ގައިދީން ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ތެރެއިން މަސައްކަތް ކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އުނިވާ ދުވަހެއް ގޮތުގައި ހަމަޖައްސާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކ. މާފުށީގައި ގާއިމުކުރި ދިވެހި ސަގާފީ ގޯތި ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ގައިދީން ޖަލުގައި ގިނަ ދުވަހު ގެންގުޅުމަކީ ސިޔާސަތެއް ނޫން ކަމަށާއި، މަސައްކަތް ކުރަނީ ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ތެރެއިން ގައިދީންނަށް ހުނަރުތައް ދަސްކޮށްދީ، މުޖުތަމައުއަށް ނެރުން ކަމަށެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ގައިދީން ބައިވެރިވެ، މަސައްކަތުގައި ހޭދަ ކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އުނިވާ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ވަރަށް އަވަހަށް އެސިޔާސަތު ތަންފީޒު ވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު އިހުސާން ވިދާޅުވީ ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ތެރެއިން ގައިދީން ދަސްކުރާ ހުރިހާ މަސައްކަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ މަސައްކަތަކަށްވާނެ ކަމަށާއި، އެމަސައްކަތުގެ ތެރެއިން ސީދާ ގައިދީންނަށް އާމްދަނީ ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.
މިތަނުގައި ކުރެވޭ މަސައްކަތަކީ ގައިދީންއަށް ދަސްކޮށްދެވިގެން ދެމެހެއްޓެނިވި ގޮތެއްގައި ގައިދީން ކުރާ މަސައްކަތަކަށް ވާނެ ކަމަށް. އަދި އެމަސައްކަތުގެ ތެރެއިން އާމްދަނީ ލިބި އެ އާމްދަނީގެ ބައެއް ގައިދީންނަށް ސީދާ ލިބޭނެ ގޮތްތަކެއް ހޯދުން. ރައީސުލްޖުމްހޫރިއްޔާ އަދިވެސް ކަނޑައަޅާފައިވާ އައު ސިޔާސަތެއް އަޅުގަނޑު މިއަދު އިއުލާން ކޮށްލާނަން. ގައިދީންގެ ތެރެއިން ރިހެބިލިޓޭޝަން މަސައްކަތުގައި ބައިވެރިވާ ކޮންމެ ގައިދީއަކު އެއީ އެމީހާ އިލެކްޓްރިކް އިންޖިނިއަރިންގެ ދާއިރާއިން ވިޔަސް، ރޭނުމުގެ ދާއިރާއިން ވިޔަސް، ސަގާފީ މަސައްކަތުގެ ދާއިރާއިން ވިޔަސް، މަސައްކަތް އުނގެނުމަށް ނުވަތަ މަސައްކަތް ކުރުމަށް މަސައްކަތް ކުރާ ކޮންމެ ދުވަހަކީ ޖަލުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކީ އޭނާގެ ޖަލު ހުކުމުން އެއްދުވަސް އިތުރަށް ކެނޑިގެންދާނެ ދުވަހެއް ގޮތުގައި ހަމަޖެއްސުން.ހޯމް މިނިސްޓަރު އަލީ އިހުސާން
މިނިސްޓަރު އިހުސާން ވިދާޅުވީ ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ތެރެއިން މަސައްކަތް ކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އުނިވާ ދުވަހެއް ގޮތުގައި ހަމަޖެއްސުމަށް ގާނޫނުތަކާ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ. އަދި ހަރުދަނާ ގޮތެއްގައި މިމަސައްކަތް ކުރުމަށް ކަރެކްޝަނަލް ސަރވިސްއިން އުސޫލުތައް ކަނޑައަޅާ ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.