އަވަސް އަރުވާލައިގެން ކަންކަން ކުރަން ބޭނުން ނުވާ ކަމަށް، މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ބުނެފި އެވެ.
ވުލްވްސްބާގް ގައި ހުރުމަށްފަހު 2015 ވަނަ އަހަރު ސިޓީ އަށް ބަދަލުވި އުމުރުން 33 އަހަރުގެ ޑި ބްރޭނާ އެ ކުލަބާ އެކު ސޮއި ކޮށްފައިވާ އެއްބަސްްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ދާދި ފަހުން ޑި ބްރޭނާ އަށް ވަނީ ސައުދީ އަރަބިޔާގެ ސައުދީ ޕްރޯ ލީގުގެ ހުށަހެޅުމެއް ވެސް ލިބިފަ އެވެ. ނަމަވެސް އޭނާ ވަނީ އެ ހުށަހެޅުން ޤަބޫލު ނުކުރަން ނިންމައިފަ އެވެ.
ސިޓީ ގައި އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑި ބްރޭނާ ބުނީ، ސީޒަން ކުރިއަށްދާ ވަރަކުން، އޭނާގެ އެއްބަސްވުމުގެ ވާހަކަތައް ވެސް ފެށޭނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ. ޑި ބްރޭނާ ބުނީ އޭނާ ބޭނުން ވަނީ ރަނގަޅު ފުޓުބޯޅަ އަށް ކުޅެން ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކަން ފެންނާނެ ކަމަށެވެ. އަދި އެއްވެސް ކަމެއް އަވަސް އަރުވާލައިގެން ކުރަން ބޭނުން ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން ޑި ބްރޭނާ ބުނީ އެއްވެސް ބަޔަކާ އެކު މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށާއި، އޭނާއާ ގުޅޭ ގޮތުން އެތައް އަޑުތަކެއް އަދި ޚަބަރުތަކެއް ފެތުރެމުން އަންނަ ކަމަށެވެ. އޭނާ ބުނީ ދުވަސްތައް ހޭދަ ކުރަމުން ދިޔައީ ޗުއްޓީގައި ކަމަށާއި، ޗުއްޓީ އިން އެނބުރި އައިސް ސިޓީ އާއެކު ފަރިތަކުރަމުން އަންނަ ކަމަށެވެ.
ސިޓީ ގައި ހޭދަކޮށްފައިވާ ދިހަ ސީޒަންގެ ތެރޭގައި ޑި ބްރޭނާ ވަނީ އެ ކުލަބަށް ކުޅެދިން 385 މެޗުގައި 103 ލަނޑު ޖަހައިފަ އެވެ. ސިޓީ އާއެކު އޭނާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު، އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑް އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ހިމެނެ އެވެ.