Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2024 | އަންގާރަ 12:27
ގައުމީ އަންހެން ފުޓްބޯޅަ ޓީމް
ގައުމީ އަންހެން ފުޓްބޯޅަ ޓީމް
އެފްއޭއެމް
އަންހެން ފުޓްބޯޅަ
އަންހެން މުބާރާތް: ރާއްޖެ، ލަންކާ، ބޫޓާނާއި ނޭޕާލް އެއް ފަޅިއަކަށް
ރާއްޖެ ފުރަތަމަ ކުޅޭނީ އޮކްޓޫބަރު 18 ވަނަ ދުވަހު ލަންކާއާ ދެކޮޅަށް

ސާފް ޗެމްޕިއަންޝިޕް އަންހެން ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލާއި ބޫޓާން އެއް ފަޅިއެއްގައި ހިމެނިއްޖެ އެވެ.

އަންނަ އޮކްޓޫބަރު މަހު ނޭޕާލްގައި ކުޅޭ މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ މި މުބާރާތުގެ އެންމެ ވަރުގަދަ ގައުމުތަކެވެ. އެއީ އިންޑިޔާ އާއި ދިފާއީ ޗެމްޕިއަން ބަނގްލަދޭޝް އާއި ޕާކިސްތާނެވެ.

މުބާރާތުގެ ގުރު ނެގިއިރު އެއްވަނަ ސީޑްގައި ހިމެނުނީ މުބާރާތުގެ ކާމިޔާބު ދެ ގައުމު ކަމަށްވާ ނޭޕާލާއި އިންޑިޔާ އެވެ. މި ދެ ގައުމު ވެސް ވަނީ މިހާތަނަށް ފަސް ފަހަރު މި މުބާރާތް ބާއްވައިފަ އެވެ. 2010 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން ބާއްވަމުން އަންނަ މުބާރާތް އިންޑިޔާ އާއި ނޭޕާލް ވަނީ ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ. ދެ ވަނަ ސީޑްގައި ހިމެނުނީ ބަނގްލަދޭޝް އާއި ރާއްޖެ އެވެ. ތިން ވަނަ އަށް ސީޑް ކުރީ ބޫޓާނާއި ޕާކިސްތާނެވެ.

Advertisement

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗަކަށްވާނީ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު ލަންކާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށްފަހު އޮންޓޫބަރު މަހުގެ 21ގައި ބޫޓާނާ ދެކޮޅަށް ކުޅުމަށްފަހު ގްރޫޕުގެ ފަހު މެޗުގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މި މުބާރާތުގައި ރާއްޖެ އަށް އެންމެ ދުރަށް ދެވުނީ 2016 ވަނަ އަހަރު އެވެ. އެ އަހަރުގެ ސެމީ ފައިނަލުގައި ރާއްޖެ ބަލިވީ ބަނގްލަދޭޝް އަތުން 6-0އިންނެވެ. ރާއްޖެ ދަނީ މިދިޔަ އަހަރުން ފެށިގެން ދޭތެރެދޭތެރެއިން މި މުބާރާތަށް ތައްޔާރުވުމަށް ފަރިތަކުރަމުންނެވެ.

އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު މުބާރާތް ފަށައިދޭނީ ޕާކިސްތާނާއި އިންޑިޔާ އެވެ. ބަނގްލަދޭޝް މުބާރާތް ފަށާނީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗުންނެވެ.

ދިފާއީ ޗެމްޕިއަން ބަނގްލަދޭޝްގެ ޓީމު 2022 ވަނަ އަހަރުގެ ތަށި އުފުލާލަނީ - ގޫގުލް

މުބާރާތް ކުޅޭނީ ލީގު އުސޫލުންނެވެ. އެއަށްފަހު ސެމީ ފައިނަލަށްދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ފައިނަލް މެޗު ކުޅޭނީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

މި މުބާރާތުގެ ތަށި އެންމެ ފަހުން ހޯދީ ބަނގްލަދޭޝް އެވެ. އެއީ މީގެ ދެ އަހަރު ކުރިން ކުޅުނު ފައިނަލް މެޗުގައި ނޭޕާލް 3-1އިން ބަލިކޮށްގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް