ކ. މާލެ
|
29 އޯގަސްޓް 2024 | ބުރާސްފަތި 12:16
ރެއާލްގެ ކޯޗު ކާާލޯ އަންޗެލޮޓީ އަދި އެމްބާޕޭ
ރެއާލްގެ ކޯޗު ކާާލޯ އަންޗެލޮޓީ އަދި އެމްބާޕޭ
ގޯލް.ކޮމް
ރެއާލް މެޑްރިޑް
އެމްބާޕޭ ލަނޑު ޖަހާނެ، ހާސް ކަމެއް ނެތް: އަންޗެލޮޓީ
ރެއާލްގެ ވައްޓަފާޅި އަށް އެމްބާޕޭ މުޅިން ފަރިތަވެ، ފިޓުވުމުން، ދެން އޭނާ ގިނަ ލަނޑުތަކެއް ޖަހާނެ ކަމުގެ ޔަގީންކަން އޮންނަ ކަމަށް ވެސް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ލަނޑު ޖަހާނެ ކަމަށާއި، އެކަމާ އެއްވެސް ހާސް ކަމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ރެއާލަށް ބަދަލުވެ އެމްބާޕޭ ވަނީ މިހާތަނަށް އެ ޓީމަށް ތިން މެޗު ކުޅެދީފަ އެވެ. އެއީ ޔުއެފާ ސުޕަ ކަޕްގެ ފައިނަލް މެޗުގެ އިތުރުން، އައު ސީޒަންގެ ސްޕެނިޝް ލީގުގައި މިހާތަނަށް ރެއާލުން ކުޅެފައިވާ ދެ މެޗެވެ. އެޓަލަންޓާއާ ދެކޮޅަށް ރެއާލް ކުޅުނު ސުޕަ ކަޕްގެ ފައިނަލްގައި އެމްބާޕޭ ވަނީ ލަނޑު ޖަހައިފަ އެވެ. ސްޕެނިޝް ލީގުގައި މިހާތަނަށް އެމްބާޕޭ އަށް ލަނޑެއް ނުޖެހެ އެވެ.

ސްޕެނިޝް ލީގުގައި ރެއާލުން ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، އެމްބާޕޭ އެންމެ ފަހުން ލަނޑެއް ޖަހާފައި ވަނީ އޯގަސްޓު މަހުގެ 14 ވަނަ ދުވަހު ކަމަށާއި، އޭގެ ފަހުން ދެ ހަފްތާ ވެފައިވާ ކަމަށެވެ. އަދި އެކަމާ އެއްވެސް ވަރަކަށް ހާސް ވާން ނުޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އެމްބާޕޭ އަށް ލަނޑު ނުޖެހުމަކީ ރެއާލް ވެސް، އަދި އެމްބާޕޭ ވެސް ކަންބޮޑުވާނެ ކަމެއް ނޫން ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ. ރެއާލްގައި އެމްބާޕޭ ހުރީ ހިތްހަމަ ޖެހިގެން އަދި އުފަލުންކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، އެ ޓީމުގައި އެމްބާޕޭ ގިނަ ލަނޑުތަކެއް ޖަހާނެ ކަމަށެވެ. އެކަމުގެ މިސާލެއް ދައްކަމުން އަންޗެލޮޓީ ބުނީ، އެންމެ ފަހުން ރެއާލް ކުޅުނު ތިން މެޗުގައި ވެސް ވިނީޝިއުސް ޖޫނިއާ އަށް ލަނޑެއް ނުޖެހޭ ކަމަށާއި، އެކަމާ ހާސް ވެގެން އޭނާ ވެސް ނޫޅޭ ކަމަށެވެ.

އެހެންކަމުން ރެއާލްގެ ވައްޓަފާޅި އަށް އެމްބާޕޭ މުޅިން ފަރިތަވެ، ފިޓުވުމުން، ދެން އޭނާ ގިނަ ލަނޑުތަކެއް ޖަހާނެ ކަމުގެ ޔަގީންކަން އޮންނަ ކަމަށް ވެސް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް