ކ. މާލެ
|
31 އޯގަސްޓް 2024 | ހޮނިހިރު 11:59
ހޯމް މިނިސްޓަރު އަލީ އިހުސާން
ހޯމް މިނިސްޓަރު އަލީ އިހުސާން
ހޯމް މިނިސްޓްރީ
އަންހެނަކު ރަހީނުކޮށް ބިރުދެއްކި މައްސަލަ
ރަހީނުކުރި އަންހެން މީހާގެ މައްސަލާގައި ފުލުހުން ބާރުގެ ބޭނުން ކުރި ގޮތުގެ އެތެރޭގެ ތަހުގީގެއް ހިންގުމަށް އަންގާފައިނުވާނެ: މިނިސްޓަރު އިހުސާން
ފުލުހުން ކުރީ ހިތްވަރުގަދަ މަސައްކަތެއް
ރަހީނުކުރި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާއެކު ކޮމިޝަނަރ އޮފް ޕޮލިސް ވެސް ވަނީ ބައްދަލުކުރައްވާފައި
ޕްރޮފެޝަނަލް ކަމާއެކު ''ތުރެޓް ނިއުޓްރަލައިޒް'' ކޮށްފައިވޭ
ޚަބަރުގެ އޯޑިއޯ

ރަހީނުކުރި އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން ބާރުގެ ބޭނުން ކުރި ގޮތުގެ އެތެރޭގެ ތަހުގީގެއް ހިންގަމުން ނުދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މާލޭގައި އަންހެނަކު ރަހީނުކޮށް ބިރުދެއްކި ފިރިހެނަކާއި ދެކޮޅަށް ބާރުގެ ބޭނުންކޮށް ފުލުހުން އެ އަންހެން މީހާ ސަލާމަތްކޮށްފައިވަނީ 29 އޯގަސްޓް 2024 ވީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން ބާރުގެ ބޭނުން ކުރި ގޮތުގެ އެތެރޭގެ ތަހުގީގެއް ހިންގަމުންދާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރުމާއި ގުޅިގެން އެކަން ދޮގުކޮށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ތަހުގީގު ކުރަން އަންގާފައިނުވާ ކަމަށެވެ،

މިނިސްޓަރު އިހުސާން ވިދާޅުވީ ފުލުހުން ކުރީ ހިތްވަރުގަދަ މަސައްކަތެއް ކަމަށާއި، ފުލުހުންގެ މަސައްކަތުން ރަހީނުކޮށްފައިވާ އަންހެނެއް ސަލާމަތް ކުރެވުނު ކަމަށެވެ. އަދި ވިދާޅުވީ އެކަމަށްޓަކައި ފުލުހުންނަށް ސާބަސް ދަންނަވާ ކަމަށެވެ.

މީގެ އިތުރުން ރަހީނުކުރި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާއެކު ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވެސް ވަނީ ބައްދަލުކުރައްވައި އެ ފުލުހުންގެ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ފުލުހުންނާ ބައްދަލުކުރައްވަނީ

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، މިއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް ވަރަށް ކާމިޔާބު ކަމާއި ޕްރޮފެޝަނަލް ކަމާއެކު ''ތުރެޓް ނިއުޓްރަލައިޒް'' ކޮށްފައިވާ ކަމަށެވެ. ކޮމިޝަނަރ ވިދާޅުވީ މި އޮޕަރޭޝަންގައި ކޮމިއުނިކޭޝަން ވަރަށް ރަނގަޅަށް ދިޔަކަމަށާއި، ހާލަތާއި ނުކުމެދާނެ ނަތީޖާއަށް ބަލާއިރު ނިއުޓްރަލައިޒް ކުރުމުގައި ނިންމި ނިންމުން ރަނގަޅު ކަމަށެވެ.

މިފަދަ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީންތައް ހަދަމުން ގެންދިއުމުގެ މުހިއްމުކަން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވީ ހުރިހާ ފުލުހުންވެސް އެންމެ އިސްކަމެއް ދޭ ކަމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށް ހަދަން ޖެހޭ ކަމަށެވެ.

އާދިއްތަ ދުވަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވެވި މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ މެނޭޖްމަންޓްގެ ބައެއް އޮފިސަރުންނާއި، ރޭގެ ހާދިސާގެ ކޮމާންޑަރުންނާއި، ހަރަކާތްތެރިވި ޓީމްތަކުގެ ލީޑަރުން އަދި އެ ހާދިސާގައި ހަރަކާތްތެރިވި ހުރިހާ ފުލުހުން ބައިވެރިވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް