ދޮންތުގެ އިހްލާސްތެރި ޚިދުމަތުގެ ރަމްޒަކީ ވެލެންސިއާ
އަހުމަދު މުހައްމަދު (ދޮންތު)
ކ. މާލެ |

ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން މިއަދު ޝަރަފުވެރިކަމުގެ އިނާމް ލިބިވަޑައިގެންނެވި ނ. މަނަދޫ، ސޯސަންގޭ ނުވަތަ ވ. ރޭދުވާ އަހުމަދު މުހައްމަދު (ދޮންތު) އަކީ ދިވެހި ކުޅިވަރުގައި ފަސްމީރު ކުރި ރުކެކެވެ. ކުޅިވަރުގެ ތެރެއަށް ދޮންތު އެންމެ ފުރަތަމަ ވެންނެވީ 1970ގެ ފަހުކޮޅު ރަހުމަތްތެރި ކުދިންނާއެކު އުފެއްދި ޑަބަލް ހޯޕް ހޮކީ ޓީމުންނެވެ. އޭގެ ފަހުން ނާސިރު ސްޕޯޓްސް އެޑަމީގެ ޖޫނިއާ ފުޓްބޯޅަ ޕޫލުގެ ބްލޫ ޓީމުގެ ކެޕްޓަނަކީ އޭނާ އެވެ. ފުޓްބޯޅައިގެ އިތުރުން ހޮކީ އާއި ބާސްކެޓް އަދި އެތްލެޓިކްސްގައި ވެސް ފާހަގަކުރެވުނު ދޮންތުގެ ހިދުމަތް އެންމެ ސާފުކޮށް ފެންނަން އޮތީ އޭނާގެ އަމިއްލަ ކުލަބު ވެލެންސިއާގަ އެވެ. އެއީ އޭނާގެ އިޚްލާސްތެރި ޚިދުމަތުގެ އެންމެ އަލިގަދަ ރަމްޒެވެ.

ދޮންތު ވެލެންސިއާގެ ބައެއް އޮފިޝަލުންނާއެކު - ކްލަބް ވެލެންސިއާ

1979 ވަނަ އަހަރު އުފެއްދި ވެލެންސިއާގެ އެހާރާއި މިހާރުގެ ވާހަކަ އެންމެ ސަރީހަ ބަހުން ކިޔައިދެއްވޭނެ އެއް ބޭފުޅަކީ އެއީ އެވެ. 79 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ގައުމީ ބާސްކެޓް ޓީމަށް ކުޅުއްވުމަށްފަހު ބާސްކެޓްގައި ވެލެންސިއާ ނަން ފަހުރެވިކަމާއެކު ފަވާލީ އޭނާގެ ހިތްވަރާއެކު ބުރަ މަސައްކަތުންނެވެ. ބާސްކެޓުގެ އިތުރަށް ހޮކީ އާއި ބައިސްކަލް ރޭހުގައި ވެސް ވެލެންސިއާގެ ޖާޒީގައި އޭނާ ޗާލު ހަރަކާތްތައް ނުހަނު ފުރިހަމަ އެވެ.

ބާސްކެޓް ޓީމުގެ ކެޕްޓަންކަން ވެސް ކޯޗުކަން ވެސް މެނޭޖަރުކަން ވެސް އެތައް ފަހަރަކު ކުރިން. ކުޅުން ހުއްޓާލާފާއިވެސް އަބަދުވެސް ކުލަބުގެ އެކި ޓީމުތަކަށް އެހީތެރިވަން. ވެލެންސިއާއަކީ އަހަރުމެން އެންމެންވެގެން އުފެއްދި ކުލަބެއް. މިހެންވެ އެ ލޯބި އަބަދުވެސް އޮވޭ.
ދޮންތު
ވެލެންސިއާގެ ރިލޭ ޓީމާއެކު ދޮންތު މަޑުކޮށްލައިގެން - ކްލަބް ވެލެންސިއާ

1980 އިން 1984 އަށް ބާސްކެޓުބޯޅަ ޓީމުގެ ކެޕްޓަންކަމާއި ކޯޗަކީ އޭނާ އެވެ. އަދި ދެ ފަހަރު މަތިން ވެލެންސިއާއިން ބާސްކެޓް ތަށި މިލްކުކުރިއިރު އެންމެ ބޮޑު ހިއްސާދާރަކީ ދޮންތު އެވެ.

ކުޅުންތެރިއެއްގެ އިތުރުން ދޮންތު އަކީ ތިން ކުޅިވަރެއްގައި ރާއްޖޭގައި ފާހަގަކޮށްލެވުނު ކުޅަދާނަ ރެފްރީއެކެވެ. ފުޓްބޯޅަ އާއި ވޮލީ އަދި ބާސްކެޓް މެޗުތަކަށް އިންސާފު ކުރުމުގައި އޭނާ ދައްކައިދީފައިވަނީ މިއަދު ޒުވާން ޖީލު ވެސް ނަމޫނާ އަކަށް ބަލައިގަންނަންޖެހޭ ފަދަ ސާބިތުކަމެކެވެ. މިކަން އެންމެ ސާފުކޮށް ފެންނަން އޮތީ ދޮންތުގެ ކުލަބު ވެލެންސިއާ އެއްކޮޅުން ކުޅޭ ފައިނަލް މެޗުތަކުގެ ރެފްރީއަކަށް ވެސް އިދިކޮޅު ޓީމުން ޝަރުތެއްނެތި އޭނާ އިހްތިޔާރުކޮށްފައިވާތީ އެވެ.

ދޮންތު އަށް ރައީސް މައުމޫން މެޑަލް ދެއްވަނީ - ކްލަބް ވެލެންސިއާ

ވެލެންސިއާ ހިންގުމުގައި ދޮންތު ދެއްކީ އާދަޔާ ހިލާފު އިހްލާސްތެރިކަމަކާއި ހިތްވަރެކެވެ. ކޮންމެ މެނޭޖްމަންޓެއް އޮތް ނަމަވެސް އޭނާ އިހްތިޔާރުކުރެއްވީ އެވަގުތަކަށް ކުލަބަށް އެންމެ ރަނގަޅުގޮތެވެ. ވެލެންސިއާގެ 45 އަހަރުގެ ހަޔާތުގައި ކުލަބުގެ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅަކީ ވެސް ދޮންތު އެވެ. ދެ ފަހަރެއްގެ މަތިން ޖެނެރަލް ސެކްރެޓަރީ ކަމުގައި ޖުމުލަ 30 އަހަރު ހޭދަކުރައްވައި ކުލަބުގެ ހައްގުގައި އެތަކެއް ދަލެއް އޮހޮރުއްވައި އަމިއްލަ އަތުން ހޭދަކުރައްވައި، މިންނެތް އެތައް މަސައްކަތެއް ކުރެއްވި އެއް ބޭފުޅަކީ ވެސް ދޮންތު އެވެ. ހާއްސަކޮށް ވެލެންސިއާގެ އެންމެ ނާޒުކު ވަގުތުތަކުގައި އެންމެނާ ވެސް ވާހަކަ ދައްކައި ކުލަބު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނުމުގައި އެންމެ މުހިންމު ރޯލެއް މިހާތަނަށް ކުޅެދެއްވާފައިވަނީ ވެސް ދޮންތު އެވެ.

އޭނާ ވެލެންސިއާގެ ކަންކަމުގައި އަމަލީ ގޮތުން އުޅުއްވި ދުވަސްވަރަކީ ކުލަބުގެ އެންމެ ކާމިޔާބު ދުވަސްވަރެވެ. އަދި ދޮނާގެ ހިދުމަތް ކުލަބުގެ އެންމެން ހިތްފުރާލައިގެން ބަލައިގަތީ ވެލެންސިއާގެ އެންމެ ވަރުގަދަ އިހްލާސްތެރިއަކީ އެއީ ކަމާމެދު ޝައްކެއްނެތި އެވެ. މިއަށްވުރެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ ކުލަބު ހިންގުމުގައި އެއްވެސް މަގާމެއް ނެތަސް ދޮންތު އާއި ވެލެންސިއާ ވަކިނުވާތީ އެވެ. އަބަދުވެސް ވެލެންސިއާގެ ކަންކަން ހިނގާ ނުހިނގާ ގޮތް ބައްލަވައި "ރެސްކިއު އޮޕަރޭޝަން"ގައި އެންމެ ގާތުގައި ހުންނަވާ ބޭފުޅަކީ އޭނާ އެވެ. ހިޔަލީ މުހައްމަދު ރަޝީދާއި އަދީލް ޖަލީލާއި އަބްދުﷲ ޖާބިރުގެ ދުވަސްވަރު އޭނާ އަކީ ކުލަބުގެ އެންމެ އިސްވެރިޔާގެ އެންމެ ބޮޑު މަދަދުގާރެވެ. އޭގެ ފަހުން ވެލެންސިއާގައި އިސްކޮށްތިއްބެވި ހުރިހާ ބޭފުޅުންގެ މަސައްކަތުގައި ވެސް އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވި އެއް ބޭފުޅަކީ އެއީ އެވެ. މިސްޓަރ ވެލެންސިއާ ނަމުން ދޮންތު އަށް މުހާތަބް ކުރެވޭ ސަބަބަކީ ވެސް މިއީ އެވެ.

ދޮންތު ވެލެންސިއާގެ ކާމިޔާބީ ފާހަގަ ކުރަން 98ގައި ބޭއްވި ޕާޓީގައި - ކްލަބް ވެލެންސިއާ

ރާއްޖޭގައި ބޭއްވި އެންމެ އަގުބޮޑު މުބާރާތަކީ ކަޕް ވިނާސް ކަޕެވެ. އެ މުބާރާތް އެއްވެސް ބައެއްގެ އަތުގައި ނުޖައްސައި ވެލެންސިއާ މިލްކުރީ ވެސް ދޮންތުގެ މެނޭޖަރުކަމުގަ އެވެ. ގައުމީ ފައިނަލުގައި ނިއު ކޮޅަށް ހަތް ލަނޑު ޖަހައިގެން މިހާތަނަށް އެންމެ ތަފާތުބޮޑު ނަތީޖާއެއް ވެލެންސިއާ ހޯދިއިރު ވެސް ދޮންތު އަކީ ޓީމުގެ އެންމެ މުހިންމު އެއް މެމްބަރެވެ. ފުރަތަމަ ފަހަރަށް އެފްއޭކަޕް ހޯދިއިރު ވެސް އޭނާ އަކީ ކުލަބަށްޓަކައި އެންމެ ބޮޑަށް ހޭލަމޭލަވި ފަރާތެވެ.

އެންމެ އުފާވީ ގައުމީ ތަށި ލިބުނު ދުވަހާއި، ކަޕް ވިނާސް ކަޕް މިލްކުކުރި ދުވަހު. ގައުމީ ތަށި ލިބުން އެއީ އުފަލުން ރޮވުނު ދުވަހެއް. ވަރަށް ގިނަ ދުވަހުގެ މަސައްކަތް އެއީ. ކަޕް ވިނާސް ކަޕް މިލްކުކުރުމަކީ ވެސް އެތައް ދުވަހެއްގެ ހުވަފެނެއް. އެއީ ވަރަށް ފޯރި ނެގި ކަމެއް.
ދޮންތު
ކަޕް ވިނާސް ކަޕް ފައިނަލަށް ފަހު ދޮންތު މެޑަލް އަޅުވައިގެން - ކްލަބް ވެލެންސިއާ

ދުވަހުން ދުވަހަށް ކުލަބު ހިންގުން ޒުވާނުންނަށް ދޫކޮށް، ފަހުން އަމަލީގޮތުން ދުރުގައި ހުންނެވިއިރު ދޮންތު ބޮޑަށް ފެނިގެންދިޔައީ އެފްއޭއެމުގެ ތެރެއިންނެވެ. ގައުމީ ފުޓްބޯޅަ އިދާރާގެ އިންތިހާބީ ފުރަތަމަ ދެ ދައުރުގައި ވެސް ހިންގާ ކޮމިޓީގައި އެންމެ ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅަކީ ވެސް ދޮންތު އެވެ.

އަހުމަދު މުހައްމަދު (ދޮންތު) އަށް ޝަރަފުވެރިކަމުގެ އިނާމް ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ - ކްލަބް ވެލެންސިއާ

ދޮންތުގެ ހިދުމަތުގެ ވާހަކަ ލިޔަން ޖެހޭނީ ރަނުންނެވެ. އޭނާގެ އަގުހުރި ޚިދުމަތުގެ ރަމްޒަކީ ވެލެންސިއާގެ ހޯދި ތަށިތަކާއި އެކުލަބު ރަން މާޒީ އެވެ. މިކަން ފާހަގަ ކުރައްވައި ސަރުކާރުން ދެ ފަހަރަކަށް ވަނީ އިނާމް ދެއްވައިފަ އެވެ. އެއީ 2004 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި 2023 ވަނަ އަހަރު ލައިފް ޓައިމް އެޗީވްމަންޓް އެވޯޑެވެ.