ކ. މާލެ
|
31 އޯގަސްޓް 2024 | ހޮނިހިރު 14:01
ޣައްޒާގައި ޔަހޫދީ އިޒްރޭލް ސިފައިން ހަރަކާތްތެރިވަނީ
ޣައްޒާގައި ޔަހޫދީ އިޒްރޭލް ސިފައިން ހަރަކާތްތެރިވަނީ
އޭއެފްޕީ
ޣައްޒާ ހަނގުރާމަ
ޔަހޫދީ ސިފައިން ޣައްޒާ އަށް ބޮން އަޅައިފި، ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި
ޔަހޫދީ ސިފައިން ފަލަސްތީނަށް ދެމެދުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މަދުވެގެން 40,602 ށް ވަނީ އަރާފައި، ޒަޚަމްވި މީހުންގެ އަދަދު 93,855 ށް ވުރެ މައްޗަށް ހިނގައްޖެ

ޔަހޫދީ އިޒްރޭލުގެ ސިފައިން ފަލަސްތީންގެ ޣައްޒާ އަށް އަނެއްކާވެސް ބޮން އަޅާ، ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފިއެވެ.

ޣައްޒާގެ ސިވިލް ޑިފެންސްއިން ބުނި ގޮތުގައި، އުތުރުގެ ޖަބާލިޔާ އަދި ދެކުނުގެ ޚާން ޔޫނިސް ހިމެނޭގޮތަށް ޣައްޒާގެ އެކި ސަރަޙައްދުތަކަށް އިޒްރޭލުން ދާދިފަހުން ދިން ހަމަލާތަކުގައި މަދުވެގެން 12 ފަލަސްތީނު މީހުން ޝަހީދުވެއްޖެއެވެ.

ޔަހޫދީ ސިފައިންގެ ބާރުތަކުން ޖެނިން ސިޓީ ވަށާލައި އެ ސިޓީ ހިސޯރު ކުރުމުގެ ސަބަބުން، ފަލަސްތީނު ރައްޔިތުންނަށް ކާނާ އާއި ފެން، ކަރަންޓު އަދި އިންޓަރނެޓް ލިބުން ވަނީ ހުއްޓިފައެވެ. މިއީ ހުޅަނގު އައްސޭރިއަށް މި ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ޔަހޫދީ ސިފައިން ދިން އެންމެ ވަރުގަދަ ހަމަލާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަލަސްތީނު ރެފިއުޖީންނާ ބެހޭ ޔޫއެން އޭޖެންސީ ކަމުގައިވާ އަންރްވާއިން ބުނާ ގޮތުގައި، ބުދަ ދުވަހުން ފެށިގެން ޔަހޫދީ ސިފައިން ހުޅަނގު އައްސޭރިއަށް އަރައިގަނެ ދިން ހަމަލާތަކުގައި ހުޅަނގު އައްސޭރިން 20 ފަލަސްތީނު މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި ނުކުޅެދުންތެރިކަން ހުރި މީހަކާއި އެތައް ކުޑަކުދިންނެއް ހިމެނެއެވެ.

އާދީއްތަ ދުވަހު ޣައްޒާގައި ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕޭން ފެށުމުގެ އުއްމީދުގައި ތިބި އދ ގެ އޮފިޝަލުން ބުނަނީ، އިޒްރޭލް ސިފައިންގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ކާބޯތަކެއްޗާއި ޞިއްޙީ އެހީ ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާ އަށް އަރާ ޔަހޫދީ ސިފައިން ދެމެދުންދާ ހަމަލާތަކުގައި މަދުވެގެން 40,602 ފަލަސްތީން މީހުން ޝަހީދުވެ، 93,855 މީހުން ވަނީ ޒަޚަމްވެފައެވެ.

- ކޮމެންޓް