ކ. މާލެ
|
27 އޯގަސްޓް 2024 | އަންގާރަ 15:02
އިސްރާއީލުގެ ސިފައިން އަގްސާ މިސްކިތް ކައިރީގައި
އިސްރާއީލުގެ ސިފައިން އަގްސާ މިސްކިތް ކައިރީގައި
ގޫގުލް
ފަލަސްތީން - އިޒްރޭލް ހަނގުރާމަ
އަލް-އަގްސާ މިސްކިތުގެ ގޯތި ތެރޭގައި ފައްޅި އެއް އަޅާނަން: އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ
އިސްލާމްދީނުގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ އަދި ފަލަސްތީނުގެ އެންމެ މުހިންމު ގައުމީ ނިޝާން ގެ ގޮތުގައި ބެލޭ އަލް-އަގްސާ ގައި ޔަހޫދީން އަޅުކަން ކުރުން އިޒްރޭލުން އޮންނަނީ މަނާކޮށްފައެވެ.

އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ މިނިސްޓަރ ބެން-ގަވީރް، އިރުމަތީ ޖެރޫސަލަމްގައިވާ އަލް-އަޤްޞާ މިސްކިތުގެ ގޯތި ތެރޭގައި ޔަހޫދީންގެ ފައްޅި އެއް އަޅާނެ ކަމަށް ބުނެފިއެވެ.

ހަރުކަށި ހައްދުފަހަނަ މިނިސްޓަރ ގެ އެ ވާހަކަ އާ އެކު މުސްލިމުންގެ އެންމެ މުޤައްދަސް އެއް ބިނާ ކަމަށް ވުމުގެ އިތުރުން ފަލަސްތީނުގެ ޤައުމީ ނިޝާނަކަށްވާ އަލް އަގްސާ މިސްކިތް ނުރައްކަލުގެ ތެރޭގައި ހުރި ކަމަށް ދެކެވޭ ވާހަކަތަކަށް އިތުރު ބާރެއް ލިބިގެން ހިނގައްޖެ ކަމަށް މުސްލިމުން ދެކޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލް-އަގްސާ މިސްކިތުގެ ސަރަހައްދަށް ޔަހޫދީން ވަދެ އަޅުކަން ކޮށް އުޅުން މަނާކޮށްފައި އޮތް އޮތުމާ އެތައް ފަހަރަކު ޚިލާފްވެފައިވާ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ އިޓާމަރ ބެން-ގަވީރް، ހޯމަ ދުވަހު އާމީ ރޭޑިއޯއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ، އޭނާ އަށް ކުރެވޭ ނަމަ އަލް-އަގްސާ މިސްކިތުގެ ގޯތި ތެރޭގައި ޔަހޫދީ ފައްޅިއެއް އަޅާނެ ކަމަށެވެ.

"އަހަންނަށް ބޭނުން ކަމެއް ކުރެވޭނަމަ މިތަނުގައި (އަލް-އަގްސާ) ގައި އިޒްރޭލުގެ ދިދަ ޖަހާނަން،" އިންޓަވިއުގައި ބެން-ގަވީރް ބުނެފައިވެއެވެ.

އޭނާއަށް ކުރެވޭނެ ނަމަ އެތަނުގައި ޔަހޫދީންގެ ފައްޅި އެއް އަޅާނެތޯ ނޫސްވެރިޔާ ތަކުރާރުކޮށް އެހުމުން، އޭނާ ޖަވާބު ގައި ބުނީ "އާނއެކޭ، އާނއެކޭ،" އެވެ.

އިޒްރޭލުގެ އެކި ސަރުކާރު ތަކުން މިހާތަނަށް ދަމަހައްޓަމުން އައި އުސޫލުގައި އޮންނަ ގޮތުން ޔަހޫދީންނާއި މުސްލިމުން ނޫން މީހުން ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި އިޒްރޭލުން ގަދަކަމުން ހިފާފައިވާ އިރުމަތީ ޖެރޫސަލަމްގައިވާ އަލް-އަގްސާގެ ގޯތި ތެރެއަށް ވަކި ގަޑިތަކެއްގައި ޒިޔާރަތްކުރުމުގެ ހުއްދަ އޮވެއެވެ. ނަމަވެސް އެތަނުގައި އަޅުކަން ކުރުމާއި ދީނީ ޝިއާރު ފާޅު ކުރުން އޮންނަނީ މަނާ ކޮށްފައެވެ.

2022 ވަނަ އަހަރުގެ ޑިސެމްބަރުގައި މަޤާމާ ހަވާލުވި ފަހުން، ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ ގެ މަގާމުގައި ހުރެގެން މުސްލިމުން ރުޅި އެރުވުމަށް ބެން-ގަވީރް 6 ފަހަރަށް އަލް-އަގްސާ އަށް ޒިޔާރަތް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް