ކ. މާލެ
|
4 ސެޕްޓެންބަރ 2024 | ބުދަ 01:56
ގޭގައި ކާއެއްޗެހި ތައްޔާރު ކުރަން ފުށް މޮޑެނީ
ގޭގައި ކާއެއްޗެހި ތައްޔާރު ކުރަން ފުށް މޮޑެނީ
ގެޓީ އިމޭޖަސް
ގޭގައި ކާބޯތަކެތި ހެދުން
ކޯސް ހަދައި، ރަޖިސްޓަރީ ކޮށްގެން ނޫނީ ވިޔަފާރިއަށް ގޭގައި ކާބޯތަކެތި ތައްޔާރު ނުކުރެވޭ ގޮތް ހަދައިފި
އެމްއެފްޑީއޭ އިން އާންމު ކުރި "އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު" ގައި ވަރަށް ގިނަ ކަންކަން ވަނީ ހިމަނާފައި

ކަމާބެހޭ ކޯސް ހަދައި، ރަޖިސްޓަރީ ކޮށްގެން ނޫނީ ވިޔަފާރިއަށް ގޭގައި ކާބޯތަކެތި ތައްޔާރު ނުކުރެވޭ ގޮތް އަލަށް ހެދި އުސޫލުގައި ކަނޑައަޅައިފިއެވެ.

މި އުސޫލުތައް ކަނޑައަޅާފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގާރަ ދުވަހު އާންމު ކުރި "އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު" ގައެވެ.

މި އުސޫލުތަކުގައި ކާބޯތަކެތި އުފެއްދުމުގައި ޢަމަލުކުރަންޖެހޭ ގިނަ މިންގަނޑުތަކެއް ކަނޑައަޅާފައިވެއެވެ. މީގެ ތެރޭގައި ކާބޯތަކެތި އުފައްދާއިރު ވަހާއި ދުމާއި ކުނި އަދި ގަދަ އަޑުގެ ސަބަބުން އާންމުންގެ ޞިއްޙަތަށް ނުރައްކާވެގެން ނުވާނެކަމާއި، ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު ބަޔަކު އެކަމުގައި ބޭނުންކޮށްގެން ނުވާނެކަމަށް ބުނެފައިވެއެވެ.

އަދި "ބޭސިކް ފުޑް ސޭފްޓީ ކޯސް" ނުވަތަ އެމްއެފްޑީއޭއިން ހިންގާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރަންޖެހޭނެއެވެ.

މީގެ އިތުރުން، ކާބޯތަކެތި ތައްޔާރުކުރާ ވަގުތު ކަމާ ނުގުޅޭ މީހުން ބަދިގެއަށް ވައްދައިގެން ނުވާނެކަމާއި، އިންޑަސްޓްރިއަލް އަވަން ފަދަ ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އުފައްދަން ގެންގުޅޭ އާލާތްތައް ބޭނުން ނުކުރެވޭނެކަން ބަޔާންކޮށްފައިވެއެވެ. އަދި ކާބޯތަކެތި ލޭބަލްކުރަން ޖެހެނީ ޤައުމީ މިންގަނޑާ އެއްގޮތަށްކަންވެސް ފާހަގަކޮށްފައިވެއެވެ.

މި އުސޫލުގައި ހިމަނާފައިވާ އެހެން ކަންކަމުގެ ތެރޭގައި، ބަދިގެއާއި ހިފާ ގެންގުޅޭ ސާމާނާއި އާލާތްތަކުގައި ހުންނަންޖެހޭ މިންގަނޑުތަކެއްވެސް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، ކާބޯތަކެތި ތައްޔާރުކުރާ މީހާ ޢަމަލުކުރަންޖެހޭ މިންގަނޑުތަކަކާއި، ކާބޯތަކެތި ތައްޔާރު ކުރުމުގައި ބޭނުންކުރާ ބާވަތްތަކަކީ ރައްކައުތެރި ތަކެތިކަން ކަށަވަރު ކުރުމާއި، އެތަކެތި ގަންނަ ތަނުގެ މައުލޫމާތު ރައްކައުކޮށްފައި ބަހައްޓަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.  

އެމްއެފްޑީއޭއިން އިއުލާން ކުރި އުސޫލުގައި، ކާބޯތަކެތި ރައްކާކުރުމާއި، ގަނޑު ފިލުވުމާއި، ކާބޯތަކެތި އެއްތަނުން އަނެއް ތަނަށް އުފުލުމާއި ކުނި ނައްތާލުމުގެ މިންގަނޑުތަކާއި، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ނުގެންގުޅުމާއި، ހަރުދަނާ ޕެސްޓް ކޮންޓްރޯލް ނިޒާމެއް ގާއިމްވެފައި ހުންނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށް ތަންތަން ފާސްކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެމްއެފްޑީއޭއިން ބުނެފައިވާ ގޮތުގައި، ގޭގައި ވިޔަފާރިއަށް ކާބޯތަކެތި އުފައްދާ ފަރާތްތަކުން ދަފްތަރު ކުރުމަށް އީފާސް މެދުވެރިކޮށް ކާބޯތަކެތި އުފައްދާ ތަނާއި އުފައްދާ ތަކެއްޗާ ބެހޭ މަޢުލޫމާތު އެ އޮތޯރިޓީގެ "ދިރިތި" ޕޯޓަލްއަށް ހުށަހަޅަންޖެހޭނެއެވެ.

ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނަށް އޮގަސްޓް 23 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާފައި ވުމާއެކު ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަކީ މިހާރު މަޖުބޫރު ކަމެކެވެ.

މި ޤާނޫނަކީ ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެތި އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ޞިއްޙަތަށް ފައިދާހުރި އަދި ޢާންމު ޞިއްޙަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި އެކުލެވާލެވިފައިވާ ގާނޫނެކެވެ.

އަދި މިޤާނޫނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމާއި ޖިނާއި ކުށުގެ ދައުވާ ކުރެވޭއިރު، ބިދޭސީ މަސައްކަތްތެރި އެއްނަމަ އެމީހާ ޑީޕޯޓްކުރެވިދާނެއެވެ.

މި ގާނޫނާ ޚިލާފްވާ ފަރާތްތައް 10،000 ރުފިޔާ އިން ފެށިގެން 50،000 ރުފިޔާ އިން ގޮސް އެއް މިލިއަން އާ ހިސާބަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް