ކ. މާލެ
|
31 އޯގަސްޓް 2024 | ހޮނިހިރު 21:32
ޗިޓަގޮން މެޑިކަލް ކޮލެޖް
ޗިޓަގޮން މެޑިކަލް ކޮލެޖް
ޑާކާ ޓްރިބިއުން
ދިވެހި ޑޮކްޓަރުންނަށް ހަމަލާދިނުން
ބަންގްލަދޭޝްގެ ޗިޓަގޮން މެޑިކަލް ކޮލެޖުގައި ދިވެހި ޑޮކްޓަރުންނަށް ހަމަލާ ދިނުން އެމްޓީޑީ އިން ކުށްވެރިކޮށްފި
ދެ ޑޮކްޓަރުންގެ ސަލާމަތައް ގެންގޮސް ހޮސްޕިޓަލުގެ އިސްޓޯރެއްގައި އެތައް އިރަކު ބޭތިއްބި ކަމަށްވެސް މައުލޫމާތު ލިބިފައިވޭ

ބަންގްލަދޭޝްގެ ޗިޓަގޮން މެޑިކަލް ކޮލެޖުގައި ދިވެހި ދެ ޑޮކްޓަރަކަށް ހަމަލާ ދިނުން މޯލްޑިވްސް ތާރޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން ކުށްވެރިކޮށްފިއެވެ.

އެމްޓީޑީ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޗިޓަގޮން މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި ދެ ދިވެހި އަންހެން މެޑިކަލް ދަރިވަރުންނަށް ބަޔަކު އައިސް ހަމަލާދީ، ފުރައްސާރަކުރި ޢަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެމްޓީޑީ އިން ވަނީ ބަންގްލަދޭޝްގައި ދިރިއުޅޭ ހުރިހާ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސްވެރިޔާ ޔޫނުސް އަށާއި ބަންގްލަދޭޝް ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ އަންހެން ދެ ޑޮކްޓަރުންނަށް ހަމަލާ ދިނީ ބަލިމީހެއްގެ ގަޔަށް އިންޖެކްޝަން އެއް ޖަހާ މަރާލީ ކަމަށް ތުހުމަތު ކޮށް ހޮސްޕިޓަލެއް ގްރޫޕެއް ވަދެގަނެއެވެ.

މަރުވި މީހާ އަކީ ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެނައި މީހެއް ކަމަށާއި ދިވެހި ޑޮކްޓަރުންނާ އެ މީހާގެ ގަޔަށް ޖެހި ކަމަށް ބުނާ އިންޖެކްޝަނާ އެއްވެސް ގުޅުމެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރުޅި އައިސްފައި ތިބި ބަޔަކު ދިވެހި ޑޮކްޓަރުންގެ ގަޔަށް އަތްލާ ފުރައްސާރަ ކޮށްފައިވާ ކަމަށާއި، އެ ދެ ޑޮކްޓަރުންގެ ސަލާމަތައް ގެންގޮސް ހޮސްޕިޓަލުގެ އިސްޓޯރެއްގައި އެތައް އިރަކު ބޭތިއްބި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާ އާ ގުޅިގެން ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީއަކުންވެސް އަދި ދިވެހި ސަރުކާރަކުންވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް