ހުޅުމާލޭ ފޭސް2 ވިނަރެސް ފުލެޓު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަން އިން އިބްރާހިމް އިކްރާމް މިނިވަންވެގެން ދިއުމުގައި އިހުމާލެއް އޮތްނަމަ ބަލައި ފިޔަވަޅު އަޅާނެކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މި މައްސަލައިގައި ހިމެނޭ އިބްރާހިމް އިކްރާމް ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމީ އޭނާއަށް ވަކީލެއްގެ ފުރުސަތު ދީފައިނުވާތީ އެ އަމުރު ބާތިލު ކަމަށެވެ.
ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވީ، މައްސަލައިގައި ދެފަރާތުން ދައްކާފައިވާ ވާހަކަތައް ދިމާނުވާތީ ކްރިމިނަލް ކޯޓުގެ ރެކޯޑިންގް ހައިކޯޓުން ހޯދައި، މުއްދަތު މަޖިލީހުގައި ވަކީލުންގެ ހައްޤާ ގުޅޭގޮތުން ވާހަކަ ދައްކާފައިވޭތޯ ބަލާފައިވާނެ ކަމަށެވެ.
އެގޮތުން ބެލިއިރު، އެފަދަ އެއްވެސް ކަމެއް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ފަރާތުންވެސް އަދި މަޖިލީހުގައި ބައިވެރިވި އެހެން ފަރާތަކުންވެސް ދައްކާފައިނުވާކަމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވިއެވެ.
ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ދީފައިވާ މައުލޫމާތަކީ ހަގީގަތާ ޚިލާފު މައުލޫމާތެއްކަމަށްވާތީ މިކަމަކީ ކަމާބެހޭ އިދާރާތަކުން ބަލައި ތަހުގީގު ކުރަންޖެހޭ ކަމެއްކަމުގައި ދެކެންހައިކޯޓުގެ ފަނޑިޔާރުން
އެހެންކަމުން މި ކަންކަމަކީ ބަލައި ތަހުގީގު ކުރަންޖެހޭ ކަމެއްކަމަށްވެސް ފަނޑިޔާރުން ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، އެ މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިޖުރާއަތު ގޮސްފައިވާ ގޮތް ބަލައި، އެއްވެސް ގޯހެއް ހެދިފައިވޭތޯ ބަލާނެކަމަށެވެ. އަދި އެއްވެސް އިހުމާލެއް ވެފައިވާނަމަ ފިޔަވަޅު އަޅާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އޭނާ މިހާރު ވަނީ ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް ހައްޔަރު ކޮށްފައެވެ.