަށް ޖާގަ ލިބުނީ މިއަހަރު އެވެ. އޭނާ ވަނީ ސްޕެއިން އާއެކު ޖަރުމަނުގައި ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް