އޮޕަރޭޝަން ނުކުރާނަމަ ކުޅެން ނުކުތުމަށް ބާސެލޯނާއިން މިޑްފީލްޑަރު ފްރޭންކީ ޑިޔޮންގަށް އަންގައިފި އެވެ.
ނެދަލޭންޑްސްގެ މިޑްފީލްޑަރު އެންމެ ފަހުން ބާސެލޯނާ އަށް ކުޅުނީ މިދިޔަ އޭޕްރީލް މަހު އެވެ. އޭނާގެ ކަކުލަށް ތަދުވާތީވެ އެ ފަހުން ނުކުޅެ ފަރުވާ ކުރަން ޖެހުމުން ޖުލައި މަހު ނިމުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގައުމީ ޓީމަށް ވެސް ނުކުޅެވުނެވެ.
ބާސެލޯނާގެ އައު ކޯޗު ހަންސީ ފްލިކް އުއްމީދު ކޮށްގެން ހުރީ މި ސީޒަން ފެށޭއިރު ޑިޔޮންގަށް ކުޅެން ނުކުމެވޭނެ ކަމަށެވެ. ނަމަވެސް ސީޒަނުގެ ފުރަތަމަ މެޗު ނިމުނުއިރު ޑިޔޮންގް އަދިވެސް އިނީ ކުިބަލާށެވެ. މި ހަތަރު މެޗުން ބާސެލޯނާ މޮޅުވި ނަމަވެސް މިޑްފީލްޑް ލައިނަށް ދިމާވެފައިވާ ހީނަރު ކަމުގެ ސަބަބުން ޑިޔޮންގް ލައްވައި ކުޅުވަން ބާސެލޯނާ ވަނީ ބޭނުންވެފަ އެވެ.
މިހެންވެ ގޮތެއް ނިންމަން އޭނާ އަށް ވަނީ 15 ދުވަސް ދީފަ އެވެ. އެއީ ކަކުލުގެ ތަދު ފިލުވުމަށް އޮޕަރޭޝަން ކުރުން ނުވަތަ ތަދާއެކު ކުޅެން ނުކުތުމަށެވެ. މީގެ ތެރެއިން ކޮންމެ ގޮތެއް އިހްތިޔާރު ކުރި ނަމަވެސް ބާސެލޯނާގެ މިހާރުގެ މެނޭޖްމަންޓުން ތިބީ އޭނާގެ ކޮންޓްރެކްޓް އައުނުކޮށް ވިއްކާލަން ތައްޔާރުވެގެންނެވެ. ސަބަބަކީ ބާސެލޯނާ އަށް ބަދަލުވިތާ ހަތަރު އަހަރުވީއިރު ވެސް ޑިޔޮންގަށް މޮޅު ކުޅުމެއް ނުދެއްކުމެވެ.
ނެދަލޭންޑްސްގެ ކޯޗު އަދި ކުރިން ބާސެލޯނާ އަށް ކޯޗުކޮށްދިން އެކުލަބުގެ ކުރީގެ ޑިފެންޑްަރު ރޮނަލްޑް ކޫމަން ޔޫރޯގެ ކުރިން ބުނީ ކުޅުންތެރިޔާ ހަލާކުކޮށްލީ ބާސެލޯނާއިން ކަމަށާއި އަނިޔާ މާބޮޑަށް ގޯސްވީ ތަދާއެކު ބާސެލޯނާއިން އޭނާ ލައްވައި ކުޅުވުމުން ކަމަށެވެ.