Advertisement
ކ. މާލެ
|
29 އޯގަސްޓް 2024 | ބުރާސްފަތި 14:22
ރައީސް މުއިއްޒު (ވ) އަދި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން (ކ)
ރައީސް މުއިއްޒު (ވ) އަދި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން (ކ)
ރާއްޖެއެމްވީ
އަބްދުއްރަހީމަށް ފާޑު ވިދާޅުވުން
މިސަރުކާރުގެ އެންމެ ބޮޑު ހޭދައެއް ކުރަންޖެހިފައިވަނީ އަބްދުއްރަހީމާއި، އެބޭފުޅާގެ އާއިލާއަށް: ޝިފާގު
މިއީ މަތިބަރު ނާގާބިލް ސަރުކާރެއް
ޕީޕީއެމްގައި މަސައްކަތް ކުރިއިރު ވެސް ޕާޓީގެ ގިނަ މެންބަރުން އަބްދުއްރަހީމަށް ނުރުހޭ
އަބްދުއްރަހީމް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދަންޖެހޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގައި އެންމެ ބޮޑު ހޭދައެއް ކުރަންޖެހިފައިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި އެބޭފުޅާގެ އާއިލާއަށް ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޝިފާގު މުފީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝިފާގު ވިދާޅުވީ ދިވެހި ރައްޔިތުން މަސައްކަތް ކުރީ އާއިލީ ވެރިކަން ނިމުމަކަށް ގެނެސް، ތިން ބާރު ވަކިވެފައިވާ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ކަމަށާއި، ވާދަވެރި ސިޔާސީ ނިޒާމެއް ގާއިމް ކުރުމަށް ކަމަށެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުގައި އޮތީ އަބްދުއްރަހީމްގެ އާއިލީ ބޭފުޅުން ކަމަށާއި، ދައުލަތުން ބޮޑު ހަރަދެއް ކުރަންޖެހެނީ އެއާއިލާއަށް ކަމަށެވެ. އެހެންކަމުން މިއީ މަތިބަރު ނާގާބިލް ސަރުކާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ޝިފާގު ވިދާޅުވީ ޕީޕީއެމްގައި އެބޭފުޅާ މަސައްކަތް ކުރިއިރު ވެސް އުޅޭގޮތުންނާއި، ބޭނުންކުރާ ބަހުރުވައިން ޕާޓީގެ ގިނަ މެންބަރުން އަބްދުއްރަހީމަށް ނުރުހޭ ކަމަށެވެ. އަބްދުއްރަހީމްގެ ފަސްމަންޒަރު މުޑުދާރުވެފައި ނުތާހިރުކަމަށާއި، އެއީ އެއްވެސް އިރެއްގައި އިތުބާރު ކުރެވޭފަދަ ބޭފުޅެއް ނޫން ކަމަށް ޝިފާގު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކަމެއް އޮޅުވާލުމަށް ނުވަތަ ވައްކަމެއް ކުރުމުގެ ފުރުސަތު ލިބިއްޖެކަމަށްވާނަމަ އެކަމެއް އަބްދުއްރަހީމް ކުރާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަބްދުއްރަހީމް ފާޑު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ޝިފާގު ވިދާޅުވީ އަބްދުއްރަހީމް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދަންޖެހޭ ކަމަށެވެ.

އަޅުގަނޑަށް ފެންނަނީ އަބްދުއްރަހީމް ދަރުމަވަންތަ ހޮސްޕިޓަލަށް ވަޑައިގަންނަވަން. ރައީސް ޔާމީން އެބަހުރި ބައިނަލްއަގުވާމީ ފެންވަރުގެ ދުނިޔޭގެ އެންމެ ތަަހުޒީބީ ގައުމުތަކުގައި ހުންނަ ފެންވަރުގެ ހޮސްޕިޓަލެއް އަޅުއްވާފައި. ވަޑައިގަންނަވާ ޑޮކްޓަރަށް ދައްކަވާށޭ. ސިކުނޑީގެ ޓެސްޓުތަކެއް ހައްދަވާށޭ. ސްކޭންތައް ހައްދަވާށޭ. ހަނދާންނެތޭ ބަލި ޖެހިފައި ބާއޭ ހުރީ. ކީއްވެގެންތޯ އޭ އެ ހާދިސާ ހިނގި (ފިނިފެންމާ ލޯންޗު ގޮއްވާލި) ހިސާބުން ފެށިގެން މިއަދާ ހަމައަށް އައިރު ގައުމުގެ ދެކެ ލޯބިވާ ތިވަރަށް އިހުލާސްތެރި ތިވަރަށް ތެދުވެރި ތިވަރަށް ވަފާތެރި ތިވަރުގެ މުރުއްވުއްތެރި ބޭފުޅެއް ކަމަށްވަންޏާ ކީއްވެގެންތޯއޭ މިހުރިހާ ދުވަސްވަންދެން ތި ވާހަކަ ނުދައްކަވާ ހުރީ. މިއަދު ތޯއޭ ތިވާހަކަ ދައްކަވަންވީ. މިއަދު ރައީސް ޔާމީން އަބްދުއްރަހީމަށް ކަމުނިދިޔާމަ ދެން ރައީސް ޔާމީނަށް ހެއްދެވި ނުހެއްދެވިއަށް ގޮވާ އަދި އެމަނިކުފާނުގެ އިސްތަށިފުޅުގައި އެކިއެކި އިލްޒާމްތައް އަޅުވައި އަދި އޭރު އެމަނިކުފާނު އަވަހާރަކޮށްލުމަށްޓަކައި ހިންގާފައި ހުރި ހާދިސާތައް އަބްދުއްރަހީމް ހިތުހުރި ގޮތަކަށް ބަދަލުކޮށްގެން ދެއްކީމަ ރައްޔިތުން ގަބޫލުކުރާނެ ކަމަށް އަބްދުއްރަހީމްއަށް ހީވަނީ.
ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޝިފާގު މުފީދު

ޝިފާގު ވިދާޅުވީ ޕީޕީއެމް އުފައްދައި ކުރިއެރުވީ އަބްދުއްރަހީމް ނޫން ކަމަށާއި، ނަމަވެސް ޕާޓީގެ ކްރެޑިޓް ނެގުމަށް މަސައްކަތް ކުރާ ކަމަށެވެ. މިއަދު ރައްޔިތުންނަށް އަބްދުއްރަހީމްއަކީ ކިހައި ފެންވަރެއްގެ ބޭފުޅެއްކަން އެނގޭ ކަމަށާއި، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް