ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އެހެނިހެން ތަންތަނަށް ދޭ އަހަންމިއްހަތުތައް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ދެމުން ނުދާ ކަމަށާއި އެތަނަށް މާބޮޑު ސަމާލުކަމެއް ދެމުން ނުދާ ކަމަށް އެންޑީއޭގެ ކުރިގެ ސީނިއާ އެގްޒެކިއުޓިވް ޑިރެކްޓަރ އަދި އެމްޑީޕީގެ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ކޮމިޓީގެ މުގައްރިރު މުހައްމަދު ސޮބްރީ (ސަބާ) ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެންޑީއޭ އަށް ސީއީއޯ އަކު އައްޔަންނުކޮށް އެތައް ދުވަހެއް ވުމުން އެނގެނީ އެތަނަށް ދޭ އަހައްމިއްޔަތުކަން ކުޑަކަން ކަމަށެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ މަސްތުވާތަކެތި ބޭނުން ކުރުން މަދުކުރުމަށް އެކަށީގެންވާ ސިޔާސަތެއް ނެތި ކަމަށާއި ވެރިކަމުގެ މިހާހިސާބަށް އައި އިރުގަވެސް އެކަމާއި މެދު އެކަށީގެންވާ ޕްލޭނެއް ސަރުކާރުން ގެންގުޅެމުންދާ މަންޒަރު ފެނިގެން ނުދާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން އެންޑީއޭގެ މަޤާމުތަކަށް ލާފައި ތިބި ބޭފުޅުންގެ ތަޖުރިބާ މަދުވުމުގެ ނަތީޖާ އަކީ އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުން ކަމަށެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ޖޫން 4 އާއި ހަމައަށް ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ބައްދަލުވުމެއް ބޭއްވިފައި ނުވާ ކަމަށް ފާހަގަކުރައްވާ އޭނާ ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ ބައްދަލުވުމުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ސިޔާސަތެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށާއި އެހެންކަމުން މިހާތަނަށް މަސައްކަތް ކުރީ ސިޔާސަތެއް ނެތިކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަކީ 3 މަހުން 1 މަހު ބައްދަލުވާންޖެހޭ ކައުންސިލަކަށް ވީ ނަމަވެސް އެކަން އެގޮތަށް ނުހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް މަސައްކަތްކުރާ ރިކަވަރީ ކޯޗުންގެ ވެސް ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއި ޚިލާފަށް އެމްޑީޕީގެ ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމްވެސް އެފަދަ ކަންކަން ވަރަށް ކައިރިން ބައްލަވަމުންގެންދެވި ކަމަށް ސަބާ ވަނީ ވިދާޅުވެފައެވެ.
ތަފާތަކީ އަޅުގަނޑުމެންގެ މެޖޯރިޓީ އެއް މަޖިލީހުގައި ވެސް ނިމިދިޔަ ސަރުކާރުގައި އޮތީ. ހަފްތާއަކު ދެ ފަހަރު ދާން ޖެހޭ. ގޮސްގެން އެ މައުލޫމާތު ދިނިން އަޅުގަނޑުމެން. ރައީސް ވެސް ނައިބު ރައީސް ވެސް އެކަންކަން ވަރަށް ކައިރިން ބެއްލެވި އޭރުގަ. މިހާރު އެހެންނެއް ނޫން މިކަން ހިނގަނީކީ. އެންޖީއޯތައް ގުޅިގެން ޗޭންޖް އެންޑީއޭގެ މަސައްކަތް ކުރިއަށްދިޔަ. އެ ކްރިޓިސިޒިމްތައް ބަލައިގަތިން.އެންޑީއޭގެ ކުރިގެ ސީނިއާ އެގްޒެކިއުޓިވް ޑިރެކްޓަރ ސޮބްރީ
ފަންނީ މީހުންނަށް އަމުރު ހިންގަން ސިޔާސީ މީހުން ތިބޭ އިރު މަސްތުވާތަކެއްޗަށް ފަރުވާ ދިނުމާއި ގުޅުން ހުރި ކަންކަން އެކަށީގެންވާ މިންވަރަށް ނޭނގޭ މީހުން ވެރިންނަށް ލުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ސަބާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޑިޓޮކްސިފިކޭޝަނާއި އެހެނިހެން ފަރުވާ މަސްހުނިވާ ގޮތަށް މިހާރު ދެމުންދާ ފަރުވާ ނިޒާމް އޮޅުން ބޮޅުންކޮށްލާފައިވާ ކަމަށެވެ. މިހާރަށް ވުރެ ހަރުދަނާކޮށް ފަރުވާގެ ކަންކަން ނުބަލަހައްޓާ ނަމަ ކަންކަން ދާނީ ގޯހުން ގޯހަށް ކަމަށް އޭނާ ވިދާޅުވިއެވެ. ޚަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިހާރު ވެސް އެންޑީއޭ އިން ކުރިން ބޭނުން ކުރަމުން އައި ބައެއް ތަންތަން ދޫކޮށްލާފައިވާ އެކަމުގެ ސަބަބުން ދަތިތަކާއި ދިމާވާ ކަމަށް ސަބާ ވިދާޅުވިއެވެ. އުސޫލެއް މިސްރާބެއް ނެތި، މަސްތުވާތަކެތީގެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މަސްތުވާތަކެތީގެ މައްސަލަ އަކީ ގިނަ ދުވަސްވީ މައްސަލަ އެއް ކަމަށް ވާއިރު އެކަމާއި މެދު ފަރުވާކުޑަކޮށްގެން ނުވާނެ ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.