Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2024 | އަންގާރަ 14:20
ރައީސް އޮފީސް
ރައީސް އޮފީސް
ޤައުމިއްޔަތަށް ޚިދުމަތް ކުރުން
ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުމަށް ކަނޑައަޅުއްވައިފި
ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެއް
މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 7 ބޭފުޅަކަށް

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި ޝަރަފު އެރުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ޤައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ، ދިވެހީންގެ ދީނާއި، ދިވެހީންގެ ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި، މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްޤީއަށް މަގުފަހިކޮށްދެއްވައި، ޢިލްމުގެ ނޫރު ފެތުރުއްވުމަށް ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ކުރައްވާފައިވާ ޤައުމީ ޚިދުމަތަށްޓަކައެވެ.

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ އައްޑަނައެވެ.‎

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ، ދިވެހި ޤައުމިއްޔަތަށް ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ މަތިވެރި ޝަރަފެވެ.

މި ޚާއްޞަ ޝަރަފު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ޤާނޫނު ނަންބަރު 97/1 (ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނު)ގެ 6 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.‎

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުން އޮންނާނީ، މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

Advertisement

މި ޖަލްސާ އޮންނާނީ، ބުދަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ދަރުބާރުގޭގައެވެ.‎ ޤައުމީ ދުވަހުގެ މުނާސަބަތުގައި މި ބާއްވަވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުން އޮންނާނެއެވެ.

މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 7 ބޭފުޅަކަށެވެ. އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ، ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން އެ ބޭފުޅެއްގެ ހަނދާނަށެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި އެ ބޭފުޅަކީ، އެ ބޭފުޅެއްގެ އަޑުފުޅުން ޒަމާންތަކަށް ދެމިހުންނާނެ ފަދަ ގޮތަކަށް ރާއްޖޭގެ ރައްޔިތުންނަށް ވަރަށް އަގުހުރި ހަދިޔާއެއް ކޮށްދެއްވާފައިވާ އަދި ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާ ހެންވޭރު ހާޖަރާގޭ އަލްމަރްޙޫމް މުޙައްމަދު ތައުފީޤެވެ. އަލްމަރްޙޫމް މުޙައްމަދު ތައުފީޤުގެ ހަނދާނަށް މި ޝަރަފު މި އަރުވަނީ، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސިޔަރަތު އަޅުގަނޑުމެންނަށް ގެނެސްދެއްވާފައިވާލެއް ފުރިހަމަކަމާއި، ސިޔަރަތު އަޑުއެހުމަށް އަޅުގަނޑުމެންގެ ހިތްތަކުގައި އޮންނަ ޝައުޤުވެރިކަން އިތުރުކުރެއްވުމަށް މުޙައްމަދު ތައުފީޤު ކުރެއްވި ޤައުމީ ޚިދުމަތަށްޓަކައިވެސް މެއެވެ.

‎މި އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 10 ބޭފުޅަކަށެވެ. އަދި ކުންފުންޏަކަށެވެ. ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ.

ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް