މަގުމަތީގައި ގަވައިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ 350 ފަރާތަކަށް ހަމަސް ތެރޭގައި ފިޔަވަޅު އަޅާފައިވާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޤާނޫނާ ގަވައިދު ތަންފީޒު ކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތަފްސީލުތައް އާޒިމް ވަނީ ހާމަކުރައްވާފައެވެ.
އާޒިމް ވިދާޅުވީ ޕާކުތަކާ މިސްކިތްތަކުގައި ނިދާ 1025 މައްސަލަ އަށް އެޓެންޑްވެފައިވާ ކަމަށާއި، މިކަމަށް އަދިވެސް ފުރިހަމަ ހައްލެއް ނުލިބޭ ކަމަށެވެ. އަދި އޭސީ ދިއަ ދޮވިތަކުންނާއި އެހެނިހެން ގޮތްގޮތުން މަގުމައްޗަށް ފެންފައިބާ 400ށް ވުރެ ގިނަ މައްސަލަ ފާހަގަކުރެވި އެބޭފުޅުންނަށް އެކަންތައްތައް ރަނގަޅު ކުރުމަށް އަންގާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އޭގެ ތެރެއިން ދެބައިކޮށްފައި އެއްބައި ރަނގަޅުވެސް ކުރެވިއްޖެ ކަމަށާއި، ކޮންމެ ދުވަހަކު މަސައްކަތް ކުރަމުންދާއިރު އެހެން އިތުރު ތަންތަން ވެސް އަންނަ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ މޭޔަރ ކަމަށް ވަޑައިގަތް އިރު ރޯދަ މަހު މުޅި މާލެތެރެ އޮތީ ގޮޑު ވެފައި ކަމަށެވެ. އެހެންނަމަވެސް މިދިޔަ 6އެއްކަ މަސް ތެރޭގައި ވޭސްޓްމެނޭޖްމަންޓް ޓީމުން 7498 ޓަނުގެ ކުނި މާލެ ތެރެއިން ނެގުނު ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މާލެސިޓިގެ މަސައްކަތްތައް ވަރުގަދަކޮށް ހަރުދަނާ ކޮށްފައިވާ ކަމަށާއި މިއަދު މާލެތެރެ މިވަނީ ވަރަށް ބޮޑަށް ސާފުތާހިރު ވެފަކަމަށް އާޒިމް ވިދާޅުވިއެވެ. މިއީ ބައެއްގެ ވަރަށް ބުރަ މަސައްކަތް ކަމަށް ފާހަގަކުރައްވާ އާޒިމް ވިދާޅުވި . ކުނި އެޅުމަށް ޚާއްސަކުރެވިފައިވާ ތަންތަނަށް ކުނި އެޅުމަށް ރައްޔިތުންނަށް ހަނދުމަކޮށްދޭ ކަމަށެވެ.
ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި މަލޭގެ މަގުތައް މަރާމާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ މަސައްކަތްތަކެއް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމައެއާއި އެކު މާލެގެ މަގުތަކުގައި އިތުރު މަސައްކަތްތައް ކުރަން ޖެހިފައިވާ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި މަގުމަތީގައި ވަޅުގަނޑު ހެދުމާއި، ދުވާރުގެ މައްސަަލަ ހައްލުކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކާއި އެކު އެކަމާއި ގުޅުން ހުރި މަޝްވަރާތައް ކުރަމުންދާ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. މަގުތަކަކީ ގިނަ ރައްޔިތުން ބޭނުންކުރާ ތަނަކަށް ވާއިރު، މަގުތައް ކޮނެފަ މަގުތައް ރަނގަޅަށް ހެދުމަކީ މުހިއްމު ކަމެއްކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މަގުމަތީގެ ބައެއް މަސައްކަތްތައް ކުރަން ޖެހެނީ ދުވާރުތައް ނަގައިގެން ކަމަށް ވާއިރު އެކަން ކުރަން ޖެހޭނީ ރަނގަޅަށް ކަމަށް އާޒިމް ވިދާޅުވިއެވެ. ކޮންމެ ދުވަހަކުވެސް މާލޭގައި 30 ވަރަކަށް ތަން ކޮންނަ ކަމަށާއި މި މަސައްކަތްތައް ފަރުވާތެރިކަމައި އެކު ކުރަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އެކަން ފަރުވާތެރިކަމާއި އެކު ނުކުރުމުގެ ސަބަބުން ދިމާވާ އެކި ހާދިސާތަކުން ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އަނިޔާވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ބޮޑެތި ކުންފުނިތަކުން ކުރާ މަަސައްކަތްތައް ކުރަން ވާނީ ވަރަށް ފަރުވާތެރިކަމާއި އެކުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.