Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2024 | ހޯމަ 01:57
މާލޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނު ކުރި މައްސަލައިގައި އަނިޔާވި އާދަމް އަތުހަރު
މާލޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނު ކުރި މައްސަލައިގައި އަނިޔާވި އާދަމް އަތުހަރު
ރާއްޖެއެމްވީ
އަންހެނަކު ރަހީނުކޮށް އަނިޔާކުރި މައްސަލަ
އަތުހަރުގެ ހާލު ސިރިއަސް، ފަރުވާ ދެނީ ވެންޓިލޭޓަރުގައި
އަތުހަރުގެ ސިކުނޑި މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވޭ
އަތުހަރުގެ އިތުރު ޓެސްޓުތަކެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން
އަމިއްލައަށް މަރުވާން އުޅުނު ކަމަކަށް ނުބެލެވޭ، ފުލުހުން މައުލޫމާތު ދިނުމަށް ދަނީ ދެކޮޅު ހަދަމުން
ޚަބަރުގެ އޯޑިއޯ

ރަހީނު ކުރި އަންހެން މީހާގެ މައްސަލައިގައި ހައްޔަރުކުރި ފިރިހެން މީހާގެ ހާލު ސިރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.

މާލޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނު ކުރި މައްސަލައިގައި، އުމުރުން 32 އަހަރުގެ އާދަމް އަތުހަރު ހައްޔަރު ކޮށްފައި ވަނީ ހާދިސާ ހިނގި ސަރަހައްދުން 2024 އޯގަސްޓު 29 ވީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ރަހީނު ކުރި އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން ކުރި މަސައްކަތުން އަތުހަރަށް ވަރަށް ބޮޑަށް އަނިޔާވެ، 30 އޯގަސްޓް 2024 ވީ ހުކުރު ދުވަހު އައިޖީއެމްއެޗުގައި ފަރުވާ ދީފައިވެ އެވެ.

އަތުހަރަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު، ހުކުރު ދުވަހުގެ ހެނދުނު ވަނީ ކަސްޓޯޑިއަލް ޖަލަށް ގެންގޮސްފަ އެވެ. ނަމަވެސް، އެ ދުވަހުގެ ހަވީރު ހާލު ސީރިއަސް ވުމާއެކު، އައިޖީއެމްއެޗުގައި އަނެއްކާ ވެސް އޭނާ އެޑްމިޓު ކުރި އެވެ. އަދި ހޮނިހިރު ދުވަހުގެ ހެނދުނު އޭނާ ސްޓޭބަލް ވުމާ އެކީ، ފުލުހުންގެ ބެލުމުގެ ދަށަށް އަނެއްކާ ވެސް ގެންދިޔަ އެވެ.

އާދިއްތަ ދުވަހު ފުލުހުން ބުނީ އޭނާ އަމިއްލަ އަށް މަރުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ހާލު ސިރިއަސް ވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ދީފައިނުވެއެވެ.

Advertisement

ރާއްޖެއެމްވީއަށް އަތުހަރުގެ އާއިލާއިން ބުނީ އޭނާގެ ހާލަތާއި ގުޅޭގޮތުން އާއިލާއަށް ވެސް ފުލުހުން މައުލޫމާތު ދިނުމަށް ދެކޮޅު ހަދަމުންދާ ކަމަށެވެ. މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، އަތުހަރުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ، އޭނާގެ ބޮލުގައި ރެދުލާފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

ޑޮކްޓަރާއި ހަވާލާދީ އާއިލާއިން ބުނީ އަތުހަރުގެ ސިކުނޑި މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށާއި، ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. މިހާރު އިތުރު ޓެސްޓުތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ސިކުނޑި މަރުވި ކަމަށް ނިންމޭނީ އެޓެސްޓުތައް ހެދުމަށްފަހު ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

މީގެ އިތުރުން އާއިލާއިން ބުނީ އަމިއްލައަށް މަރުވާ އުޅުނު ކަމަށް ފުލުހުން ބުނާއިރު، އެކަމުގެ އެއްވެސް ހެއްކެތް ދެއްކިފައިނުވާ ކަމަށެވެ. އަދި އަމިއްލައަށް މަރުވުމަށް މަސައްކަތް ކޮށްފައިވަނީ އަތުހަރު ލައިގެން ހުރި ސޯޓުގައިއިން ރަބަރުގަނޑު ކަރުގައި އައްސައިގެން ކަމަށް ފުލުހުން ބުނާ ކަމަށާއި، އެއީ ގަބޫލުކުރަން ދަތި ވާހަކައެއް ކަމަށް އާއިލާއިން ބުނެއެވެ.

މިމައްސަލަ ތަހުގީގު ކުރަނީއޭ ކިޔާފަ މައުލޫމާތެއް ނުދޭ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ވެސް ރަނގަޅަށް ވާހަކަ ދައްކާ ހެދި. އަމިއްލައަށް މަރުވާން މަސައްކަތް ކުރާނެ ކަމަކަށް ނުބެލެވޭ. ފުލުހުން ބުނަނީ އަތުހަރު ލައިގެން ހުރި ސޯޓުގައި އިން ރަބަރުގަނޑު ނައްޓާލައިގެން ކަރުގައި އައްސާގެން 10 މިނެޓް އޮތިއްޔޭ. ނޭވާ ނުލާ.
އަތުހަރުގެ އާއިލާ

އަތުހަރަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާއިރު، އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ފުލުހުން މައުލޫމާތުތައް ނުދީ ހިފައްޓާތީ އާއިލާއިން ކަންބޮޑުވުންފާޅު ކޮށްފައިވެއެވެ.

އާއިލާއިން ކުރާ ތުހުމަތުތަކާ ގުޅިގެން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އަމަލުކުރި ގޮތަށް ގިނަ ބަޔަކު ދަނީ ތައުރީފް ވެސް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް