ކ. މާލެ
|
2 ސެޕްޓެންބަރ 2024 | ހޯމަ 11:48
ލިވަޕޫލުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ޞަލާޙު އުފާ ފާޅު ކުރަނީ
ލިވަޕޫލުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ޞަލާޙު އުފާ ފާޅު ކުރަނީ
ގޯލް.ކޮމް
އިނގިރޭސި ޕްރިމިއާ ލީގު
ޔުނައިޓެޑު ބަލިކޮށް، ލިވަޕޫލް ކުރިއަށް
ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓު ހޯދައިގެން ލިވަޕޫލް އޮތީ ދެ ވަނައިގަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލުން އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

ޔުނައިޓެޑުގެ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ދެ ލަނޑު ޖެހިއިރު، ފަހު ހާފުގައި ވަނީ އަނެއް ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ލިވަޕޫލްގެ ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. އޭގެ ފަހުން މެޗުގެ 35 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ލުއިސް ޑިއާޒް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މުޙައްމަދު ޞަލާޙު އެވެ. ފުރަތަމަ ހާފުގައި ލިވަޕޫލްގެ ދެ ވަނަ ލަނޑު ވެސް ޑިއާޒް ޖެހީ ޞަލާޙު ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި ލިވަޕޫލްގެ ތިން ވަނަ ލަނޑު، ދެ ވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ޖެހީ ޞަލާޙު އެވެ.

މިއީ އައު ކޯޗު އާން ސްލޮޓްގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގުގައި ލިވަޕޫލް ކުޅުނު ތިން ވަނަ މެޗެވެ. ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓު ހޯދައިގެން ލިވަޕޫލް އޮތީ ދެ ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް